ސައުދީ އަރަބިއްޔާއަށް ފަހު އިސްރާއިލުންވެސް އަލްޖަޒީރާ މަނާކުރަނީ

ގުދުސްގެ އަލްޖަޒީރާ އޮފީސް

އިސްރާއިލުގައި ހުންނަ އަލްޖަޒީރާގެ އޮފީސް ބަންދުކުރަން ހަމަޖައްސައިފި ކަމަށް އިސްރާއިލްގެ ކޮމިޔުނިކޭޝަން މިނިސްޓަރު އައްޔޫބް ކާރާ ވިދާޅުވެއްޖެއެވެ.

" އަލްޖަޒީރާގެ އޮފީސް ބަންދުކުރަން ނިންމައިފައިވަނީ އަރަބި ގައުމުތަކުންވެސް އަލްޖަޒީރާ ބަންދުކޮށްފައިވާތީވެ،" ކާރާ ވިދާޅުވިއެވެ.

ކާރާ އިރުރަށް ވިދާޅުވި ގޮތުގައި އަލްޖަޒީރާ އަކީ ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރާ ޗެނަލެކެވެ.

އެނިންމުން އިއުލާން ކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސަށް ވަނުމުގެ ފުރުސަތު ވެސް އަލްޖަޒީރާއަށް ދީފައެއް ނުވެއެވެ.

އިސްރާއިލުން އަލްޖަޒީރާ ބަންދުކުރަން ނިންމައިފައި ވާއިރު ސައުދީ އަރަބިއްޔާއިން ވެސް ވަނީ އަލްޖަޒީރާ އެގައުމުގައި މަނާކޮށްފައެވެ. މެދުއިރުމަތީގައި ޓެރަރިޒަމަށް ވާގިވެރިވެ ހަމަނުޖެހުން އުފައްދާކަމަށް ބުނެ ގަލްފުގެ ގިނަ ގައުމުތަކުން ވަނީ ގަތަރާ ސިޔާސީ ގުޅުން ކަނޑާލައިފައެވެ.

އަލްޖަޒީރާއިން އެ މައްސަލައިގައި ވަނީ ގާނޫނީ ގޮތުން އެޅޭނެ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.

ނޫސްވެރިންގެ ދިފާއުގައި މަސައްކަތްކުރާ އެމެރިކާގެ ޖަމިއްޔާއެއް ކަމަށްވާ، ކޮމެޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓް (ސީޕީޖޭ) އިން ވެސް ވަނީ އިސްރާއީލުގެ ނިންމުން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.

" އަލްޖަޒީރާގެ އޮފީސް ބަންދުކުރުމަކުން އަދި މެދުއިރުމައްޗަކަށް ހަމަޖެހުމެއް ނާންނާނެ. އިސްރާއިލުގެ މިއަމަލުގެ ސަބަބުން މެދުއިރުމަތީގެ އެހެންގައުމުތަކުން މިނިވަން ނޫސްވެރިކަމާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތަކާ އެއްފަދަވީ،" ސީޕީޖީ އިން ނެރުނު ބަޔާނެއްގައިވެއެވެ.

comment ކޮމެންޓް