ލީކުވި އޯޑިއޯއާ ގުޅިގެން ބައެއް ސިފައިން ބަންދު ކުރި ވާހަކަ ދޮގުކޮށްފި

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު އަދި އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދު --- ސަންފޮޓޯ/ މުހައްމަދު އަފްރާހް

ސިފައިންގެ ސްޕެޝިއަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)އާ ބައްދަލު ކުރައްވައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ދެއްކެވި ވާހަކަތަކުގެ އޯޑިއޯ ލީކުވި މައްސަލާގައި ސިފައިންތަކެއް ބަންދުކޮށްގެން އުޅޭ ކަމަށް ދެކެވޭ ވާހަކަ އެމްއެންޑީއެފުން ދޮގުކޮށްފި އެވެ.

އާދަމް ޝަރީފު ވާހަކަ ދައްކަވާ އޯޑިއޯއެއް ކަމަށް ބުނެ މިއަދު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯގައި ދައްކަވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ވާހަކަ އެވެ.

އެ އޯޑިއޯ ލީކުވުމާ ގުޅިގެން ބައެއް އެސްޕީޖީގެ އޮފިޝަލުން ސިފައިންގޭގައި ބަންދުކޮށް ފޯނު އަތުލާފައިވާ ކަމަށް ބުނެ ސޯޝިއަލް މީޑިއާގައި ދަނީ ވާހަކަ ދައްކަމުންނެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ ސިފައިންގެ ގިނަ އަދަދެއްގެ އެސްޕީޖީން ސިފައިންގެ މަރުކަޒުގައި ތަހުގީގަށް ބަނދުކޮށްފައިވާ ކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް ކަމަށެވެ. އަދި "އެފަދަ ކަމެއް ނުހިނގާ" ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް އެހެން ވިދާޅުވެފައި ވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޑިފެންސް މިނިސްޓަރުގެ އޯޑިއޯ ލީކުވުމާ އެކު އެސްޕީޖީން ސިފައިންގޭގައި ބަންދުކޮށް ފޯނުތައް ފުލުހުންނާ ހަވާލުކޮށް ހިންގާ އަމަލަކީ ބިރު ދައްކަން ކުރާ އަމަލެއް ކަމަށެވެ. އަދި އެ އަމަލު ހުއްޓާލަން ޖެހޭ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ 59 ސިފައިން ތިބީ ބަންދުކޮށްފައި ކަމަށާއި ފޯނުތައް ވެސް އަތުލާފައިވާ ކަމަށެވެ.

މިނިސްޓަރު އާދަމް ޝަރީފު ކަމަށް ވާހަކަ ދައްކާފައިވާ ކަމަށް ބުނާ އޯޑިއޯގައި ދައްކާފައި ވާހަކަތަކަށް ބަލާއިރު ސިފައިންނަށް ސިފައިންގެ އިސްވެރިން ގާނޫނާ ހިލާފު ކަމެއް ހިންގަން ނާންގާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ސިފައިންގެ ކެތްތެރިކަމުގެ ވާހަކަ ފާހަގަ ކުރައްވައި އާދަމް ޝަރީފު ވިދާޅުވެފައި ވަނީ 31 ޖުލައި ވީ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގެ އަމަން ބެލެހެއްޓެވުމަށް އޭނާ ވަޑައިގެންނެވި ނަމަ "އެތަނުން މީހެއްގެ ދަތްދޮޅި ދުއްވާލެވުނީސް،" ކަމަށެވެ.

އެ އޯޑިއޯއާ ގުޅިގެން، ޑިފެންސް މިނިސްޓަރު ވަކިއެއްޗެއް އަދި ވިދާޅުވެފައެއް ނުވެ އެވެ. އެމަނިކުފާނަށް ގުޅައި، މެސެޖު ކުރެއްވުމުން ވެސް ޖަވާބެއް ނުދެއްވަ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން ކެޕްޓަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ އެފަދަ އޯޑިއޯއެއް އަޑު ނަހާ ކަމަށެވެ.

comment ކޮމެންޓް