ރިޔާޒުގެ މައްޗަށް ދައުވާ ސާބިތުނުވި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް މިއަދު ފަށަނީ

އަބްދުﷲ ރިޔާޒް -- ސަން ފޮޓޯ/ ފަޔާޒު މޫސާރިޔާޒް

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފުގެ އަޑުއެހުންތައް މިއަދު ފެށުމަށް ހަމަޖައްސައިފި އެވެ.

ރިޔާޒްގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅިކަމުގެ ދައުވާ ސާބިތު ނުވާ ކަމަށް ހުކުމް ކުރީ މިދިޔަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހު އެވެ. އެ ހުކުމް ޕީޖީން ވަނީ ޖުލައި މަހުގެ 22 ވަނަ ދުވަހު އިސްތިއުނާފުކޮށްފަ އެވެ.

ހައިކޯޓުގައި މިއަދު އަޑުއެހުންތައް ފަށާއިރު، އެ މައްސަލަ ތާވަލު ކޮށްފައި ވަނީ މިއަދު 11:15 އަށެވެ.

ރިޔާޒުގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށް ކަނޑައަޅައި ހުކުމް ކުރީ، ހެކިބަސްދިން ފުލުހުންގެ ހެކިބަހުގައި ބޮޑެތި ފުށުއެރުންތަކެއް ހުރުމުންނެވެ. ތިން ފަނޑިޔާރުންގެ ބެންޗަކުން ބަލައި ނިންމި ހުކުމުގައި ބުނެފައި ވަނީ އެ ފުށުއެރުންތައް ހުރުމުން ދައުވާގައި ބުނާ "ގަސްތު" ސާބިތުނުވާ ކަމަށެވެ.

އޭގެ އިތުރުން އެ ހުކުމުގައި ބުނެފައި ވަނީ، މާޗް މަހުގެ 27 ވަނަ ދުވަހުގެ ރޭ މާވެޔޮމަގުން ރިޔާޒު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާއާ ޚިލާފަށް ކަަމަށެވެ.

ރިޔާޒުގެ ފޯނުގެ ޕިން ކޯޑުދޭން އެންގީ އެރޭ ފުލުހުންގެ އިދާރާ އަށް ހާޒިރުކުރުމަށްފަހު އެވެ.

އެ ހުކުމްގައި ބުނެފައި ވަނީ ތުހުމަތު ކުރެވޭ މައްސަލާގައި އެއްވެސް ހެއްކެއް ނެތި، މޮބައިލް ފޯނު ނުހިފެހެއްޓޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ރިޔާޒުގެ ފޯނު ހިފެއްޓީ ތުހުމަތު ކުރެވޭ މައްސަލާގައި އެއްވެސް ހެއްކެއް ނެތި ކަމަށް އެ ހުކުމްގައިވެ އެވެ.

ހެއްކެއް ނެތި ފޯނު ނުހިފެހެއްޓޭ އުސޫލަށް އަމަލުކުރަން ފަށާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށިފަހުންނެވެ. ރިޔާޒުގެ ފޯނު ހިފެހެއްޓީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރުމުގެ ކުރިން ކަމަށްވިޔަސް ފަހުން ހެދޭ ގާނޫނަކުން ލުޔެއް ލިބޭނަމަ އެ ލުއި ލިބިދެވޭނެ ކަމަށް ގާނޫނު އަސާސީގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ އެ ލުއި ރިޔާޒަށް ލިބިގެންވާ ކަމަށް ޝަރީއަތުން ވަނީ ކަނޑައަޅައިފަ އެވެ.

comment ކޮމެންޓް