ޔޫރޯޒޯނުގައި ވަޒީފާއަދާ ނުކުރާ މީހުންގެ ނިސްބަތް ދަށަށް ޖެހިއްޖެ

ވަޒީފާއަދީ ނުކުރާ ނުވަތަ ވަޒީފާގެ ފުރުޞަތު ނުލިބިތިބި މީހުންގެ ނިސްބަތް ޔޫރޯޒޯނުގައި 9.1 ޕަސެންޓަށް ތިރިވެއްޖެ އެވެ.

މިއީ 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޔުރޯޒޯނުގައި މި މިންވަރު ދަށަށް ދިޔަ ފަހުން އެންމެ ތިރިވީ ފަހަރެވެ.

ޔޫރޯޒޯނުގައި ވަޒީފާއަދާ ނުކުރާ މީހުންގެ ނިސްބަތްވަނީ އެސަރަހައްދުގައި ހިމެނޭ 19 ގައުމުގެ ތެރެއިން އެސްޓޯނިއާ ފިޔަވާ އެހެން ހުރިހާ ގައުމެއްގައި ދަށަށް ގޮސްފަ އެވެ.

ހުސްވި މަހުގައި ވަޒީފާއަދާ ނުކުރާ މީހުންގެ ނިސްބަތް އެންމެ ތިރީގައި އުޅެނީ 3.8 ޕަސެންޓާ އެކު ޖަރުމަނުވިލާތާއި އަދި 4.1 ޕަސެންޓާ އެކު މޯލްޓާގަ އެވެ.

ޔޫރޯޒޯނުގެ ވަޒީފާއަދާ ނުކުރާ މީހުންގެ ނިސްބަތް ދައްކުވައިދޭ ޗާޓު --- ފޮޓޯ: ބީބީސީ

މިސަރަހައްދުގެ ގައުމުތަކުގެ ތެރެއިން މިނިސްބަތް އެންމެ މަތީގައި އުޅެނީ 21.7 ޕަސެންޓާ އެކު ގްރީސްގަ އެވެ. އަދި އެގައުމުގައި ވަޒީފާއަދާ ނުކުރާ ޒުވާނުންގެ ނިސްބަތް އުޅެނީ 45.5 ޕަސެންޓްގަ އެވެ. މިސަރަހައްދުގައި ދެވަނައަށް ވަޒީފާއަދާ ނުކުރާ މީހުންގެ ނިސްބަތް އެންމެ މަތީގައިި އުޅެނީ 17.1 ޕަސެންޓާ އެކު ސްޕޭނެވެ. ނަމަވެސް މިއީ އެގައުމުގެ ވަޒީފާ އަދާ ނުކުރާ މީހުންގެ ނިސްބަތް މިދިޔަ އަހަރު އުޅުނީ 19.9 ޕަސެންޓްގަ އެވެ.

މިސަރަހައްދުގެ އިންފްލޭޝަން ރޭޓް އަދިވެސް އުޅެނީ ކުރިން އުޅުނު ހަމައިގަ އެވެ. ޔޫރަޕިއަން ޔޫނިއަންގެ ސްޓެޓިސްޓިކްސް އޮފީސް ކަމުގައިވާ ޔޫރޯސްޓެޓް އިން ނެރުނު ތަފާސް ހިސާބަކުން ދައްކާ ގޮތުގައި އިންފްލޭޝަން ރޭޓް އުޅެނީ 1.3 ޕަސެންޓްގަ އެވެ.

comment ކޮމެންޓް