ފެމިލީ މޭންގެ ތިންވަނަ ސީޒަންގެ މަސައްކަތް ފަށައިފި

އެމޭޒަން ވީޑިއޯއިން ގެނެސްދެމުން އަންނަ ކާމިޔާބު ވެބް ސީރީޒް "ދަ ފެމިލީ މޭން"ގެ ތިންވަނަ ސީޒަންގެ މަސައްކަތް ފަށައިފިއެވެ.

މިހާތަނަށް އެމޭޒަން ވީޑިއޯއިން ގެނެސްދެމުން އަންނަ ވެބް ސީރީޒް ފްރެންޗައިސްތަކުގެ ތެރެއިން އެންމެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މި ވެބް ސީރީސްގެ ލީޑު ރޯލުން ފެންނާނީ ކުރީގެ ދެ ސީޒަންގެ އެކްޓަރު މަނޯޖް ބަޖްޕަޔީއެވެ. މަނޯޖްއާ އެކު ޝާރިބް ހަޝްމީ އަދި ޕްރިޔާމަނީ މި ފަހަރުގެ ސީޒަނުން ވެސް ފެންނާނެއެވެ.

މި ފްރެންޗައިސްގެ މަސައްކަތް 2022ވަނަ އަހަރު ތެރޭ ފަށަން ނިންމިކަން އިއުލާނުކުރި ނަމަވެސް ސީރީސްގެ ދެ ޑައިރެކްޓަރުން ކަމަށްވާ ރާޖާއި ޑީކޭ އެހެން ޕްރޮޖެކްޓްތަކުގައި އަވަދިނެތި އުޅޭތީ މިހާތަނަށް ވަނީ މަސައްކަތް ނުފެށިފައެވެ.

މަނޯޖް ޑައިރެކްޓަރު ރާޖް އާއި ޑީކޭއާ އެކު--ފޮޓޯ/ފިލްމުފެއަ

މި އަހަރުތެރޭ ތިންވަނަ ސީޒަންގެ މަސައްކަތް ނިންމާލުމަށް ފަހު ކުރިއަށް އޮތް އަހަރު ބެލުންތެރިންނަށް މި ސީރީޒް ގެނެސްދޭނެ ކަމަށް ރާޖާއި ޑީކޭ ވަނީ ބުނެފައެވެ. މަނޯޖް ސިއްރު އިންޓެލިޖެންސް އޮފިސަރެއްގެ ރޯލް ކުޅޭ މި ވެބް ސީރީޒްއަކީ 2019ވަނަ އަހަރުން ފެށިގެން އެމޭޒަންއިން އުފައްދަމުން އަންނަ ސީރީޒްއެކެވެ.

މި ސީރީޒްގެ ފުރަތަމަ ސީޒަންގައި ދިހަ އެޕިސޯޑު ދައްކާފައިވާއިރު ދެވަނަ ސީޒަންގައި ގެނެސްދިނީ އެންމެ ނުވަ އެޕިސޯޑެވެ. ރާޖާއި ޑީކޭއާ ހަވާލާދީ ރިޕޯޓުތަކުން ބުނެފައިވަނީ ތިންވަނަ ސީޒަންގެ ސްޓޯރީ ތަފާތުވެފައި މުޅީން އާ މޫނުތަކެއް ތިންވަނަ ސީޒަނުން ފެންނާނެ ކަމަށެވެ.

މަނޯޖް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ ނެޓްފްލިކްސްއިން ގެނެސްދިން ވެބް ސީރީޒް "ކިލާ ސޫޕް"އިންނެވެ.

comment ކޮމެންޓް