ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަނަކަށް ނުނިންމޭނެ: ސައުދުގެ ވަކީލު

ފުލުހުން މިއަދު ސައުދު ހުސައިން ސުޕްރީމް ކޯޓަށް ހާޒިރު ކުރަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅުމަކީ ގާނޫނީ ހަމަތަކުގެމަތިން އިލެކްޝަންސް ކޮމިޝަނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ ވަކީލު އަލީ ޝާހު ވިދާޅުވެއްޖެ އެވެ.

ސައުދުގެ ގޮނޑި ގެއްލިއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގައި ހިންގާ ޝަރީއަތުގައި މައްސަލަ ހުށަހަޅުއްވަމުން ޝާހު ވިދާޅުވީ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅޭނީ ސުޕްރީމް ކޯޓަށް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ހާލަތްތަކެއް ކަނޑައަޅައި ސުޕްރީމް ކޯޓުން ހުކުމް ކުރީ ޖުލައި 13 ވަނަ ދުވަހުކަން ފާހަގަ ކުރައްވައި، ސައުދުގެ ވަކީލު ޝާހު ވިދާޅުވީ ޕީޕީއެމްގެ ދަފްތަރުން އޭނާގެ ނަން އުނިކޮށްދިނުމަށް އެދި ސިޓީއަކުންނާއި ފޯމަކުން ސައުދު ވަނީ 10 ޖުލައިގައި އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފައި ކަމަށެވެ. އަދި ޖުލައި 11 ވަނަ ދުވަހު، ވީ އެންމެ އަވަހަކަށް ޕާޓީން ވަކިކުރުމުގެ ލިޔުމެއް ދިނުމަށް އެދި ސައުދު ސިޓީއެއް ފޮނުވާފައިވާ ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ބުނާ ގޮތުން ޕާޓީން ވަކިވުމަށް އެދި ޕާޓީގެ އޮފީހަށް ސިޓީ ފޮނުވުމުން އެ މީހަކު ޕާޓީން ވަކިވީ ކަމަށެވެ. އެހެންކަމުން ސައުދަކީ އެ ހުކުމުގެ ކުރިން ޕާޓީން ވަކިވެފައިވާ ބޭފުޅެއް ކަމަށް ގާނޫނީ ހަމަތަކުގެ މަތިން ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ދައުވާ އަށް ޖަވާބުދާރީވަމުން ދަނިކޮށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވަނީ މިއަދަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމުން ވާހަކަދެއްކުން ހުއްޓުވާފަ އެވެ. އަދި މާދަމާ 10:00 އަށް މިހާރު ވަނީ އިތުރު އަޑުއެހުމެއް ތާވަލްކޮށްފަ އެވެ.

ސައުދުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅާފައިވާ މައްސަލައިގެ ޝަރީއަތް ވެސް މާދަމާ އޮންނާނެ އެވެ.

comment ކޮމެންޓް