މަދީނާގެ އުތުރުގައި ވާ، 3,533 ފޫޓު އުސްމިނުގެ އުހުދު ފަރުބަދަ. މިއީ ކާފަރުންނާ ދެކޮޅަށް މުސްލިމުން ކުރި ދެވަނަ ހަނގުރާމަ ކުރެވުނު ސަރަހައްދު -- ފޮޓޯ: ވިކިޕީޑިއާ

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލާމަސީލު ޤިޔާދަތާއި ކެތްތެރިވެ ވަޑައިގަތުމާއި، ސާބިތުވެވަޑައިގެންހުންނެވުމާއި، ކެރިވަޑައިގަތުމުގެ ތާރީޚީ ހަނދާނެއް

* * * *

ޤުޒްމާނަކީ މުނާފިޤެކެވެ. އޭނާ ޤަބީލީޢަޞަބިއްޔަތުގައި މުސްލިމުންނާއެކު ހަނގުރާމަޔަށް ނިކުތީއެވެ. ޝުރައިހު މަރުވުމުން ދިދައިގައި ހިފީ އަބޫޒައިދު ޢަމްރު ބިން ޢަބްދުމަނާފު ޢަބްދަރީއެވެ. އޭނާވެސް ޤަތުލުކުރީ ޤުޒްމާނެވެ. އެއަށްފަހު ޝުރަޙަބީލް ބިން ހާޝިމު ޢަބްދަރީގެ ދަރިޔެއް ދިދަ އުފުލައިލިއެވެ. އޭނާވެސް ޤުޒްމާނުގެ އަތުން މަރުވެއްޖެއެވެ.

މިދިހަ މީހުން ޤަތުލުވުމުން މުޝްރިކުންގެ ލަޝްކަރުގައި ޢަބްދުއްދާރު ވަންހައިގެ މީހަކު ނެތެވެ. ނަމަވެސް އެވަގުތު އެވަންހައިގެ ޙަބްޝީ އަޅެއްކަމުގައިވާ ޞަވާބު ދިދަ އުފުލައިލައި އޭނާގެ ސާހިބުންނަށްވުރެ މާހިތްވަރާއެކު ހަނގުރާމަކުރިއެވެ. ޞަވާބު ޤަތުލުވުމުން މުޝްރިކުންގެ ދިދަ އުފުލާނެ މީހަކު ނެތި އެދިދަ ބިންމައްޗަށް ވެއްޓިފައިއޮވެއްޖެއެވެ.

ހަނގުރާމައިގެ އެންމެ ބާރުބޮޑު މަރުކަޒުގެ ޙައިޘިއްޔަތުން މުޝްރިކުންގެ ދިދައިގެ ވަށައިގެން ހަނގުރާމަ ހިނގަމުން ދިޔައިރު މައިދާނުގެ އެހެނިހެން ދިމަދިމާގައިވެސް ދިޔައީ ވަރުގަދަޔަކަށް ހަނގުރާމަ ހިނގަމުންނެވެ. މުސްލިމުންގެ ތެރެއިން ޙަމްޒާ ބިން ޢަބަދުލްމުއްޠަލިބު އާއި، ޢަލީ ބިން އަބީޠާލިބު އާއި، އަބޫ ދުޖާނާއާ ތިން ބޭކަލުން (ރަޟިޔަﷲ ޢަންހުމް) މައިދާން އެފުށްމިފުށަށް ޖައްސަވަމުން ގެންދެވިއިރު އަބޫބަކުރުގެފާނާއި، ޢުމަރުގެފާނާއި، ޒުބައިރުގެފާނާއި، މުޞްޢަބު ބިން ޢުމައިރު އާއި، ޠަލްޙަތު ބިން ޢުބައިދުއްﷲ އާއި، ޢަބްދުﷲ ބިން ޖަޙްޝު އާއި، ސަޢުދު ބިން މުޢާޛު އާއި، ސަޢުދުބިން ޢުބާދާ އާއި، ސަޢުދު ބިން ރަބީޢު އާއި، ނަޟަރު ބިން އަނަސުފަދަ ބޭކަލުން (ރަޟިޔަﷲ ޢަންހުމް) ވަނީ މައިދާނު އެބޭކަލުންގެ ބާރުފުޅުގެ ދަށަށް ގެންނަވައިފައެވެ. މުޝްރިކުންގެ ތިންހާސް ހަނގުރާމަވެރީންނަށް މުސްލިމުންގެ ހަތްސަތޭކަ މުޖާހިދުން ފެންނަމުން ދިޔައީ ތިރީސްހާސް މުޖާހިދުންގެ ގޮތުގައެވެ.

