ހަނގުރާމަ މެދުކަނޑާލާފައި ބާއްވާ މުއްދަތު އެމެރިކާއިން އިތުރުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. އީރާނާއި އެމެރިކާއާއި ދެމެދު ހަނގުރާމަ ހުއްޓާލާފައި ބާއްވާ މުއްދަތު ޓްރަމްޕް ވަނީ އިތުރުކުރައްވާފައި. ފޮޓޯ/ރޮއިޓަާސް

އީރާނާއި އެމެރިކާއާ ދެމެދު އޮތް ދެ ހަފްތާގެ ސީޒްފަޔަރގެ މުއްދަތު ހަމަވުމާއެކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މުއްދަތެއް ނެތް ގޮތަށް ހަނގުރާމަ މެދުކަނޑާލާފައި ބޭއްވުމަށް ނިންމަވާފައެވެ. މި ނިންމެވުން ނިންމެވީ ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އީރާނަށް ވަގުތު ދިނުމަށާއި، މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުގެ އެދުމުގެ މަތިންނެވެ. ނަމަވެސް، އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ކުރިއަށްދާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވުމުން، އީރާނުން މަޝްވަރާތަކުގައި ބައިވެރިވެދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

  • އޭޕްރީލް އަށްވަނަ ދުވަހު ފެށި ދެ ހަފްތާގެ ސީޒްފަޔަރ ހަމަވުމުން، މުއްދަތެއް ނެތް ގޮތަށް އެމެރިކާއިން ސީޒްފަޔަރ އިތުރުކުރުން.
  • ޕާކިސްތާނުގެ އެދުމުގެ މަތިން ސުލްހައިގެ މަޝްވަރާތަކަށް އިތުރު ފުރުސަތު ދިނުން.
  • ހަނގުރާމަ މެދުކަނޑާލި ނަމަވެސް އީރާނުގެ ބަނދަރުތައް އެމެރިކާއިން ބްލޮކޭޑް ކޮށްފައި އޮތް އޮތުން ކުރިއަށްދިއުން.
  • ބަނދަރުތައް ހިސޯރުކޮށްފައި އޮތުމުން އީރާނުން މަޝްވަރާތަކުގައި ބައިވެރިވުމާމެދު ޝައްކު އުފެދިފައިވުން.

އީރާނާއި އެމެރިކާއާއި ދެމެދު ހަނގުރާމަ މެދުކަނޑާލާފައި އޮތް ދެ ހަފްތާގެ މުއްދަތު (ސީޒްފަޔާ) މިއަދު ހެނދުނު ހަމަވެފައިވާއިރު، ސުލްހައިގެ މަޝްވަރާތަައްކޮށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ގާއިމުކުރުމަށް އީރާނަށް ވަގުތު ދިނުމުގެ ގޮތުން މުއްދަތެއް ނެތް ގޮތަށް ހަނގުރާމަ މެދުކަނޑާލާފައި ބާއްވަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ.

އެގޮތަށް ނިންމެވީ ސުލްހައިގެ މަޝްވަރާތަކުގެ މެދުވެރިވާ ޕާކިސްތާނުގެ އެދުމުގެ މަތިން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މުއްދަތު އިތުރު ކުރި ނަމަވެސް އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ހުރަސްތައް އަދިވެސް އޮންނާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަސްކަރިއްޔާއަށް އަންގާފައި މިވަނީ ބްލޮކޭޑް ކުރިއަށް ގެންދިއުމަށާއި، އެހެން ހުރިހާ ގޮތަކުން ވެސް ތައްޔާރަށް އަދި ގާބިލްކަމާއެކު ތިބުމަށް، އަދި އެހެންކަމުން އެމީހުންގެ ހުށަހެޅުން ހުށަހަޅާ، އަދި މަޝްވަރާތައް ނިމެންދެން ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރުކުރާނަން," ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ލިޔުއްވާފައިވެއެވެ.

މުއްދަތު ހަމަވި ފަހުން އީރާނުން ވެސް ހަމަލާއެއް ދީފައި ނުވި ނަމަވެސް ޓްރަމްޕްގެ އެ ނިންމެވުމާ ގުޅިގެން ރަސްމީކޮށް އެއްޗެއް އަންގާނެ ކަމަށް އީރާނުގެ ތަސްނީމު ނޫހުން ބުނެފައިވެއެވެ.

މީގެ ކުރިން ޓްރަމްޕް ވަނީ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ވަގުތު ހަމަވުމުން އިތުރު ވަގުތު ނުދެއްވާނެ ކަމުގެ އިޝާރާތެއް ދެއްވައި، އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަލުން ބޮން އަޅަން ފަށާނެކަމުގެ އިންޒާރު ދެއްވާފައެވެ.

ހަނގުރާމަ މެދުކަނޑަލާފައި ބާއްވާ މުއްދަތު އިތުރުކޮށްފައި މިވަނީ އެމެރިކާއިން އިރާނުގެ ބަނދަރުތަކަށް ހުރަސްއަޅާފައި އޮތް އޮތުން އީރާނުން ކުށްވެރިކޮށް، ސުލްހައިގެ މަޝްވަރާތަކުގައި ވެސް ބައިވެރިވާނެ ކަމާމެދު ޝައްކު އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

ބަނދަރުތައް ހިސޯރު ކުރުން އެމެރިކާއިން ކުރިއަށްގެންދާނަމަ، ހަނގުރާމައިގެ މުއްދަތު އިތުރުކުރުމަކީ މަޝްވަރާގެ މޭޒަށް އީރާނުގެ ގެނެވޭވަރުގެ ކަމެއް ކަމާމެދު ސުވާލު އުފެދޭ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އީރާނާއި އެމެރިކާއިން ދެ ހަފްތާގެ މުއްދަތަށް ހަނގުރާމަ މެދުކަނޑާލަން އެއްބަސްވީ އޭޕްރީލް 8 ވަނަ ދުވަހުއެވެ. ނަމަވެސް އެ އެއްބަސްވުމުގައި އީރާނުން ހުށަހެޅި ލުބުނާނު ހަމަނުޖެހުން ހުއްޓުވުމާއި، ހުރްމުޒް ކަނޑުއޮޅި ކޮންޓްރޯލުކުރުމާ ގުޅޭގޮތުން ހުރި ހުށަހެޅުންތަކަށް ވަނީ އެއްބަސްނުވެވިއެވެ.

comment ކޮމެންޓް