ހާޒިރު ނުވެއްޖެ ނަމަ ގާސިމްގެ ޣައިރު ހާޒިރުގައި ޝަރީއަތް ކުރާނެ ކަމަށް އަންގައިފި

ގާސިމް އިބްރާހީމް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ތާވަލުކޮށްވައިވާ ރިޝްވަތުގެ މައްސަލައިގެ ޝަރީއަތަށް ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދާނެ ކަމަށް ކޯޓުން އަންގައި ޗިޓު ފޮނުވައިފި އެވެ.

ގާސިމް އިބްރާހިމް މިހާރު އޮންނެވީ ސިއްހީ ހާލަތު ގޯސްވެ އޭޑީކޭގައި އެޓްމިޓްކޮށްފަ އެވެ.

ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެމަނިކުފާނުގެ މައްޗަށް ކުރެވޭ ރިޝްވަތު ދިނުމުގެ ތުހުމަތާ ގުޅިގެން ތިން ދައުވާ އެކެވެ.

މިއަދު ދޭއް ޖަހާއިރަށް ޝަރީއަތުގެ އަޑުއެހުމެއް ތާވަލު ކުރުމަށް ފަހު، އެ ޝަރީއަތް ކެންސަލްކޮށްފައި ވަނީ ގާސިމްގެ ސިއްހީ ހާލަތު ހުރިގޮތުން ހާޒިރު ނުވެވޭނެ ކަމަށް އެންގުމާ ގުޅިގެނެވެ.

ނަމަވެސް މިރޭ ގާސިމް އިބްރާހިމަށް ކްރިމިނަލް ކޯޓުން ފޮނުވި ޗިޓްގައި ބުނެފައި ވަނީ މިރޭ އަށެއް ޖަހާއިރަށް އެމައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައި ވާ ކަމަށެވެ.

އަދި އެ ޗިޓަށް ހާޒިރު ނުވެއްޖެ ނަމަ ޢައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދާނެ ކަމަށް ޗިޓުގައި ބުނެފައިވެ އެވެ. މިރެއަށް ތާވަލުކޮށްފައި ވަނީ މައްސަލައިގެ ހެކިބަސް ނެގުމާއި ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމެވެ.

ގާސިމްގެ ވަކީލު ހިސާން ހުސައިން ވިދާޅުވީ ގާސިމްގެ ސިއްހީ ހާލަތު ހުރިގޮތުން ކޯޓަށް ހާޒިރު ނުވެވޭނެ ކަން މިއަދު އަންގާފައިވާ ކަމަށާއި އަދި މިރޭ ޗިޓް ފޮނުވުމާ ގުޅިގެން އެ ޗިޓަށްވެސް ހަމަ އެ ސަބާބާ ހެދި ހާޒިރު ނުވެވޭނެ ކަން އަންގާފައި ވާނެ ކަމަށެވެ.

ހިސާން ވިދާޅުވީ 2008 ވަނަ އަހަރުގެ ގާނޫނޫއަސާސީ ވުޖޫދަށް އައިފަހުން ޖިނާއީ މައްސަލައެއް ދައުވާލިބޭ މީހާގެ ޣައިރު ހާޒިރުގައި ކުރިއަށް ގެންގޮސްފައި ނުވާ ކަމަށެވެ. އަދި މި މައްސަލަ ގާސިމްގެ ޣައިރު ހާޒިރުގައި ކުރިއަށް ގެންދެވިގެން ނުވާނެ ކަމަށް ހިސާން ވިދާޅުވި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 174 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވަނީ ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބި މަގުބޫލު އުޒުރެއް ދިމާވެގެން ކޯޓަށް ހާޒިރު ނުވެވޭނަމަ އަމުރުގައި ބަޔާންކޮށްފައިވާ ގަޑީގެ އެއްގަޑިއިރު ކުރިން ކޯޓަށް އަންގަން ޖެހޭނެ އެވެ.

މަޤުބޫލު އުޒުރެއް ކަމަށް ބަލާ ހާލަތްތައް

  • ހާޒިރުވާންޖެހޭ މީހާ ކޯޓަށް ހާޒިރު ނުވެވޭ ފަދަ ބައްޔެއް ވުން
  • މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ދަތުރާއި އެއްގަމު ދަތުރު ކުރެވޭ ގޮތް ނުވުން
  • ފަނޑިޔާރަށް ގަބޫލުކުރެވޭ އެހެން އުޒުރެއް މެދުވެރިވުން

މަގުބޫލު އުޒުރެއްނެތި ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ އެޅެނެ ފިޔަވަޅުތައްވެސް އިޖުރއަތު ގާނޫނުގައި ވަނީ ބަޔާންކޮށްފަ އެވެ. އެގޮތުން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމާއި ޖޫރިމަނާ ކުރުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށް ވަނީ ބުނެފަ އެވެ.

ގާސިމްގެ ވަކީލު ހިސާން ވިދާޅުވީ އިޖުރާއަތު ގާނޫނާ އެއްގޮތަށް ކޯޓަށް އަންގަން ޖެހޭ އެނގުންތައް އަންގާފައިވާނެ ކަމަށެވެ.

comment ކޮމެންޓް