ޖިނާއީ ތުހުމަތެއް އަނެއްކާވެސް ނޫސްވެރިއަކަށް

ސަންގު ޓީވީގެ ވީޑިއޯ ޖާނަލިސްޓެއް ކަމަށް އަބްދުﷲ ޔާމީން: އޭނާގެ މައްޗަށް ޖިނާއީ ތުހުމަތެއްކޮށް ފުލުހަށް ހާޒިރުވާން ވަނީ އަންގާފައި ---

އިދިކޮޅު ފަރާތްތަކުން ރޭ މާލޭގައި ކުރި މުޒާހަރާ ކަވަރު ކުރުމުގައި އުޅެނިކޮށް، ހައްޔަރު ކުރި ނޫސްވެރިންގެ ތެރެއިން ނޫސްވެރިއެއްގެ މައްޗަށް ޖިނާއީ ތުހުމަތެއްކޮށް ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

ފުލުހަށް ހާޒިރުވާން އަންގާފައިވަނީ ސަންގުޓީވީގެ ވީޑިއޯ ޖާނަލިސްޓެއް ކަމަށްވާ އަބްދުﷲ ޔާމީން އަށެވެ. އޭނާއަށް ވަނީ މާދަމާ ހަވީރު 5:00 އަށް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައި ޗިޓު ހަވާލުކޮށްފަ އެވެ.

ޔާމީންގެ މައްޗަށް އެ ތުހުމަތު ކޮށްފައިވާއިރު، މީގެ ކުރިން ރާއްޖެޓީވީގެ ބައެއް ނޫސްވެރިންގެ މައްޗަށްވެސް އެ ތުހުމަތުކޮށް ދައުވާވެސް އުފުލާފައިވެ އެވެ. އަދި ޝަރީއަތް ހިންގައި ބައެއް ނޫސްވެރިންގެ މައްޗަށް ދައުވާ ސާބިތުވެސް ވެފައިވެ އެވެ.

ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމުގައި ރޭ ހަތް ނޫސްވެރިއަކު ހައްޔަރުކުރި އެވެ. ހައްޔަރުކޮށްފައިވަނީ ރާއްޖެޓީވީއާއި ސަންގުޓީވީގެ ނޫސްވެރިންތަކެކެވެ. އެ ހުރިހާ ނޫސްވެރިން ވަނީ ފުލުހުންގެ އިދާރާގައި ދެ ގަޑިއިރެއް ހާއިރު ބޭތިއްބުމަށްފަހު ރޭގެ ވަގުތެއްގައި ދޫކޮށްލާފަ އެވެ.

އެ ނޫސްވެރިންގެ ތެރޭގައި ޔާމީންވެސް ހިމެނޭ އިރު އޭނާ ފިޔަވައި އެހެން ނޫސްވެރިއަކަށް ފުލުހަށް ހާޒިރުވާން އަންގައި ޗިޓު ހަވާލު ކުރި ކަމެއް އެނގިފައެއް ނުވެ އެވެ.

comment ކޮމެންޓް