ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުވާ މީހަކީ، ކުޑައިރުއްސުރެ އޯޓިސްޓިކް މީހަކަށްވާތީ އެކަމަށް ފަރުވާ ހޯދާ ކަމަށާއި އޭނާގެ ނަފުސާނީ ހާލަތު ދެނެގަންނަން ބޭނުންވާ ކަމަށް ދިފާއުން ކޯޓުގައި ބުނެފިއެވެ.
މި މައްސަލައިގެ ތުހުމަތު ވަނީ، މެދުރާއްޖެ ތެރޭގެ ރަށަކަށް ނިސްބަތްވާ 27 އަހަރުގެ ޒުވާނަކަށެވެ.
އޭނާގެ ބަންދަށް 30 ދުވަސް ޖެހުމަށް ކްރިމިނަލް ކޯޓުން އިއްޔެ ކުރި އަމުރުން އެނގޭ ގޮތުގައި، މި ޒުވާނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތެވެ.
އެ ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ އެކަށީގެންވާ މިންވަރުގެ ހެކި ކޯޓަށް ފުލުހުން ވަނީ ހުށަހަޅާފައެވެ. އޭގެތެރޭގައި، ކަސްޓަމްސްގެ މައްސަލަ ހުށަހަޅާ ފޯމާއި އިންޓެލިޖެންސް ރިޕޯޓާއި ސީނަށް ދިޔަ ފުލުހެއްގެ ބަޔާނާއި ހެކިބަސްދޭ ފަރާތްތަކުގެ ބަޔާނާއި ސީން އޮފް ކްރައިމް އޮފިސާ ރިޕޯޓުތައް ހިމެނެއެވެ. އަދި، އޭނާގެ ކުޑަކަމުދާ ތަކެތީގެ ތަހުލީލް ރިޕޯޓު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވި ކަމަށް އަމުރުގައި ބުނެފައިވެއެވެ.

ފުލުހެއް --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
މި މައްސަލައިގައި ބަންދަށް ޖެހި ޒުވާނާގެ ހައްޔަރާއި ބަންދުގެ ރެކޯޑު އޮވެއެވެ.
ކޯޓު އަމުރުގައި ފާހަގަކުރި ގޮތުގައި، އެ ޒުވާނާއާ ގުޅުންހުރި އިތުރު ތަންތަން ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ވަނީ ފެނިފައެވެ.
އެ ތަކެއްޗަކީ، އެ ޒުވާނާއާ ގުޅުން ހުރި އެއްޗެއް ކަމަށާއި އެތަކެތި އެތެރެކުރަން އުޅުނީ އެހެން ފަރާތްތަކާ ގުޅިގެން ކަމަށް ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައިވެއެވެ.
އެކަމަކު، މި ޒުވާނާގެ ދިފާއުން ކޯޓުގައި ބުނީ، އޭނާއަކީ އޯޓިސްޓިކް މީހަކަށް ވާތީ ކުޑައިރުއްސުރެ އެ ކަމަށް ފަރުވާ ހޯދާ ކަމަށާއި އޭނާގެ ނަފުސާނީ ހާލަތު ދެނެގަތުމަށް އެސެސްމަންޓެއް ހަދަން ބޭނުންވާ ކަމަށެވެ.
އެހެންވެ، ކޯޓުން ވަނީ ތަހުގީގުން އެ ޒުވާނާގެ އެސެސްމަންޓުގެ ކަންކަން ބަލައި، އެ ކަމަށް ބޭނުންވާ އެހީތެރިކަން ފުރިހަމަކޮށްދިނުމަށް ފުލުހުންނަށް އަންގާފައެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު އިޖުތިމާއީ މައްސަލަ ކަމަށްވާއިރު، އެކި ސަރުކާރުތަކުން އެ ކަން ހައްލު ކުރުމަށް މަސައްކަތްތައް ކުރިއެވެ. އެކަމަކު، އެދެވޭ ހައްލެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.