ޔާމީން ރަޝީދުގެ މަރާ ގުޅިގެން ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލައިފި

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީން ރަޝީދު މަރާލި މައްސަލައާ ގުޅިގެން ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވީ އެ ހަތް މީހުންގެ ތެރެއިން ހަ މީހެއްގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކަމަށެވެ.

ހަތް ވަނަ މީހާގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކަމަށް ވެސް ބިޝާމް ވިދާޅުވިއެވެ.

އެ ހަތް މީހުންގެ މައުލޫމާތު ޕީޖީ އޮފީހުން މިއަދު ހިއްސާ ކުރައްވާފައެއްނުވެއެވެ.

ޔާމީން ރަޝީދު މަރާލުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ތިން މީހެއްގެ ފޮޓޯ ފުލުހުން ވަނީ އާންމުކޮށްފައެވެ. އެ ތިން މީހުންނަކީ މ. ތާއިފް، އިސްމާއީލް ރަޝީދު،25 އާއި ހ. އަންނާރުމާގެ އިސްމާއީލް ހައިޝަމް ރަޝީދު،21 އާއި މ. އިރާސްމިކްގެ އަހުމަދު ޒިހާން އިސްމާއީލް،22 ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެމީހުންގެ ތެރެއިން ހައިޝަމަކީ ހަތިޔާރު ބޭނުންކޮށްގެން ފޭރުގެ މައްސަލައިގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ. އަދި އޭނާ އަކީ ފޭރުމުގެ މައްސަލައެއްގައި ހުކުމް ތަންފީޒުކޮށްފައިވާ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިސްމާއީލް ރަޝީދަކީ ގްރޫޕް ހަދައިގެން ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާ ކަމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޔާމީން ރަޝީދު މަރާލުމުގައި އިސްކޮށްތިބި މީހުން ވެސް މިހާރު ދެނެގަނެވިފައިވާ ކަމަށާއި އެ ތަހުގީގު ވެސް ދަނީ ކުރިއަށް ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ކުރި މަސައްކަތުން 1850 ގަޑިއިރަށްވުރެ ގިނަ ވަގުތުގެ ސީސީޓީވީ ފްޓޭޖް އެނަލައިޒްކޮށް ބަލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ހަމައެހެންމެ 20 އަހަރާއި 40 އަހަރާ ދެމެދުގެ އުމުރުފުރާގެ 40،000 އަށް ވުރެ ގިނަ މީހުންގެ ފޮޓޯ ބަލައި އެނަލައިޒްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް