އާންމުކޮށް ހުޅުވާލައިގެން 1500 ޓެކްނީޝަނުން ތަމްރީން ކުރަނީ، ކޯސް ހިލޭ!

ޓެކްނީޝަނުން ތަމްރީން ކުރުމުގެ ޕްރޮގްރާމުގައި ފެނަކަ ކޯޕަރޭޝަނާއި އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު މިއަދު ސޮއިކުރި އެއްބަސްވުމުގެ ލިޔުން ބަދަލުކުރަނީ --- ސަން ފޮޓޯ

އެޑިއުކޭޝަން މިނިސްޓްރީއާއި ފެނަކަ ކޯޕަރޭޝަނާ ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން 1500 ޓެކްނީޝަނުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް އިފްތިތާހް ކޮށްފިއެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮގްރާމް ހިންގުމަށް ފެނަކަ ކޯޕަރޭޝަނާއި އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ސޮއިކުރުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ، އެ ކުންފުނީގެ ފަރާތުން 148 އިންޖީނުގެ އެއް ބަލަހައްޓަމުންދާއިރު، 80 ޕަސެންޓަށްވުރެ ގިނަ ރަށްތަކަށް ފެނާއި ކަރަންޓް ދިނުމުގެ ޒިންމާ އެ ކުންފުންޏާ މަތިކުރެވިފައިވާކަމަށެވެ.

އަދި އެހާ ބޮޑު އޮޕަރޭޝަނެއް ފެނަކައިން ހިންގާއިރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ތަމްރީންވެފައި ތިބި ސްޓާފުން ނެތުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ފެނަކައިގަ 2500 ސްޓާފުން ތިބިއިރު، 1260 އަށްވުރެ ގިނަ ޓެކްނީޝަނުން އަދި މެއިންޓަނަންސް އޮފިސަރުން އެބަ ތިބި. އޭގެ ތެރެއިން ވެސް މެއިންޓަނެންސް ހަރަދު ވަރަށް ބޮޑަށް މަތިވެގެންދާ ޓްރެއިން ކުރެވިފައި ނެތް ޓެކްނީޝަނުން ނެތުމުން. އަދި އެކަމުގެ ސަބަބުން ހިތާމަވެރި ހާދިސާތައް ވެސް ހިނގާފައި އެބަހުރި،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ފެނަކަ ކޯޕަރޭޝަންގައި ތަމްރީނު ނެތް ސްޓާފުން މަސައްކަތް ކުރަނީ ރަށްރަށުގައި އެ ވަޒީފާތަކަށް ޝަރުތު ފުރިހަމަވާ ކުދިން ނެތުމުން ކަމަށެވެ.

ނަމަވެސް މިއަދު އިފްތިތާހުކުރި ޕްރޮގްރާމާއެކު އޭ ގްރޭޑްގެ ޓެކްނީޝަނުން އުފެދިގެންދާނެ ކަމަށާއި ކޯސް ނިންމާ މީހުންނަށް ފެނަކަ ކޯޕަރޭޝަނުން ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކުން ކުރިއަށް ގެންދާ އެ ޕްރޮގްރާމްގެ ދަށުން، އާއްމުކޮށް ކުރިމަތިލާ މީހުންގެ އިތުރުން ފެނަކަ ކޯޕަރޭޝަންގައި މިހާރު ތިބި ތަމްރީނު ނެތް މުވައްޒަފުން ތަމްރީން ކުރާނެއެވެ. އަދި އަތޮޅު ތަކުން ކުރިމަތިލާ މީހުންނަށް ކޯސް ހިންގާނީ އޮންލައިންކޮށާއި އެ ރަށެއްގައި ހުރި ފެނަކަ ކޯޕަރޭޝަންގެ އޮފީހުންނެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ، މާދަމައިން ފެށިގެން ކޯހުގެ ފުރުސަތު ގެޒެޓް ކުރެވި އިއުލާން ކުރެވޭނެ ކަމަށެވެ.

އަދި ވިދާޅުވީ، ކޯހުގައި ކިޔެވުމަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭއިރު، ކޮންމެ ފެންވަރެއްގެ ކުއްޖަކަށް ވެސް ޕްރޮގްރާމްގެ ދަށުން ކޯސް ލިބޭނެ ކަމަށެވެ.

"ކޮންމެ ލެވެލްއެއްގެ ކުއްޖެއް ނަމަވެސް ތަމްރީން ކުރަން ފެށޭނެ. އެއީ ގްރޭޑް ހަތެއްގެ ފެންވަރުގެ ކުއްޖެއް ނަމަވެސް އަދި 10 ނިންމާފައި ހުރި ކުއްޖެއް ނަމަވެސް. އެހެންކަމުން އެކި ކުދިން ނިމޭނީ އެކި ވަރަށް. ނަމަވެސް 6 މަސް ތެރޭގައި ނިމިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް