މޮސްކޯ (ޖުލައި 31): ރަޝިއާއާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އެޅުމާ ގުޅިގެން ރަޝިއާގައި ތިބި އެމެރިކާގެ 755 ޑިޕްލޮމެޓަކު އަނބުރާ ގައުމަށް ދިޔުމަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އަންގަވައިފި އެވެ.
ެަރަޝިއާގެ ޓީވީތައް މެދުވެރިކޮށް ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވީ އެގައުމުގައި ހުރި އެމެރިކާގެ އެމްބަސީތަކުގައި 1000 އަށް ވުރެ ގިނަ ޑިޕްލޮމެޓުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި ސެޕްޓެމްބަރު މަސް ފެށުމުގެ ކުރިން އޭގެ ތެރެއިން 755 ޑިޕްލޮމެޓުން އަނބުރާ ގައުމަށް ދާން ޖެހޭނެ ކަމަށެވެ.
މީގެ ކުރިން ރަޝިއާ އިން ވަނީ އެމެރިކާގެ ޑިޕްލޮމެޓުން ބޭނުންކުރާ ބައެއް ގެތަކާއި ގުދަންތައް ނަގާނެ ކަމަށް ވެސް އިއުލާންކޮށްފަ އެވެ.
ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ފާސް ކުރީ އެމެރިކާގެ ރިޔާސީ އިންތިހާބަށް ރަޝިއާ އިން ނުފޫޒު ފޯރުވުމާއި ކްރައިމިއާއަކީ ރަޝިއާގެ ބައެއްގެ ގޮތުގައި ހެދުމާއި، ޔޫކްރެއިންގެ އިރުމަތީގައި އަސްކަރީ ހަރަކާތްތައް ހިންގުމުގެ ސަބަބުންނެވެ.
ރަޝިއާ އިން އެމެރިކާގެ ރިޔާސީ ކެނޑިޑޭޓު ހިލަރީ ކްލިންޓަންގެ ކެމްޕެއިން ހެކް ކުރި ކަމަށް ތުހުމަތު ކުރެވުމާ ގުޅިގެން ރައީސް ބަރަކް އޮބާމާގެ ސަރުކާރުން ވަނީ ރަޝިއާގެ 35 ޑިޕްލޮމޭޓަކު އެމެރިކާ އިން ބޭރުކޮށްފަ އެވެ. (ބީބީސީ)