ޙަމްޒަތުގެފާނު ޝަހީދުވުން

އަސަދުﷲ ޙަމްޒާ ބިން ޢަބްދުލް މުއްޠަލިބު ރަޟިޔަﷲ ޢަންހު ހަނގުރާމަކުރައްވަމުން ގެންދެވީ ރުޅިއައިސްގެން ބަކަރި އައިނެއްގެ ތެރެއަށް ވަދެގެން އުޅޭ ފިރިހެން ސިންގާއެއް ފަދައިންނެވެ. އެކަލޭގެފާނުގެ ކުރިމަތިފުޅުމަތީން މުޝްރިކުންގެ ގަދަފަދަ ފަހުލަވާނުން ކެވިއަރައިގެންދަނީ ގަދަވައިރޯޅިއަކަށް ހިކި ފަތްތަކެއް ބުރައިގެންދާ ފަދައިންނެވެ. ނަމަވެސް އެގޮތުގައި ހަނގުރާމަ ކުރައްވަމުން ގެންދަވަނިކޮށް އެކަލޭގެފާނު ޝަހީދުކޮށްލެވިއްޖެއެވެ. އެކަލޭގެފާނު ޝަހީދުކުރެވުނީ ފިރިހެނުންގެ ގޮތުގައި ކުރިފުޅުމަތީން ޙަމަލަދީގެނެއްނޫނެވެ. އެކަލޭގެފާނަށް އެނގިވަޑައިނުގަންނަވާ ގޮތަށް ފިލައިހުރެ ދިން ކެހިވެރި ޙަމަލާއަކުންނެވެ.

ޙަމްޒަތުގެފާނު ޝަހީދުކުރެވުނީ އެކަލޭގެފާނު އަރުޠާތު ބިން ޝުރަޙަބީލް ޤަތުލުކުރެއްވުމަށް ފަހު މުޝްރިކުންގެ ސަފުތައް ދޯހަޅިކުރައްވައި ހާވިޔާކުރައްވަމުން ވަޑައިގެން ސަބާޢު ބިން ޢަބްދުލްޢުއްޒާ ޤަތުލުކުރެއްވިތަނާ އެކަލޭގެފާނުގެ ޤާތިލު ވަޙްޝީއަށް ފުރުޞަތެއް ލިބިގެންނެވެ. އޭނާ ހަބްޝީންގެ ޚާއްޞަ އުކުޅެއްކަމުގައިވާ ދުރުގައި ހުރެގެން ލޮންސިއެއްލައި ޖެހުމުގެ އުކުޅު ބޭނުންކޮށްގެން ހަމްޒަތުގެފާނު ޝަހީދުކޮށްލީއެވެ.

މިހާދިޘާ އާބެހޭގޮތުން ޚުދު ވަޙްޝީ ރިވާކުރައްވައިފައިވެއެވެ. (ވަޙްޝީވަނީ ފަހުން އިސްލާމްވެ ވަޑައިގެންފައެވެ. ނަބީކަމަށް ދަޢުވާކުރި ކައްޛާބެއްކަމުގައިވާ މުސައިލަމާ ޤަތުލުކުރެއްވީ ވަޙްޝީއެވެ. އެކަލޭގެފާނު ހަމްޒާ ރަޟިޔަﷲ ޢަންހު ޝަހީދުކުރެއްވި ގޮތަށް ހަމަ އެ ލޮންސީންނެވެ.)

