ރާއްޖެ ސްޓައިލުގެ ރިސޯޓު، ސައުތު ޗައިނާ ކަނޑުގައި އަޅަން ޗައިނާއިން ނިންމައިފި

ސައުތު ޗައިނާ ސީގައި އޮންނަ ޗައިނާގެ ސަންޝާ ސިޓީ ހުންނަ ރަށް --

އާސިއާންގެ ގައުމުތަކުގެ މެދުގައި، ދެކުނު ޗައިނާ ކަނޑުގެ މައްސަލަ ވަރަށް ބޮޑުވެފައިވާ އިރު، އެކި ގައުމުތަކުން ދަނީ، އެ ކަނޑުގައި ހުރި ޖަޒީރާތަކާއި ފަރުތަކަކީ އެ ގައުމުތަކުގެ މިލްކު ކަމުގައި ދައުވާ ކުރަމުންނެވެ. ނަމަވެސް ދެކުނު ޗައިނާ ކަނޑުގެ ނަން ނިސްބަތްވާ ޗައިނާ އިން ދުލެއް ދިނުމަށް ދެކޮޅު ހަދަ އެވެ. މުޅި ކަނޑުގެ މިލްކުވެރިކަން ޗައިނާ އިން ނަގައިގެން ތިބުމުގެ ސަބަބުން އެގައުމާއި އާސިއާންގެ ބައެއް އެހެން ގައުމުތަކާ ގުޅުން ދަނީ ގޯސްވަމުންނެވެ.

މައްސަލަ ގޯސްވެފައި އޮތް އިރު، މިދިޔަ އަހަރުތަކުގައި ޗައިނާ އިން ވަނީ ދެކުނު ޗައިނާ ކަނޑުގައި ޖަޒީރާ ރަށްތަކެއް ހިއްކުމުގެ މަސައްކަތް ކޮށްފަ އެވެ. އަޑު ފެތުރިގެން ދިޔައީ، އެތަނުގައި ޗައިނާ އިން މިލިޓަރީ ބޭސްއެއް ގާއިމުކޮށް، އެސަރަހައްދުގައި ޗައިނާގެ ބާރާއި ނުފޫޒު ގަދަ ކުރަން އުޅޭ ކަމަށެވެ.

ނަމަވެސް އިއްޔެ ޗައިނާގެ ސަރުކާރުގެ އޮފިޝަލަކު ބުނެފައިވާ ގޮތުން، ޗައިނާ އިން މަސައްކަތް ކުރަމުން ދަނީ އެސަރަހައްދުގައި ރިސޯޓުތަކެއް ވެސް ތަރައްގީ ކުރުމަށެވެ. ދެކުނު ޗައިނާ ކަނޑުގައި ކުޑަ ވަރެއްގެ "ރާއްޖެއެއް" ޗައިނާ އިން ހަދަނީ އެވެ. ސަބަބަކީ، ޗައިނާ އިން ބުނާ ގޮތުގައި އެތަނުގައި ތަރައްގީ ކުރާ ރިސޯޓުތައް ހަދާނީ ރާއްޖޭގެ ރިސޯޓުތައް ހުންނަ ސްޓައިލަށެވެ.

ދެކުނު ޗައިނާ ކަނޑުގެ ޕަރަސެލް ޖަޒީރާތަކުގައި ޗައިނާއިން ހަދާފައިވާ "ސަންޝާ ސިޓީ"ގެ މޭޔަރު ޝިއާއޮ ޖިއެ އިއްޔެ "ޗައިނާ ޑެއިލީ" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ދެކުނު ޗައިނާ ކަނޑުގައި ރާއްޖެއާ އަޅާކިޔޭ ވަރުގެ، ފަތުރުވެރި މަންޒިލެއް ތަރައްގީ ކުރަން އެދޭ ކަމަށެވެ.

