އާދިއްތަ ދުވަހު އަނެއްކާ ވެސް ސަނީ އުމަރު ކޯޓަށް ގެންދަނީ

ސަނީ އުމަރު: އާދިއްތަ ދުވަހު އަނެއްކާ ވެސް ސަނީ އުމަރު ކޯޓަށް ގެންނަނީ --

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވި، ޙުސައިން ސަނީ އުމަރުގެ މައްސަލަތައް އަންނަ އާދިއްތަ ދުވަހަށް އަނެއްކާވެސް ތާވަލުކޮށްފިއެވެ.

https://sun.mv/219283

މި އަހަރުގެ ޖަނަވަރީން ފެށީގެން، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ސަނީ އުމަރުގެ މައްޗަށް ދައުލަތުން ވަނީ ޖުމްލަ ފަސް ދައުވާއެއް އުފުލާފައެވެ. އެ ދައުވާތަކުގެ އަޑު އެހުމެއް މީގެ ދޮޅު މަހެއްހާ ދުވަސްކުރިން ވެސް ތާވަލު ކުރިއެވެ. އާއްމުކޮށް ހުޅުވައި ނުލައި ކުރިއަށް ގެންދާ މި މައްސަލަތަކުގެ އިތުރު އަޑު އެހުމެއް އަންނަ އާދިއްތަ ދުވަހަށް އޮތީ ތާވަލުކޮށްފައެވެ.

ސަނީ އުމަރުގެ މައްޗަށް ކޯޓަށް ހުށަހެޅި ދައުވާތަކުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ކުރި ތިން ދައުވާއަކާއި، ގާނޫނުލްއުގޫބާތުގެ ދަށުން ކުރި ދެ ދައުވާއެއް ހިމެނެއެވެ.

ސަނީގެ މައްޗަށް އުފުލާފައިވާ ދައުވާތައް:

1. ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ތިން ދައުވާ

މި ދައުވާތައް އުފުލާފައިވަނީ ތަފާތު ތިން މައްސަލައެއްގައެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކަށް އުމުރުން ހަތް އަހަރުން ފެށިގެން މިދިޔަ އަހަރުގެ އޮގަސްޓާ ހަމައަށް އެކި ދުވަސްމަތިން ޖިންސީ ގޯނާކުރި މައްސަލައަކާއި، އިތުރު ދެ ކުއްޖެއްގެ ގަޔަށް އަތްލި މައްސަލަ ހިމެނެއެވެ. މި ކޮންމެ ކުށަކަށް 10 އަހަރާއި 14 އަހަރާ ދެމެދުގެ ޖަލު އަދަބެއް އަންނާނެއެވެ.

2. ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ

މި ދައުވާ ކުރީ ސަނީ އުމަރުގެ ފޯނުގައި މައްސަލައާ ގުޅޭ ހެކި ހުރިކަމަށް ތުހުމަތުކުރެވި، ފޯނު ހަވާލުކުރަން ކޯޓުން އަމުރުކުރުމުން، ފޯނު ގެއްލިފައިވާ ކަމަށް ބުނެ ފުލުހުންނާ ފޯނު ހަވާލުކޮށްފައި ނުވާތީއެވެ. މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

3. ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ދައުވާ

މި ދައުވާ ކުރީ އޭނާ ގެންގުޅުނު ސިމް ކާޑުގެ މައުލޫމާތު އޮޅުވާލައި ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާތީއެވެ. މި ކުށަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެއެވެ.

ޕީޖީ އޮފީހުން ބުނީ، މި މައްސަލަތައް ސާބިތުވެއްޖެނަމަ، ޤާނޫނުގައިވާ އެންމެ ބޮޑު އަދަބު ދިނުމަށް ކޯޓުގައި އެދޭނެ ކަމަށެވެ.

އެގޮތަށް ކަނޑައަޅައިފިނަމަ، ސަނީ އުމަރުގެ މައްޗަށް މަދުވެގެން 44 އަހަރުގެ ޖަލު އަދަބެއް އަންނާނެ ކަމަށް ވެސް ބުންޏެވެ.

comment ކޮމެންޓް