ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ބްލަޑް ބޭންކެއް ހުޅުވައިފި

އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް 55 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި މިނިސްޓަރު ޚަލީލް ވާހަކަދައްކަވަނީ: ވިދާޅުވީ އަންނަ އަހަރު ތިނަދޫ ހޮސްޕިޓަލް ޓާޝަރީ ލެވަލްއަށް ގެންދާނެ ކަމަށް -- ފޮޓޯ/ ހެލްތު މިނިސްޓްރީ

ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް، ބްލަޑް ބޭންކެއް ހުޅުއްވައިދެއްވައިފިއެވެ.

އެ ބްލަޑް ބޭންކް މިނިސްޓަރު ހުޅުއްވައިދެއްވީ، އެ ހޮސްޕިޓަލްގެ 55 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފުލާގައެވެ.

އެ ހޮސްޕިޓަލަށް 55 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެ ހޮސްޕިޓަލުގެ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ބޭއްވި ހަފުލާގައި މިނިސްޓަރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދައިރާގެ މެންބަރު ސައުދުالله ހިލްމީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޚަލީލް ވިދާޅުވީ ތިނަދޫގައި ޓާޝަރީ ލެވެލްއަށް ސިއްހީ ޚިދުމަތް ދެވޭ ގޮތް ހަދަން ރާވާފައިވާ ކަމަށާއި މި އަހަރު ނުވަތަ އަންނަ އަހަރު އެކަމާ ގުޅުންހުރި މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އެ ހޮސްޕިޓަލުގައި ވެލްނެސް ސެންޓަރާއެކު އާބަން ޕްރައިމަރީ ހެލްތް ކެއާ ސެންޓަރެއް ވެސް ގާއިމުކުރުމަށް ރާވާފައިވާ ކަމަށް ޚަލީލް ވިދާޅުވިއެވެ.

އެ ހަފުލާގައިވަނީ އެއް އަހަރަށްވުރެ ގިނަ ދުވަހުގެ ޚިދުމަތް ކުރައްވައިފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް، ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންނަށް ވެސް ހަނދާނީ ފިލާ ދީފައެވެ. ހަމައެއާއެކު މިނިސްޓަރު ޚަލީލް ވަނީ އެ ހޮސްޕިޓަލުގެ އާ ރިޕްރޮޑަކްޓިވް ހެލްތް ސެންޓަރު ވެސް ހުޅުއްވައިދެއްވައިފައެވެ.

ތިނަދޫ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތުގެ މަޝްރޫއު ޗައިނާގެ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީސީ)އާ ހަވާލުކޮށްފައި ވަނީ މިދިޔަ ވެރިކަމުގެ ފަހުކޮޅުގައި އޮގަސްޓު 30ގައެވެ.

https://sun.mv/195146

މި ފަހުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ހާޒިރުވެވަޑައިގެން މެންބަރު ސައުދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވައި ޚަލީލް ވިދާޅުވީ، އެއީ ރައްޔިތުންނަށް އޮޅޭ ގޮތަށް ކޮށްފައި އޮތް ކަމެއް ކަމަށެވެ. އަދި ސޮއިކުރި އެމްއޯޔޫއަކީ ރިޔާސީ އިންތިޚާބާ ދިމާކޮށް ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތުކުރައްވާފައިވެއެވެ.

ޚަލީލް ވިދާޅުވީ ތިނަދޫގައި މިހާރު ހުރި ހޮސްޕިޓަލަކީ ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ އިންވެސްޓްކުރެވިފައިހުރި ތަނެއްކަމަށެވެ. އެގޮތުން ކުރީ ސަރުކާރުން ރޭވީ އެތަން ބޭކާރުތަނަކަށް ހެދުމަށްފަހު މުޅިން އާ ތަނެއް ހެދުމަށްކަމަށް ވިދާޅުވިއެވެ.

އޭރު ޚަލީލް ވިދާޅުވީ މިނިސްޓްރީގެ ބެލުމުގެ ދަށުން އާކިޓެކްޓުން މިހާރު މަސައްކަތް ކުރަނީ ޓާޝަރީ ހޮސްޕިޓަލެއް ޑިޒައިން ކުރަން ކަމަށެވެ. އަދި އެ ހޮސްޕިޓަލަށް ފަންޑު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި އަހަރުގެ ފަހުކޮޅު މަސައްކަތް ފެށޭނެ ކަމަށް ބެލެވޭ ކަމަށް އޭރު ވެސް ޚަލީލް ވިދާޅުވިއެވެ.

comment ކޮމެންޓް