"ބައެއް ޖަޒީރާތަކާ ފަރުތައް، ފަތުރުވެރިންނަށް ޚާއްސަކޮށްގެން ތަރައްގީ ކުރެވޭނެ،" ރާއްޖޭގެ ރިސޯޓުތައް ހުންނަ ސްޓައިލަށް ރިސޯޓު ހަދަން ޕްލޭންކުރާކަން ހިއްސާ ކުރަމުން ސަންޝާގެ މޭޔަރު ޝިއާއޮ ވިދާޅުވި އެވެ.

އަދި، ސީޕްލޭން ދަތުރާއި ކައިވެނި ޕާޓީތަކާއި މަސް ދަތުރާއި ޑައިވިން އަށް ދިއުން ފަދަ ކަންކަން ވެސް އިންތިޒާމު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ރިސޯޓު ތަރައްގީ ކުރަނީ "ވަން އައިލެންޑް ވަން ރިސޯޓު"، ނުވަތަ ރަށެއްގައި އެންމެ ރިސޯޓެއްގެ ކޮންސެޕްޓްގަ އެވެ.

ދެކުނު ޗައިނާ ކަނޑުގެ ޖަޒީރާތަކުގައި މީހުންގެ ހަރަކާތްތައް ގިނަ ކުރުމަށް، ޗައިނާއިން 2013 ވަނަ އަހަރުން ފެށިގެން އެ ކަނޑުގެ ޖަޒީރާތަކަށް ޗައިނާ ރައްޔިތުން، ކްރޫޒްތަކުގައި ގެންދަން ފެށި އެވެ. ނަމަވެސް، ޗައިނާ ނޫން ގައުމެއްގެ ރައްޔިތަކު އެތަނަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ދީފައެއް ނުވެ އެވެ.

ސައުތު ޗައިނާ ސީގެ މައްސަލައިގައި ޗައިނާއާ އެންމެ ބޮޑަށް މައްސަލަ ޖެހިފައި ވަނީ ފިލިޕީންސް އެވެ. ޗައިނާ އާއި ފިލިޕީންސާ ދެމެދު ކުރިމަތިވެފައިވާ ދެބަސްވުންތައް ހައްލު ކުރުމަށް މަޝްވަރާ ކުރުމަށް ނިންމާފައި ވަނިކޮށް، އެ މައްސަލަ ކޯޓު މެދުވެރިކޮށް ކުރިޔަށް ގެންދަން ފިލިޕީންސުން އަމިއްލަ އަށް ނިންމައި ނެދަލެންޑްސްގެ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް 2013 ވަނަ އަހަރު ވަނީ މައްސަލަ ހުށަހެޅި އެވެ.

އާސިއާން ގައުމުތަކުގެ މެމްބަރުން 2002 ވަނަ އަހަރު ސޮއިކޮށްފައިވާ، ޑިކްލެރޭޝަން އޮފް ކޮންޑަކްޓް އޮން ސައުތު ޗައިނާ ސީގެ ދަށުން، މަޝްވަރާގެ މަތިން މައްސަލަ ހައްލު ކުރުމަށް ފިލިޕީންސާއި ޗައިނާ އިން އެކުގައި އެއްބަސްވި ނަމަވެސް، ފިލިޕީންސުން މި މައްސަލަ ހައްލު ކުރުމަށް މިހާރު އަމިއްލައަށް ކޯޓަށް ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޗައިނާއިން ބުނެ އެވެ.

"މިއީ ފިލިޕީންސުން ޗައިނާ އަށާއި މުޅި ގައުމަށް ވި އަހުދެއްގެ ޝަރަފު ނަގައިލުން. ޓެރިޓޯރިއަލް މައްސަލަތައް ހައްލު ކުރަންޖެހެނީ ބައިނަލްއަގުވާމީ އާންމު ގާނޫނުތަކުން، އދ.ގެ މުއާހަދާއަކަށް ރިއާޔަތް ކޮށްގެނެއް ނޫން،" މި މައްސަލައާ ގުޅޭގޮތުން، ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވަންގް ފޫކަންގް ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

comment ކޮމެންޓް