އަނެއްކާވެސް ހުޅުމާލޭގައި ހިތްފަސޭހަ ބޮޑު ޕާކެއް، ނަމަކީ ފެހިރެސް

ފެހިރެސް ޕާކު ރައީސް ޔާމީންގެ ދެކަނބަލުން ހުޅުވައި ދެއްވަނީ: އެ ޕާކުގައި ޖިމަކާއި ފުޓްބޯޅަ އާއި ވޮލީގެ އިތުރުން ކުޑަކުދިންނަށް ކުޅިވަރު ކުޅެވޭނެ ބޮޑު ޖާގަ ހިމެނޭ--- ފޮޓޯ/ އަސުރުމާ

ޒުވާނުންގެ ސިޓީ، ހުޅުމާލޭގައި ޕާކަކާއި އިޖުތިމާއީ މަރުކަޒެއް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދެކަނބަލުން ހުޅުވައި ދެއްވައިފި އެވެ.

ޗައިނާ ފުލެޓުތައް ހުންނަ ނެއިބާރހުޑް ސަރަހައްދުގައި ހުޅުވި ޕާކަށް ދީފައިވާ ނަމަކީ ފެހިރެސް ޕާކުގެ ނަމެވެ.

އެ ޕާކަކީ ހުޅުމާލޭ ސެންޓްރަލް ޕާކާ އެއްގޮތަށް ޖިމަކާއި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތައް ކުޅެވޭނެ ތަންތަނާއި ފުޓްބޯޅަ އާއި ވޮލީބޯޅަ އާއި އަދި ބާސްކެޓް ކުޅެވޭނެ ގޮތް ހަދާފައިވެ އެވެ.

ފެހިރެސް ޕާކު މިރޭ ރައީސް ހުޅުވައި ދެއްވިއިރު، 2015 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ހުޅުމާލޭގައި ވަނީ ސެންޓްރަލް ޕާކުގެ ނަމުގައި ގިނަ ގަސްތަކުން ހިޔާވެފައިވާ އަށް ހެކްޓަރުގެ ޕާކެއް ހުޅުވާފަ އެވެ.

ފެހިރެސް ޕާކު: ހިތްފަސޭހަ ޕާކެއް-- ފޮޓޯ/ އަސުރުމާ

އެ ޕާކު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ އެ ޕާކަކީ ރައްޔިތުންނަށް ކޮލެޓީ ދިރިއުޅުމެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ހުޅުމާލޭ ހުސްޖާގަތައް އެކަށިގެންވާ ގޮތުގައި ބޭނުން ކުރުމަށްޓަކާ ތަރައްގީ ކުރި ތަނެއް ކަމަށެވެ.

އެތަން ހުޅުވައި ދެއްވުމަށްފަހު، ރައީސްގެ ދެކަނބަލުން ވަނީ އެ ޕާކު ބައްލަވައި ލައްވާފަ އެވެ.

ހުޅުމާލޭގައި އިޖުތިމާއީ މަރުކަޒެއް ވެސް ރައީސް ޔާމީންގެ ދެކަނބަލުން މިރޭ ހުޅުވައި ދެއްވާނެ އެވެ. އެތަނަށް ދީފައިވާ ނަމަކީ "ފަހިވެނި" އެވެ.

ފެހިރެސް ހުޅުވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ އަސުރުމާ

ފަހިވެނި އިޖުތިމާއީ މަރުކަޒަކީ ޒުވާނުންނަށް ބޭނުންވާ ތަފާތު އެކި ވަސީލަތްތަކާއެކު ގާއިމް ކުރި ތަނެކެވެ. އަދި ތަފާތު ޓެރެއިނިން ޕްރޮފްރާމްތައް ބާއްވާނެ އިންތިޒާމުތައް އެތަނުގައި ވަނީ ހަމަޖައްސާފަ އެވެ.

"ފެހިރެސް" ޕާކާއި އިޖުތިމާއީ މަރުކަޒު "ފަހިވެނި" ހުޅުވި ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި ބައެއް މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

comment ކޮމެންޓް