ދިލިޕް ކުމާރުގެ ހާލު ގޯސްވާން ފަށައިފި: ޑޮކްޓަރުން

މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަ ބޮލީވުޑް ލެޖެންޑަރީ އެކްޓަރު ދިލިޕް ކުމާރުގެ ހާލު ދެރަވަމުން އަންނަ ކަމަށް ޑޮކްޓަރުން ބުނެފި އެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ދިލިޕް ކުމާރު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވަނީ ހަށިގަނޑުން މާބޮޑަށް ފެން މަދުވުމުގެ ސަބަބުންނެވެ. ފަރުވާއަށް ފަހު ދިލިޕް ކުމާރުގެ ހާލު ރަނގަޅު ކަމަށް އޭރު ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

ނަމަވެސް ޑޮކްޓަރުންނާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުން، މިހާރު ދިލިޕް ކުމާރުގެ ހާލު އަންނަނީ ދެރަވަމުންނެވެ. ހޮސްޕިޓަލުގެ ޑޮކްޓަރަކު އިންޑިއާގެ ނޫހަކަށް ބުނެފައި ވަނީ ހާލު ރަނގަޅު ނުވާނަމަ ކިޑްނީ ފެއިލްވުމުގެ ފުރުސަތު ބޮޑު ކަމަށާއި، އެހެން ވެއްޖެ ނަމަ ހާލު ސީރިއަސް ވާނެ ކަމަށެވެ.

މިހާރު ދިލިޕް ކުމާރު އަލުން އައިސީޔޫ އަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ.

އުމުރުން 94 އަހަރުގެ ދިލިޕް ކުމާރުގެ ސިއްހީ ހާލު ގޯސްވެ، ދޭތެރެއަކުން ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާދެ އެވެ. އެގޮތުން އޭނާގެ 94 ވަނަ އުފަންދުވަސް ވެސް ފާހަގަ ކޮށްފައި ވަނީ ހޮސްޕިޓަލުގަ އެވެ.

ދިލިޕް ކުމާރު ފިލްމަކުން އެންމެ ފަހުން ފެނިފައި ވަނީ 1998 ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'ގިލާ' އިންނެވެ.

ޕާކިސްތާނުގެ ޕިޝާވަރަށް އުފަން ދިލިޕް ކުމާރުގެ އަސްލު ނަމަކީ ޔޫސުފް ޚާން އެވެ. ފިލްމީ ދާއިރާއަށް 1944ގައި ތައާރަފް ވުމަށް ފަހު އޭނާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި އަންދާޒް، ދޭވްދާސް އަދި ޝަހީދު ހިމެނެ އެވެ.

އަދި 60 އަހަރަށް ދެމިގެން ދިޔަ ފިލްމީ ހަޔާތުގައި ދިލިޕް ކުމާރު ވަނީ ނުވަ ފިލްމްފެއާ އެވޯޑު ހާސިލްކޮށްފަ އެވެ. އޭނާއަކީ މިހާރު ވެސް ފިލްމްފެއާ ބެސްޓް އެކްޓާ އެވޯޑު އެންމެ ގިނައިން ހާސިލުކޮށްފައިވާ ބޮލީވުޑުގެ ފަންނާނެވެ.

comment ކޮމެންޓް