ސުޝާންތު އާއި ޝްރައްދާ އެކުގައި

ސުޝާންތު ސިންގް ރާޖްޕުތުގެ ކުރިއަށް އޮތް ފިލްމު 'ޗަންދާ މާމާ ދޫރް ކޭ'ގެ އަންހެން ލީޑުގެ ގޮތުގައި ޒުވާން ބަތަލާ ޝްރައްދާ ކަޕޫރު ހަމަޖައްސައިފި އެވެ.

ސުޝާންތު އާއި ޝްރައްދާ ފުރަތަމަ ފަހަރަށް އެކުގައި ދާނީ ސަންޖޭ ޕޫރަން ސިންގް ޗޯހާން ޑައިރެކްޓު ކުރާ ފިލްމު، 'ޗަންދާ މާމާ ދޫރް ކޭ' އިންނެވެ.

އެ ފިލްމުގައި ޝްރައްދާ އާއި ސުޝާންތުގެ އިތުރުން ނަވާޒުއްދީން ސިއްދީގީ އާއި ރ.މާދަވަންގެ މުހިންމު ރޯލެއް ވެސް ހިމެނޭނެ އެވެ. ފިލްމުގައި ސުޝާންތު، ޝްރައްދާ އަދި ނަވާޒުއްދީން ފެނިގެންދާނީ އެސްޓްރޮނައުޓުންގެ ގޮތުގަ އެވެ.

އަންނަ ސެޕްޓެމްބަރު މަހު ފިލްމުގެ ޝޫޓިން ފެށުމަށް ނިންމާފައިވާ އިރު، ސުޝާންތު މިހާރު ވަނީ ނާސާގައި ތަމްރީނު ވެސް ފުރިހަމަ ކޮށްފަ އެވެ. އަދި ޝްރައްދާ ވެސް ވަރަށް އަވަހަށް ތަމްރީނު ހެދުމަށް ނާސާ އަށް ދާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޚަބަރުތައް ބުނާ ގޮތުން އެ ފިލްމަށް ޝްރައްދާގެ ރީތި އިސްތަށިގަނޑު ކޮށާލާނެ އެވެ. ޝްރައްދާ ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު 'ހަސީނާ ޕާކަރް' އަށް އޭނާގެ ބަރުދަން ވެސް ވަރަށް ބޮޑުތަން އިތުރުކޮށްފަ އެވެ.

'ޗަންދާ މާމާ ދޫރް ކޭ' ރިލީޒް ކުރާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ.

comment ކޮމެންޓް