ސީކްރެޓް ސުޕަސްޓާ: އާމިރުގެ އިތުރު ބްލޮކްބަސްޓާއެއް؟

ބޮލީވުޑް ބޮކްސްއޮފީހުގެ ރަސްގެފާނު އާމިރު ޚާންގެ ކުރިއަށް އޮތް ފިލްމު، 'ސީކްރެޓް ސުޕަސްޓާ'ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި އެވެ.

މި އަހަރުގެ ދިވާލީ އާއި ދިމާކޮށް ރިލީޒް ކުރުމަށް ހަމަޖެހިފައިވާ އެ ފިލްމުގެ ޓީޒާ ވަނީ މީގެ ކުރިން ދައްކާލާފައެވެ. ފިލްމުގެ ލީޑު ރޯލުން ފެނިގެން ދާނީ އާމިރުގެ ބްލޮކްބަސްޓާ ފިލްމު 'ދަންގާލް'ގައި ފެނިގެން ދިޔަ ހުނަރުވެރި އެކްޓަރު ޒާއިރާ ވަސީމް އެވެ.

ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލާފައި ވާއިރު، ޕޯސްޓަރުގައި ފެނިގެން ދަނީ ސްކޫލު ޔުނީފޯމުގައި ޒާއިރާ މަގުން ހިނގާފައިދާ ތަނެވެ. ކޮނޑުގައި އަޅުވާފައި އޮތް ދަބަހުގައި މައިކެއް އޮތް އިރު، އޭނާގެ ކުރިމަތީގައި ވަނީ މިޔުޒިކް ނޯޓު ތަކެކެވެ.

ފިލްމުގައި ޒާއިރާ ފެނިގެން ދާނީ ބޮޑުވެގެން ލަވަކިޔުންތެރިއަކަށް ވުމުގެ ހުވަފެން ދެކެމުން އަންނަ ފަގީރު އަވަށަކަށް އުފަން ކުއްޖެއްގެ ރޯލުންނެވެ.

ޒާއިރާގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ހުރަސް އަޅަނީ އޭނާގެ ބައްޕައެވެ. އެހެންކަމުން ޒާއިރާގެ ހުނަރު އޭނާ ދައްކާލަނީ މޫނު ބުރުގާގެ ނިވަލުގައި އިނދެ ޔޫޓިއުބު މެދުވެރިކޮށެވެ.

'ސީކްރެޓް ސުޕަސްޓާ' އާއެކު އާމިރުގެ 'ތާރޭ ޒަމީން ޕަރް'ގެ ހަނދާންތައް އާވެ އެވެ. 'ސީކްރެޓް ސުޕަސްޓާ' ގައި އާމިރު އަދާކުރާނީ ޒާއިރާގެ މެންޓޯގެ ރޯލެވެ. ފިލްމުގައި ހަމަގައިމުވެސް އާމިރު ފެނިގެން ދާނީ ވަރަށް ތަފާތުކޮށެވެ.

އޯގަސްޓު މަހުގެ ދެވަނަ ދުވަހުގެ ފިލްމުގެ ޓްރެއިލަރ ރިލީޒް ކުރުމަށް ހަމަޖެހިފައި ވާއިރު، އާމިރު ވަނީ އެއީ 'ސުޕްހިޓް' ފިލްމަކަށް ވާނެ ކަމަށް ބުނެފައެވެ. އެހެންކަމުން މިއީ އާމިރުގެ ބްލޮކްބަސްޓާ ފިލްމުތަކުގެ ލިސްޓަށް އިތުރުވެގެންދާނެ ފިލްމެއް ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

ފިލްމު ލިޔެ ޑައިރެކްޓުކޮށްފައި ވަނީ އަދްވައިތު ޗަންދަން އެވެ. ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ އާމިރު އާއި ކިރަން ރާއޯ އެވެ.

comment ކޮމެންޓް