މަޓިޗްގެ ބަދަލުގައި ޑްރިންކްވޯޓަރ ގެންނަން ޗެލްސީ މަސައްކަތްކުރަނީ

ލެސްޓާރގެ މިޑްފީލްޑަރު ޑެނީ ޑްރިންކްވޯޓަރ -- ފޮޓޯ: ގެޓީ

ލެސްޓަރ ސިޓީގެ މިޑްފީލްޑަރ ޑެނީ ޑްރިންކްވޯޓަރ ޗެލްސީއަށް ގެނައުމަށް އެ ކްލަބުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

ސްކައި ސްޕޯޓްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޗެލްސީގެ ސާބިއަން މިޑްފީލްޑަރު ނަމެންޔާ މަޓިޗް 40 މިލިއަން ޕައުންޑަށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމާ ގުޅިގެން އޭނާގެ ބަދަލުގައި ކުޅުންތެރިއަކު ހޯދުމަށް ކޯޗް އެންޓޯނިއޯ ކޮންޓޭ ދަނީ އަތްފުނާއަޅަމުންނެވެ. އެގޮތުން، ލެސްޓަރގެ އިންގްލެންޑް މިޑްފީލްޑަރ ޑްރިންކްވޯޓަރ އަކީ، މިވަގުތު ކޮންޓޭގެ އެ އެދުން ހާސިލްކުރުމަށް އެންމެ ރަނގަޅު އިހްތިޔާރުކަމަށް ރިޕޯޓުތައް ބުނެއެވެ.

ޗެލްސީން މިހާރުވެސް ވަނީ، މޮނާކޯގެ މިޑްފީލްޑަރ ޓިއެމޫ ބަކަޔޮކޯ އެޓީމަށް ގެނެސްފައެވެ. އެހެން ނަމަވެސް، ކޮންޓޭ އަދިވެސް އިތުރު މިޑްފީލްޑަރަކު ހޯދުމަށް ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޗެލްސީން ވަނީ، ބަޔާން މިއުނިކްގެ މިޑްފީލްޑަރު ރެނާޓޯ ސަންޗޭޒް ހޯދުމަށްވެސް ޝައުގުވެރިކަން ފާޅުކޮށް ބަޔާނާއެކު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ.

ލެސްޓާއިން 2015/16ގެ ޕްރިމިއަރ ލީގު ކާމިޔާބުކުރުމުގައި މުހިއްމު ދައުރެއް އަދާކުރި ޑްރިންކްވޯޓަރއަށް ވަނީ، 2016 ވަނަ އަހަރުގެ ތެރޭގައި އިނގިރޭސި ގައުމީ ސްކޮޑުން ޖާގަލިބިފައެވެ.

އުމުރުން 27 އަހަރުގެ ޑްރިންކްވޯޓަރއާއެކު ލެސްޓާއަށް ކުޅުނު އެންގޮލޯ ކަންޓޭވެސް ވަނީ، މިދިޔަ ސީޒަންގައި 30 މިލިއަން ޕައުންޑަށް ޗެލްސީއާ ގުޅިފައެވެ.

ޗެލްސީން ޑްރިންކްވޯޓަރ ގެނައުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އޭނާ ވަނީ މިދިޔަ އަހަރުގެ ޖޫން މަހު ލެސްޓާއާއެކު ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

comment ކޮމެންޓް