ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅި ކަމުގެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު އިއްވި ހުކުމްގައި ބުނެފައި ވަނީ ހެކިބަސްދިން ފުލުހުންގެ ހެކިބަހުގައި ބޮޑެތި ފުށުއެރުންތަކެއް ހުރި ކަމަށެވެ. އެކަމުގެ ސަބަބުން ދައުވާގައި ބުނާ "ގަސްތު" ސާބިތުނުވާ ކަމަށް ވެސް އެ ހުކުމްގައިވެއެވެ.
މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހުގެ ރޭ މާވެޔޮމަގުން ރިޔާޒު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ވެސް އެ ހުކުމްގައިވެއެވެ.
އިމްތިޔާޒު ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ "ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރަން ބޭނުންވެއްޖެނަމަ، އެކަން ކުރަންވާނީ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށްވުރެ މަތީ ކޯޓެއްގެ އަމުރަކަށް ކަށެވެ" އަދި އެފަދަ އަމުރަކަށް ކޯޓުގައި އެދޭނީ އެ މައްސަލައެއް ތަހުގީގު ކުރާ ފަރާތުން ޕްރޮސކިއުޓާ ޖެނެރަލް އަށް ފެނިއްޖެނަމަ އޭނާ ކަމަށް އެ މާއްދާގައިވެއެވެ.
ރިޔާޒުގެ ފޯނުގެ ޕިންކޯޑުދޭން އެންގީ އެރޭ ފުލުހުންގެ އިދާރާ އަށް ހާޒިރުކުރުމަށްފަހުއެވެ.
އެ ހުކުމްގައި ބުނެފައި ވަނީ ތުހުމަތު ކުރެވޭ މައްސަލާގައި އެއްވެސް ހެއްކެއް ނެތި، މޮބައިލް ފޯނު ނުހިފެހެއްޓޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ރިޔާޒުގެ ފޯނު ހިފެއްޓީ ތުހުމަތު ކުރެވޭ މައްސަލާގައި އެއްވެސް ހެއްކެއް ނެތި ކަމަށް އެ ހުކުމްގައިވެއެވެ.
ހެއްކެއް ނެތި ފޯނު ނުހިފެހެއްޓޭ އުސޫލަށް އަމަލުކުރަން ފަށާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށިފަހުންނެވެ. ރިޔާޒުގެ ފޯނު ހިފެހެއްޓީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރުމުގެ ކުރިން ކަމަށްވިޔަސް ފަހުން ހެދޭ ގާނޫނަކުން ލުޔެއް ލިބޭނަމަ އެ ލުއި ލިބިދެވޭނެ ކަމަށް ގާނޫނު އަސާސީގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ އެ ލުއި ރިޔާޒަށް ލިބިގެންވާ ކަމަށް ޝަރީއަތުން ވަނީ ކަނޑައަޅާފައެވެ.