ޝަމީމްގެ ނަސޭހަތް: ދިވެހިންނަށް ލިބިފައިވާ ނިއުމަތްތަކުން ހިތްވަރު ލިބި އުޅެންވީ "އ" އަށް!

ސައުތު އޭޝިއަން ޔޫތް ސަމިޓް (ސޭސް)ގެ ޕްރީ ބައްދަލުވުން ނިންމުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ޝަމީމް ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖެ ނިސްބަތްވާ ސާކްގެ ގައުމުތަކުގެ ތެރެއިން ވެސް އެންމެ ގިނަ ފަހުރާއި ނިއުމަތްތައް ލިބިފައިވާ ގައުމަކީ ރާއްޖެކަމުގައިވީ ނަމަވެސް އެ ނިއުމަތްތަކުން ހިތްވަރު ލިބެމުންދާތަން ނުފެންނަ ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވެއްޖެއެވެ.

އިންޑިއާގައި އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ފުރަތަމަ ސައުތު އޭޝިއަން ޔޫތު ސަމިޓް (ސޭސް)ގެ ޕްރީ ސަމިޓް ބައްދަލުވުން ނިންމުމަށް ރޭ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޝަމީމް ވިދާޅުވީ، ރާއްޖޭގެ ރީތި ކަމާއި ޒުވާނުންގެ ހުނަރުވެރިކަމަކީ އެންމެން ވެސް ދައްކާ ވާހަކައެއް ކަމަށެވެ.

އެގޮތުން ސާކް ގައުމުތަކުގެ ތެރެއިން ސިޔާސީ ގޮތުން އެންމެ ދޮށި ބަޔަކީ ވެސް ރާއްޖެކަން ފާހަގަކުރައްވާ ޝަމީމް ވިދާޅުވީ، އިންޑިއާއަކީ އެންމެ ބޮޑު ޑިމޮކްރަސީ ނަމަވެސް ސައުތު އޭޝިއާގައި ގާނޫނު އަސާސީއެއް އިއުލާންކޮށް އަމަލުކުރި އަދި ގާނޫނު ހަދާ މަޖިލީހެއް ގާއިމްކުރި ގައުމަކީ ވެސް ދިވެހިރާއްޖެ ކަމަށެވެ.

އޭގެ އިތުރުން ސަރަހައްދުގައި އަސާސީ ތައުލީމް އެންމެ ފުރިހަމައަށް ދޭން ފަށާފައިވާ އަދި ލައިފް އެކްސްޕެކްޓެންސީ ރޭޓް އެންމެ މަތި ގައުމަކީ ވެސް ރާއްޖެކަމަށް ވިދާޅުވެ ޝަމީމް ވަނީ ރާއްޖޭން ހާސިލް ކޮށްފައިވާ މުހިއްމު ކާމިޔާބީތަކާއި ލިބިފައިވާ ނިއުމަތްތައް ފާހަގަކުރައްވާފައެވެ.

ނަމަވެސް އެ ކާމިޔާބީ ތަކާއި ނިއުމަތްތަކުން ހިތްވަރު ލިބިގެން ދިވެހިން ކުރަމުންދާ ކަމަކީ ކޮބައިތޯ ޝަމީމް ވަނީ ސުވާލު އުފައްދަވައިފައެވެ. އަދި ވިދާޅުވީ، ދިވެހިންގެ ފަރާތުން ފެނިގެންދަނީ ކުށްދެއްކުމާއި ކުދި ކިއުން އެކަނި ކަމަށެވެ.

"ދިވެހި ބަހުގަ މި އޮންނަނީ އަލިފު. އިލްމު، އަދަބުވެރިކަން އަދި އުއްމީދު އާލާކުރުން އީޖާބީ އުފެއްދުންތެރި މިހެން ގޮސް ހުރިހާ ރަނގަޅު ބަހެއް ފެށިގެން އަންނަނީ އަލިފުން. ހުރިހާ ދިވެހި ބަހެއް ފެށިގެން މި އަންނަނީ އަލިފުން. ނަމަވެސް ބައެއް މީހުންނަށް މި ފެންނަނީ ކާފު. ކުދި ކިޔައި ކުށް ދެއްކުން،" ޝަމީމް ވިދާޅުވިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ޝަމީމް ވިދާޅުވީ، ކުދި ކިޔައި ކުށް ދައްކަމުން ގޮސް ކަލަ ގޮވުމާއި ކޮސް ގޮވުމާއެކު ގޮސް އެންމެ ފަހުން ދިވެހިން ވަނީ ކައްނެތް ބަޔަކަށް ކަމަށެވެ.

"ދިވެހިންނަކީ ތޫނުފިލިކަމެއް ލިބިފައިވާ ބައެއް. ރާއްޖެއަށް ލިބިފައިވާ ނިއުމަތްތަކާއެކު ހުރިހާ ޒުވާނުން ހިތްވަރު ލިބި ޖަމާއަތަށާއި ގައުމަށް އަޅާލާ ބަޔަކަށް ވާންޖެހޭ. ސިޔާސީ ގޮތުން ކަންތައް ބާރަށް ކުރިއަށްދާއިރު އެއީ ވެސް ކެރިކުޅަދާނަ ކަމާއި ޖޯޝް،" ޝަމީމް ވިދާޅުވިއެވެ.

comment ކޮމެންޓް