މަންމަގެ ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ސައުދަށް ދީފި

މަންމަގެ ޖަނާޒާގައި ސައުދު ބައިވެރިވަނީ: މަންމަގެ ޖަނާޒާގައި ބައިވެރިވުމަށް އޭނާ ވަނީ މާލެ ގެނެސްފައި --- ސަން ފޮޓޯ

ރައްޔިތުން މަޖިލީހުގެ ވިލިގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ މަންމަގެ ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު އޭނާއަށް ދިނުމަށްފަހު އަނބުރާ ޖަލަށް ގެންގޮސްފިއެވެ.

ސައުދުގެ މަންމަ، ގއ. ވިލިނގިލީ، އަޅިވިލާގޭ، ނާސިރާ އަހުމަދު ނިޔާވީ މިއަދު ހެނދުނު 9:15 ހާއިރު، އައިޖީއެމްއެޗުގައި ފުރަމޭ ހަލާކުވެގެން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ނިޔާވިއިރު އުމުރުފުޅަކީ 64 އަހަރެވެ.

ސައުދު މަންމަގެ ކަށު ނަމާދު ބޭއްވީ މިއަދު އަސްރު ނަމާދަށްފަހު ފުރުގާން މިސްކިތުގައެވެ.

މަންމަގެ ޖަނާޒާގައި ބައިވެރިވުމަށްފަހު އާއިލާގެ މެމްބަރުންނާއެކު ސައުދު: ކަށުކަމާކެމީގެ ކަންތަކަށްފަހު ސައުދު ވަނީ އަނބުރާ ދުނިދޫ އަށް ގެންގޮސްފައި --- ސަން ފޮޓޯ

ކަށުކަމާކެމީގެ ކަންތައްތަކަށް މިވަގުތު ފުލުހުންގެ ހައްޔަރުގައި ހުންނެވި ސައުދު މާލެ ގެންނެވިއިރު، ކަށުނަމާދުގައި ރާއްޖޭގައި މިވަގުތު ތިއްބެވި އިދިކޮޅު ސިޔާސީ އިސް ބޭފުޅުންނާއި އާއްމުންގެ ގިނަ ބަޔަކު ބައިވެރިވި އެވެ.

ކަށު ކަމާކެމީގެ ކަންތައްތަކަށްފަހު ސައުދު ވަނީ ފުލުހުންގެ ތަހުގީގީ ޖަލު ހިންގާ، ދޫނިދޫއަށް ގެންގޮސްފަ އެވެ.

ފުލުުހުންގެ ސަފު ފޫއަޅުވާލައި ރައްޔިތުން މަޖިލީހުގެ އިދާރާއަށް ވަތް މައްސަލާގައި ފުލުހުންގެ ހައްޔަރުގައި ސައުދު ހުންނެވިއިރު، ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ވަނީ ކޮށްފައެވެ.

ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވައި ވިލިނގިލީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ސައުދު ޕީޕީއެމުން ވަކިވުމުން، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައި، އެ ދާއިރާގެ ބައި އިލެކްޝަންސް އިއުލާންކޮށްފަ އެވެ.

ސައުދުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލާގައި ފައިސަލާ ކުރަނިވި ހުކުމެއްކޮށްދިނުމަށް އެދި އޭނާ ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފަ އެވެ. އެ މައްސަލަ ބަލައިގެންފައި ވިޔަސް ވެސް، އަދިވެސް އަޑުއެހުމެއް ނުބާއްވަ އެވެ.

comment ކޮމެންޓް