"އަހަރެންނަކީ ޖުބައިރު ބިން މުޠުޢިމުގެ އަޅަކީމެވެ. އެނާގެ ބޮޑުބޭބެ ޠުޢައިމާ ބިން ޢަދީވަނީ ބަދުރު ހަނގުރާމައިގައި ޤަތުލުވެފައެވެ. ޤުރައިޝުން އުޙުދު ހަނގުރާމަޔަށް ދާންފެށުމުން މުޠުޢިމު އަހަރެންގެ ގާތުގައި ބުންޏެވެ. "އަހަރެންގެ ބޮޑުބޭބެގެ ބަދަލުގައި މުޙައްމަދުގެ ބޮޑުބޭބޭ ޤަތުލުކޮށްދީފިނަމަ ކަލޭގެ މިނިވަންވީއެވެ." އެހުށަހެޅުން ލިބުމުން އަހަރެން މައްކާގެ މިހުނާއެކު ނިކުމެއްޖައީމެވެ. އަހަންނަކީ ޙަބަޝީއެކެވެ. ޙަބަޝާގެ ޚާއްޞަ އުކުޅެއްކަމުގައިވާ ލޮންސިއެއްލައި ޖެހުމުގެ މާހިރަކީމެވެ. އަހަރެންގެ ލޮންސި އަމާޒުން ކައްސައިލުމަކީ ވަރަށް ނާދިރުކަމެކެވެ. ހަނގުރާމަ ފެށުމުން އަހަރެން މައިދާނަށްނުކުމެ ޙަމްޒާ ހޯދާން ފަށައިފީމެވެ. މީހުންގަނޑުގެ މެދުން އަހަންނަށް އެކަލޭގެފާނު ފެނިއްޖެއެވެ. އެކަލޭގެފާނު ހީވަނީ ހިރަފުސް ބުރުވަމުންދާ ގަދަފަދަ ޖަމަލެއްހެންނެވެ. މީހުންތައް ތަޅުއްވައި ބުރުއްސަވަމުން ގެންދަވަނީއެވެ. އެއްވެސް އެއްޗަކަށް އެކަލޭގެފާނުގެ ކުރިފުޅުމައްޗަކު ސާބިތުވެއެއް ނުހުރެވެއެވެ.

އަހަރެން އެކަލޭގެފާނު ޝަހީދުކުރަން ތައްޔާރުވާންފަށައިފީމެވެ. ގަހެއްގެ ނުވަތަ ހިލަގަނޑެއްގެ ފަހަތުގައި ފިލައި ހުރެގެން އެކަލޭގެފާނު ތަންކޮޅެއް ކައިރިއަށް ވަޑައިގަންނަވާތޯ ބަލަންކަމަށް އުޅެނިކޮށް ސިބާޢުބިން ޢަބްދުލް ޢުއްޒާ އަހަންނަށްވުރެ ކުރިޔަށް އަރައިގެން އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް ހިނގައްޖެއެވެ. ހަމްޒަތުގެފާނު ކަނޑިކޮޅުން ޖެއްސެވި ޖެއްސެވީނުން އެނާގެ ބޯ އުދުއްސައިލެއްވިއެވެ.

އަހަރެން ލޮންސި އަތަށް ހެޔޮވަރުކޮށް ކިރައިލައިފީމެވެ. އަހަރެން ބޭނުން ގޮތަށް އުކުޅަށް އަރުވައިފައި ލޮންސި ފޮނުވައިލައިފީމެވެ. ލޮންސި ދިޔަ ގޮތަށް ގޮސް ހެރުނީ އެކަލޭގެފާނުގެ ފޫޅުފުޅުގެ ތިރިން ދެފައިންޕުޅުގެ ދޭތެރެއަށެވެ. އެކަލޭގެފާނު ވެއްޓިވަޑައިގަތުމުންވެސް އަހަންނާ ދިމާއަށް ވަޑައިގަންނަވަން ތެދުވެވަޑައިގަންނަވަން އުޅުއްވިއެވެ. ނަމަވެސް ތެދުވެވަޑައެއް ނުގެންނެވުނެވެ. އަހަރެން އެކަލޭގެފާނު އަވަހާރަވާން ދޫކޮށްލީމެވެ. އަވަހާރަވުމުން އަހަރެން ގޮސް ލޮންސި ނަގައިގެން ލަޝްކަރުގާހަށް ގޮސް އިށީދެއްޖައީމެވެ. އެހައިތަނުން އަހަރެންގެ މަސައްކަތް ނިމުނީއެވެ. އަހަރެން އެހެން އެކަކާވެސް ކުޑަބޭރުވެސް ނާރަމެވެ. އަހަރެން އެކަލޭގެފާނު ޤަތުލުކުރީ މިނިވަންކަން ހޯދުމަށްޓަކައެވެ. މައްކާއަށް އެނބުރި އައުމުން އަހަންނަށް މިނިވަންކަން ލިބިއްޖެއެވެ."

ތީރުވެރީންގެ މަސައްކަތްޕުޅު

ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޖަބަލުއްރުމާތުގައި ބައިތިއްބެވި ތިރުވެރީންވެސް މުސްލިމުންނާ އެއްކޮޅަށް ހަނގުރާމައިގެ ތިލަފަތް ބަރުކޮށްލައްވަން މުހިންމު ދައުރެއް އަދާކުރެއްވިއެވެ. ޚާލިދުބުނުލް ވަލީދުގެ ވެރިކަމުގައި އަބޫ ޢާމިރު ފާސިޤުގެ މަގުދެއްކުމާއެކު މުޝްރިކުންގެ އަސްވާރުން އިސްލާމީ ލަޝްކަރުގެ ވާތުފިޔަ ފޫވައްޓައިލުމަށްފަހު ފަހަތުން ޙަމަލަދެވޭތޯ ތިން ފަހަރަށް މަސައްކަތްކުރިއެވެ. އެއިން ކޮންމެ ފަހަރަކުވެސް މުސްލިމުންގެ ތީރުވެރީން މުޝްރިކުންގެ އެތައްބަޔަކު ހަލަނިތަކަކަށް ހައްދަވައިލައްވައި އެހަމަލަތައް ނާކާމިޔާބު ކޮށްލެއްވިއެވެ.

ޤުރައިޝުންގެ ލަޝްކަރު ފުރިހަމަ ބާރާއެކު މުސްލިމުންގެ މުޖާހިދުންނަށް ހަމަލަތައް ދެމުން ގެންދިޔައިރުވެސް އިސްލާމީ ސަފުތަކަށް ކުޑަވެސް ދޯހަޅިކަމެއް ނުގެނެވުނެވެ. އިރެއް އިރަކަށް ދިޔައީ މުޝްރިކުންގެ ހިތްވަރު ބަލިވަމުންނެވެ. ފަންވަރާއި ބުންވަރު ނެތެމުންނެވެ. ކުރީންވެސް ދެންނެވިފަދައިން އެބައިމީހުންގެ ދިދައުފުލައިލާނެ މީހަކުވެސް ނެތި ދިދަ އޮތި ބިންމައްޗަށް ވެއްޓިފައެވެ. އެތައްބަޔަކު މައިދާން ދޫކޮށް ފިލައިގެންދާން ފަށައިފިއެވެ. ބަދަލުހިފުމުގެ ގޮތުންނާއި، އަލުން ޢިއްޒަތް އުފުލައި އަބުރުރައްކާތެރި ކުރުމުގެ ގޮތުން ދައްކަމުން އައި ވާހަކަތައް މުޅިންހެން ހަނދާންނެތިއްޖެކަހަލައެވެ.

މައިދާނުގެ ހާލަތުބަދަލުވުން

އަބޫސުފްޔާނަށް އެމަންޒަރު ފެނިވަޑައިގެންނެވުމުން އޭނާ އަނެއްކާވެސް އާކުޅިއެއް ކުޅުއްވިއެވެ. އޭނާ ޤުރައިޝުންގެ ލަޝްކަރުގެ ކާބޯތަކެއްޗާއި އަސްކަރީ ފޯރުމާލު ރައްކާތެރި ކުރައްވަން ޚާއްޞަކުރައްވައިފައި ތިބި ސިފައިންވެސް ފަހަތަށް ޖައްސަވައިލެއްވިއެވެ. ހަމައެއާއެކު މުޅީން ފިލައިގެންދާން އުޅޭ ވައްތަރު ދައްކައިލައްވައި ސާވާރުންގެ މިސުރާބު މައްކާއާވީ ފަރާތަށް އަނބުރައިލެއްވިއެވެ. މުސްލިމުންގެ ހިތްތަކުގައި ޣަނީމާއާމެދު ޝައުޤުވެރިކަން އުފެއްދެވުމަށްޓަކައެވެ. މައިދާނުން ފައިތިލަ އުފުރައިލައިފައި ފިލަންދުވަމުން ދިޔަ މުޝްރިކުންގެ ފަހަތުން ފަހައި ގޮސް ޤަތުލުކޮށް ނުވަތަ ހައްޔަރުކޮށް ހަނގުރާމަ ނިމުމަކަށް ގެނައުމާމެދު މުސްލިމުން ޣާފިލުކުރުވުމަށްޓަކައެވެ. އަބޫސުފްޔާނު މި މަކަރުހެއްދެވިއިރު ޚާލިދާއި އިކުރިމާގެ ކޮމާންޑުގައި މުޝްރިކުންގެ ލަޝްކަރުގެ ކަނާތުފިޔަ އާއި ވާތުފިޔަ އޮތީ ނިސްބަތުން ވަރަށް ގެއްލުން ކުޑަކޮށެވެ. ތަޒާކޮށޭވެސް ދެންނެވޭފަދަ ޙާލަތެއްގައެވެ.

އޭރު މުސްލިމުންގެ ކޮމާންޑަރ އިންޗީފު ހުންނެވީ އެކަލޭގެފާނުގެ ޤިޔާދަތުގެ މަރުކަޒުގައެވެ. އަރިހުގައި ތިއްބެވީ ހަށިފާރަވެރިންގެ ގާތްގަނޑަކަށް ނުވަވަރަކަށް ޞަޙާބީންނެވެ. ދެންތިއްބެވި މުޖާހިދުން ތިއްބެވީ މުޝްރިކުންނާ ހަމަލަ ދެއްވުމަށްޓަކައި ކުރިއަށް ނިކުމެވަޑައިގެންނެވެ. ކުރީ ސަފުތަކުގައި ތިއްބެވި ބޭކަލުންނާވެސް ޖަބަލުއްރުމާތުގައި ތިއްބެވި ތީރުވެރީންނާވެސް ޤިޔާދަތުގެ މަރުކަޒުން ގުޅުއްވައި އަމުރުފުޅުތައް ފޮނުއްވޭނެ މުވާސަލާތީ ވަސީލަތެއްނެތެވެ.

އެހެންކަމުން މުޖާހިދުންގެ ގިނަބޭކަލުންނަށް އަބޫސުފްޔާނުގެ މަކަރުގައި ޖެހިވަޑައިގެންވިއްޖެއެވެ. ދުޝްމިނުންގެ ލަޝްކަރަށް އެންމެ ފަހުގެ ޙަމަލަދެއްވައި، ފިލައިގެންދާ މީހުން ފައްސަވައިވަޑައިގަތުމުގެ ބަދަލުގައި ޣަނީމާއާއިގެން މަޝްޣޫލުވެވަޑައިގެންނެވިއްޖެއެވެ.

