ސައުދީން ވެސް ރާއްޖޭގެ ރިސޯޓުތަކާ އެއްގޮތަށް ރިސޯޓު ހަދަނީ

ސައުދީގެ ބިޔަ ރިސޯޓު މަޝްރޫއު ހިންގާ ރަތްކަނޑުގެ އައްސޭރިއާއި ޖަޒީރާތައް -----

ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ކޮންޓްރޯލްކުރާ، މައްސަލަޖެހިފައިވާ ސައުތު ޗައިނާ ސީ އައިލެންޑްސްގައި ރާއްޖެ ސްޓައިލުގެ ރިސޯޓުތަކެއް ތަރައްގީކުރާނެ ކަމަށް މިދިޔަ އަހަރު ވަނީ އިއުލާންކޮށްފައެވެ.

ދެކުނު ޗައިނާ ކަނޑުގެ ޖަޒީރާތަކުގައި ޗައިނާއިން ވަނީ މީހުން އާބާދުވެސް ކުރަން ފަށައިފައެވެ. އަދި އެތަނުގައި "ޝަންޝާ"ގެ ނަމުގައި ސިޓީއެއް ގާއިމުކޮށްފައިވާ އިރު، ޗައިނާ ޑެއިލީ ނޫހަށް މިދިޔަ އަހަރު ދެއްވި އިންޓަވިއުއެއްގައި "ސަންޝާ ސިޓީ"ގެ މޭޔަރު ޝިއާއޮ ޖިއެ ވިދާޅުވީ އެ ކަނޑުގައި ރާއްޖެއާ އަޅާކިޔޭ ވަރުގެ، ފަތުރުވެރި މަންޒިލެއް ތަރައްގީ ކުރަން އެދޭ ކަމަށެވެ.

ރާއްޖޭގެ "ވަން އައިލެންޑް ވަން ރިސޯޓު" ކޮންސެޕްޓަށް އެކަނޑުގެ ޖަޒީރާތަކާއި ބައެއް ފަރުތައް ތަރައްގީކޮށް، ސީޕްލޭނު ނެޓްވޯކެއް ގާޢިމުކުރުމުގެ އިތުރުން ވެޑިންގްތަކާއި މަސް ދަތުރާއި ޑައިވިން ފަދަ ކަންކަން ވެސް އޮންނާނެ ކަމާށް އޭނާ ވިދާޅުވިއެވެ.

ާރާއްޖެއާ އެންމެ ގާތް އެއް ގައުމު ކަމުގައިވާ ޗައިނާއިން ރާއްޖޭގެ ސްޓައިލަށް ރިސޯޓު ހަދަން ނިންމާފައިވާ އިރު، ރާއްޖެއާ ދެން އެންމެ ގާތް ގައުމު، ސައުދީ އަރަބިއްޔާއިން މި ވަނީ މިފަދަ މަޝްރޫއެއް އިއުލާންކޮށްފައެވެ.

ޖުލައި 31 ވަނަ ދުވަހު ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ ރަތްކަނޑާ ދިމާލުން 30،000 އަކަ ކިލޯމީޓަރަށް ދެމިގެންދާ ޖަޒީރާތަކަކާއި، ރަތްކަނޑުގެ އައްސޭރިން ގޮނޑުދޮށްތަކެއް ހިމެނޭ ގޮތަށް، ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ބޮޑު މަޝްރޫއެއް އިއުލާން ކުރައްވައިފައެވެ.

މި މަޝްރޫއުގެ ދަށުން ރަތްކަނޑުގެ އައްސޭރީގެ ދެ ސިޓީ، އުމްލުޖް އަދިއަލްވަޖުހާ ދެމެދުގައި އޮންނަ ގާތްގަނޑަކަށް 50 ގުދުރަތީ ޖަޒީރާއެއްގައި ރާއްޖެ ސްޓައިލުގެ ރިސޯޓުތަކެއް ތަރައްގީކުރެވޭނެއެވެ. މި ރިސޯޓުތައް ތަރައްގީ ކުރާނީ ދުނިޔޭގެ ނަން މަޝްހޫރު، ބޮޑެތި ހޮޓެލް ޗެއިން އޮޕަރޭޓަރުންނާ ގުޅިގެން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މި މަޝްރޫއު ކުރިއަށް ދާނީ ވަލީއަހުދު މުގައްރިރުކަން ކުރައްވާ ސައުދީގެ ޕަބްލިކް އިންވެސްޓްމެންޓް ފަންޑުންނެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް، 2019 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ފަށާނެ ކަމަށާއި، މަޝްރޫއުގެ ފުރަތަމަ ފިޔަފަހި، 2022 ވަނަ އަހަރުގެ ފަހު ކުއާޓަރު ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް ސައުދީން ބުނެއެވެ.

މިއީ 2030 ވަނަ އަހަރަށް ސައުދީން ގެންގުޅޭ އިސްލާހީ ތަސައްވަރުގައި ޓޫރިޒަމާއި ހޮސްޕިޓެލިޓީ ދާއިރާގެ ދަށުން ކުރެވޭ ބޮޑު މަޝްރޫއެކެވެ. ސައުދީން މި މަޝްރޫއު ސިފަކުރަނީ ރަތް ކަނޑުގެ ދޮރާށިތައް މުޅި ދުނިޔެއަށް ހުޅުވާލުން ފަދަ ކަމެއްގެ ގޮތުގައެވެ.

މި މަޝްރޫއު ހިންގައިގެން ސައުދީގެ އެތެރޭގެ އިގްތިސާދު ހަތަރު ބިލިޔަން ޑޮލަރުން ކުރިއަރައި، 35،000 ވަޒީފާ އިތުރަށް އުފެއްދޭނެ ކަމަށް ބެލެވޭ ކަމަށް ސައުދީން ބުނެއެވެ.

comment ކޮމެންޓް