ޔޫރަޕްގެ ދިފާއުގައި އެމެރިކާ ނުތެދުވާނެކަމަށް ޓްރަމްޕް ވިދާޅުވުމުން ޔޫރަޕަށް ބިރުވެރިކަމާއި ސިހުން!

ޓްރަމްޕް ސައުތް ކެރޮލައިނާގައި

ސައުތު ކެރޮލައިނާ (13 ފެބްރުއަރީ 2024): ޔޫރަޕްގެ ދިފާއުގައި އެމެރިކާ ހަނގުރާމަ ކުރަން ނުޖެހޭ ކަމަށާއި އެހެން ގައުމަކުން ޔޫރަޕްގެ ގައުމަކަށް ހަމަލާދިނަސް ދިފާއުގައި އެމެރިކާ ސިފައިން ނުފޮނުއްވާނެކަމަށް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ތައްޔާރުވަމުން ގެންދަވާ އެގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމުން އެމެރިކާގެ ސިޔާސީ ފަރާތްތަކުންނާއި ޔޫރަޕުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިމައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ނޭޓޯގައި ހިމެނޭ ޔޫރަޕްގެ ގައުމުތަކުގެ މަސްއޫލުވެރިން ވާހަކަ ދައްކަވާފައިވާއިރު އެމެރިކާގެ އެތެރެއިން ޓްރަމްޕަށް ފާޑު ވިދާޅުވި ބޭފުޅުންގެ ތެރޭގައި އޭނާގެ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ކޮންގްރެސްގެ ބައެއް މެންބަރުންނާއި އެމެރިކާގައި ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީގެ އިސްވެރިން ހިމެނެއެވެ.

ޓްރަމްޕް މިހެން ވިދާޅުވީ އޭނާގެ ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީ ކާމިޔާބުކުރުމަށްޓަކައި ކެމްޕޭނު ދަތުރުފުޅެއްގައި ދެކުނު ކެރޮލީނާ ސްޓޭޓްގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައެވެ. ޓްރަމްޕް ވިދާޅުވީ ޔޫރަޕްގައި ހިމެނޭ ނޭޓޯގެ ގައުމަކަށް އެހެން ގައުމަކުން ހަމަލާދިނަސް އޭނާގެ ވެރިކަމެއްގައި އެގައުމުގެ ދިފާއުގައި އެމެރިކާ ނުތެދުވާނެ ކަމަށެވެ. އަދި އެމެރިކާގެ ސިފައިންވެސް އެގައުމުގެ ދިފާއުގައި ހަނގުރާމަކުރަން ނުފޮނުވާނެކަމުގައެވެ.

ނަމަވެސް ނޭޓޯގެ ބަޖެޓްގައި ޔޫރަޕްގެ ގައުމުތަކުގެ ހިއްސާ އެމެރިކާ އެދޭވަރަށް ބޮޑުކޮށް އެގައުމެއްގެ ދިފާއުގައި ހަނގުރާމަ ކުރުމަށް ބޭނުންވާ ޚަރަދުތައް ދީފި ހާލަތެއްގައި އެ ޚަރަދަކާ އެއްވަރަށް އެގައުމުގެ ދިފާއުގައި އެމެރިކާ މަސައްކަތް ކުރާނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކާ ދެމެދު އެންމެ ބޮޑަށް މައްސަލަ ޖެހުނީ ނޭޓޯގެ ބަޖެޓްގައި ޔޫރަޕްގެ ގައުމުތައް ހިއްސާވާ މިންވަރު ކުޑަކަމުންނެވެ. ޓްރަމްޕްގެ ވެރިކަމުގައި އޭނާވަނީ ނޭޓޯގެ ބަޖެޓްގައި ޔޫރަޕްގެ ގައުމުތަކުގެ ހިއްސާ އެތައް ގުނައެއް މަތިކުރުމަށް އެގައުމުތަކަށް ބާރުއަޅުއްވާފައެވެ.

މިމައްސަލައާ ގުޅިގެން ޓްރަމްޕްގެ ވެރިކަމުގައި ޔޫރަޕްގެ ގައުމުތަކާއި އެމެރިކާއާ ދެމެދު ވަރަށް ބޮޑު ދެބަސްވުންތަކާއި ނުތަނަވަސްކަން އުފެދިގެން ދިޔައެވެ. ޔޫރަޕްގެ ދިފާއުގައި އެމެރިކާ ހަނގުރާމަ ކުރާނީ އެކަމަށް ބޭނުންވާ ޚަރަދު ދިނުމުންކަމަށް ޓްރަމްޕް ވިދާޅުވެފައިވާއިރު މިއީ ޔޫރަޕްގެ ގައުމުތައްފަދަ ކުދި ގައުމުތަކަށް ތަހައްމަލް ކުރެވޭނެ ޚަރަދަކަށް ނުވާނެކަމަށާއި ޔޫރަޕްގެ ގިނަ ގައުމުތަކަކީ އިގްތިސާދީ ކުރިއެރުން ދަށް، ގުދްރަތީ ވަސީލަތްތައް މަދު، އާބާދީ މުސްކުޅިވެފައިވާ ގައުމުތަކެއްކަން މުހައްލިލުން ފާހަގަ ކުރެއެވެ.