މުސްލިމުންގެ މުޖާހިދުން ތާރީޚުގެ ސަފްޙާތަކުގައި އަނެއްކާވެސް މަތިވެރި ފަތަޙައެއްގެ ވާހަކަ ލިޔުއްވަންވީ ދަނޑިވަޅުގައި ޖަބަލުއްރުމާތުގައި ތިއްބެވި ތީރުވެރިންނަށްވެސް ވަރަށް ބޮޑު ކުށެއްކުރެއްވިއްޖެއެވެ. އެބޭކަލުންގެ ދުރުވިސްނި ވަޑައިގަންނަވާ ކުޅަދާނަފުޅު ޤާއިދު ފަށްފަށުން ބާރުއަޅުއްވައި ދެއްވި ނަސޭހަތްޕުޅާއި ކުރެއްވި އަމުރުފުޅު ހަނދާންނައްތައިލެއްވިއްޖެއެވެ. މުސްލިމުންގެ ބަޔަކު ޣަނީމާ އެއްކުރާ މަންޒަރު ފެނިވަޑައިގެންފައި އޭގެ ތެރެއިން ގިނަބޭކަލުންގެ ހިތްޕުޅުގައި ދުނިޔަވީ ދަހިވެތިކަން އުތުރިގަތީއެވެ. "ޣަނީމާއެވެ! ޣަނީމާއެވެ! ތިޔަބައިމީހުންގެ އެކުވެރިން ހަނގުރާމަ ކާމިޔާބުކޮށްފިއެވެ. ދެން ބަލާން ތިއްބެންވީ ކީއްކުރަންހެއްޔެވެ؟" މިހެން ވިދާޅުވަމުން އެބޭކަލުންގެ މަޙާޛު ދޫކޮށްލައްވައިފައި ފަރުބަދަމަތީން ފައިބައި ވަޑައިގަންނަވާން ފައްޓަވައިފިއެވެ.

ތީރުވެރިންގެ ކޮމާންޑަރަށް އެމަންޒަރު ފެނިވަޑައިގަތުމުން އެކަން މަނާކުރެއްވިއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަމުރުފުޅު އޮތްގޮތް ބަވަސްކޮށް ހަނދާންކޮށްދެއްވިއެވެ. ނަމަވެސް ތީރުވެރީންގެ ގިނަބޭކަލުން (ފަންސާސް ބޭކަލުންގެ ތެރެއިން ސާޅީސް ބޭކަލުން) ފަރުބަދަމަތީން ފައިބައިވަޑައިގެން ޣަނީމާ އެއްކުރަމުން ދިޔަ މީހުނާ ބައިވެރިވެވަޑައިގެންފިއެވެ. ނަތީޖާއަކީ ހިނިތުންވުމާއެކު މުސްލިމުންނާ އިސްތިޤްބާލުކުރަމުންއައި ފަތަޙައާއި ކާމިޔާބީއާއި ނަޞްރު މުސްލިމުންނާ ދުރަށް މޫނު އަނބުރައިލުމެވެ.

ޚާލިދު ބުނުލް ވަލީދު އޭރު ހުންނެވީ ތޫނުލޯފުޅަކުން ޖަބަލުއްރުމާތު އާއި ހަނގުރާމައިގެ މައިދާނަށް އަންނަ ބަދަލުތައް ބައްލަވާށެވެ. ތީރުވެރިން ފަރުބަދަމަތީން ފޭބިތަން ފެނިވަޑައިގަތުމާއެކު ޚާލިދު ވިދުވަރެއްފަދަ ހަލުވިކަމާއެކު އަސްވާރުންނާއިގެން ވަޑައިގެން މުސްލިމުންގެ ފަހަތުން ޙަމަލަދެއްވައިފިއެވެ. ޚާލިދުގެ ފަހަތްޕުޅުން އެކަލޭގެފާނުގެ ބުރަކަށިފުޅު ޙިމާޔަތްކުރައްވަމުން ޢިކުރިމާ ވަޑައިގެންނެވިއެވެ. ފަރުބަދަމަތީގައި ސާބިތުވެތިއްބެވި ތީރުވެރީންގެ ނުވަ ބޭކަލުންނާއި އެބޭކަލުންގެ ކޮމާންޑަރ ޝަހީދުކޮށްލައްވައި ޒަޚަމުވެވަޑައިގެންނެވި ބޭކަލުން ފަރުބަދަމަތީން ތިރިޔަށް ފޮރުޅައިލެއްވުމަށްފަހު މުސްލިމުންގެ ފަހަތުން ވަރުގަދަ ޙަމަލައެއްދެއްވައިފިއެވެ. ފިލަންދުވަމުންދިޔަ މުޝްރިކުންނަށްވެސް އެކަން އެނގިއްޖެއެވެ. ބަނޫޙާރިޘުވަންހައިގެ ހިތްވަރުގަދަ އަންހެނެއްކަމުގައިވާ ޢަމްރާ ބިންތި ޢަލްޤަމާ މުޝްރިކުންގެ ދިދަ އުފުލައި ހިފަހައްޓައިލިއެވެ. ފިލަންދުވަމުން ދިޔަ މުޝްރިކުންތައް އެދިދައިގެ ދަށަށް އެއްވާން ފަށައިފިއެވެ. އަބޫސުފްޔާން އެމީހުން ގޮވައިގެން މުސްލިމުންގެ ކުރިމަތިންވެސް ވަރުގަދަ ޙަމަލައެއް ދެއްވައިފިއެވެ. ނަތީޖާއަކަށްވީ މުޝްރިކުންނަށް އިސްލާމީ ލަޝްކަރު ކުރިމަތިންނާއި ފަހަތުން ވަށައިލެވުމެވެ.

ކައުސާހިބާގެ ހިތްވަރުފުޅުގަދަ އަދި ނުރައްކާތެރި ނިންމެވުން

ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުގައި އޭރުތިއްބެވީ ކުރީންވެސް ދެންނެވިފަދައިން ޞަޙާބީންގެ ނުވަބޭކަލުންނެވެ. ހަތް އަންސާރުންނާއި ދެ މުހާޖިރުންނެވެ. ބައެއް ރިވާޔަތްތަކުގައިވާ ގޮތުން އެގާރަބޭކަލުންނެވެ. ހަތަރު މުހާޖިރުންނާއި، ހަތް އަންސާރުންނެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ ހުންނެވީ ޤިޔާދަތުގެ މަރުކަޒުގައެވެ. މުސްލިމުން މުޝްރިކުންނާ ހަނގުރާމަކުރާތަނާއި، މުޝްރިކުން ފިލައިގެންދާ މަންޒަރު ބައްލަވާށެވެ. އިތުރު ސާހިބާ އަށް ކުއްލިއަކަށް ފެނިވަޑައިގެންނެވީ ޚާލިދު އަސްވާރުންނާއިގެން ފަހަތުން ވަޑައިގެންނެވި މަންޒަރެވެ. އިތުރުސާހިބާގެ ކުރިފުޅުމަތީގައި އެހައިތަނުން އޮތީ ޢަމަލުކުރެއްވިދާނެ ދެގޮތެކެވެ. އެއްގޮތަކީ އަރިހުގައި ތިއްބެވި ޞަޙާބީންނާއިގެން އަވަސް އަވަހަށް އެތަނުން އެއްފަރާތްވެވަޑައިގެން ރައްކާތެރި ތަނެއްގެ ޙިމާޔަތް ހޯއްދެވުމެވެ. މުޝްރިކުން ވަށައިލައިފައިވާ އިސްލާމީ ލަޝްކަރު އެއުރެންގެ ޙާލުގެމަގަށް ދޫކޮށްލެއްވުމެވެ. ދެވަނަ ގޮތަކަށް އޮތީ އެކަލޭގެފާނުގެ މާތްހަށިކޮޅު ނުރައްކަލަށް ހުށަހަޅުއްވައިގެން ޞަޙާބީންނަށް ވިދާޅުވެ އަރިހަށް ގެންނެވުމެވެ. އެކަށީގެންވާ ޢަދަދެއްގެ ބޭކަލުން އަރިހަށް ޖަމާވެވަޑައިގެންނެވުމުން އައު މަޙާޛެއް ހުޅުއްވެވުމެވެ. އިސްލާމީ ލަޝްކަރު މުޝްރިކުންގެ ވަކިތަކުން ސަލާމަތްކުރައްވައި އަލުން ސަމާލުކުރެއްވުމެވެ.

(ނުނިމޭ)

comment ކޮމެންޓް