ޔޫރަޕްގެ ގައުމަކަށް ހަމަލާދޭނަމަ، ދޭނެކަމަށް އެގައުމުތަކުން ލަފާކުރާ ގައުމަކީ ރަޝިއާއެވެ. އެމެރިކާގެ އެހީއާ ނުލައި ރަޝިއާއާ ކުރިމަތިލެވޭވަރުގެ ދެގައުމު ނޫނީ ޔޫރަޕްގައި ނެތްކަމަށް ރިޕޯޓްތައް ބުނެއެވެ. އެއީ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތެވެ. މިދެގައުމު ދެކެ ރަޝިއާ ޖެހިލުންވަނީ އެދެގައުމުގައި ނިއުކްލިޔާ ހަތިޔާރު ހުރުމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ނިއުކްލިޔާ ހަތިޔާރާ ނުލައި ކޮންވެންޝަނަލް ހަތިޔާރުން ދިގުމުއްދަތަކަށް ރަޝިއާ އާ ހަނގުރާމަ ކުރުމަކީ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތްވެސް ކުރެވޭނެ ކަމެއްނޫނެވެ. އެއީ ރަޝިއާއާ އަޅާބަލާއިރު އެދެގައުުގެ އާބާދީ ކުޑަވެފައި ވަސީލަތްތައް މަދުވެފައި ރަޝިއާގެ ހަތިޔާރާ އަޅާބަލާއިރު އެދެގައުމުގެ ހަތިޔާރުގެ ފެންވަރު ދަށްކަމުންނެވެ.

ޔުކްރެއިން އަކީ ނިއުކްލިޔާ ބާރަކަށް ނުވިނަމަވެސް އެއީ އާބާދީގެ ގޮތުން އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާ ދާދި އެއްވަރުގެ ގައުމެކެވެ. ނަމަވެސް އެމެރިކާއާއި ޔޫރަޕްގެ އެހެންގައުމުތަކުގެ އެހީ ނެތްނަމަ ޔުކްރެއިންއަށް ރަޝިއާ ކުރިމަތީގައި އަމިއްލަ ނަފްސު ދިފާއު ނުކުރެވުނީސްކަމަށް ތަޖުރިބާކާރުން އެއްބަސްވެ ވަޑައިގަންނަވައެވެ.

އެމެރިކާއާއި ޔޫރަޕުން ކުލީ ސިފައިންނާއި ހަތިޔާރާއި އިގްތިސާދީ އެހީތައް ހުއްޓުމެއްނެތި ޔުކްރެއިންއަށް ލިބެމުންދާއިރުވެސް ރަޝިއާ ވަނީ ޔުކްރެއިންގެ 20 އިންސައްތަ ބިން ހިފައި ޔުކްރެއިންގެ ބޮޑުބައެއް ފުނޑުފުނޑުކޮށްލާފައެވެ. އަދި އެމެރިކާއާއި ޔޫރަޕްގެ އަސްކަރީ އަދި އިގްތިސާދީ އެހީއާއެކުވެސް ރަޝިއާގެ ކުރިމަތީގައި ދިގުމުއްދަތަކުން ޔުކްރެއިން އިނދަޖެހޭނެކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ. މިހާރުވެސް ޔުކްރެއިން ހަނގުރާމައިން އެމަންޒަރުވަނީ ފެންނަން ފަށާފައެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކަކީ ވަރަށް ކުދި އާބާދީ މަދު އަދި އާބާދީ މުސްކުޅިވެފައިވާ ގުދްރަތީ ވަސީލަތްތައް މަދު ގައުމުތަކެކެވެ. އެމެރިކާ އަޑީގައި އޮވެގެން ނޭޓޯ ރަޝިއާ ދިމާއަށް ފުޅާކުރަމުން ގެންދާތީ އެކަން ހުއްޓުވުމަށްޓަކައި ރަޝިއާ ޔޫރަޕްގެ ބައެއް ގައުމުތަކަށް އިސްވެ ހަމަލާދީ ޔުކްރެއިން އާ ދެކޮޅަށް ރަޝިއާ ހަނގުރާމަ ފެށިގޮތަށް ޔޫރަޕްގެ އެހެން ގައުމުތަކާ ދެކޮޅަށްވެސް ރަޝިއާ ހަނގުރާމަ ފާށާފާނެކަމުގެ ބިރު އެގައުތަކުން އިހްސާސް ކުރެއެވެ.

ރަޝިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިޔާ ބާރެވެ. އަދި އެއްގައުމަކަށް ބަލާއިރު އެންމެ ގިނައިން ހަތިޔާރު އުފެއްދުމުގެ ގާބިލްކަންވެސް ލިބިފައިވާ ގައުމެވެ. ރަޝިއާގެ ހަތިޔާރުގެ އިންފްރާސްޓްރަކްޗާ އެމެރިކާގެ ހަތިޔާރުގެ އިންފްރާސްޓްރަކްޗާ އަށް ވުރެވެސް ބޮޑެވެ.

ރަޝިއާގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް ޔޫރަޕް ބަރޯސާވާ ގައުމަކީ އެމެރިކާއެވެ.

comment ކޮމެންޓް