އެޑިޓަރުގެ ނޯޓް: މިއީ މިނިވަން 50 ފާހަގަ ކުރުމުގެ ގޮތުން 28 ޖުލައި 2015 ގައި ސަންއޮންލައިންގައި ޝާއިއު ކޮށްފައިވާ ރިޕޯޓެކެވެ. މިރިޕޯޓް އަލުން މި ޝާއިއުކުރަނީ ގިނަ ކިޔުންތެރިން ތަކެއްގެ އެދުމުގެ މަތިންނެވެ. ރާއްޖެ މިނިވަން ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި އަބްދުއް ސައްތާރު ފަދަ ބޭފުޅުން މި ރިޕޯޓު ތައްޔާރުކުރި އިރު ދުނިޔޭގައި ތިއްބެވިއެވެ. ގައުމީ ބަތަލުންނަށް ސުވަރުގޭގެ ނިއުމަތް ދެއްވުން އެދި ދުއާކުރަމެވެ.
ނަސީމާ މުހައްމަދު ކަލޭފާނަކީ ސުމުއްވުލް އަމީރު އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ ތިންވަނަ އަނބިކަނބަލުންނެވެ. ރައީސް އިބްރާހީމް ނާސިރުގެ ބޭފުޅުންގެ ތެރެއިން، އިސްމާޢީލް ނާސިރު އަދި އާއިޝަތު ނާސިރުގެ މަންމާފުޅަކީ ނަސީމާ އެވެ. މިއީ ނަސީމާ ރާއްޖޭގެ މީޑިއާ އަކަށް ރައީސް ނާސިރު އާ ގުޅޭ ގޮތުން ދެއްވި އެންމެ ފުރަތަމަ އިންޓަވިއު އެވެ. ރައީސް ނާސިރުގެ މިޒާޖާއި ގެންގުޅުއްވި ސިޔާސަތު ތަކާއި ހޮބީ ތަކާއި ޢާއިލީ ދިރިއުޅުއްވުމުގެ ވާހަކަތައް ޙިއްސާކުރައްވަމުން ގެންދެވި އިރު ނަސީމާގެ މޫނުފުޅުމަތީން ފެންނަމުން ދިޔަ އަސަރުތައް ލިޔުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެހެން ނަމަވެސް އޭގައި ފުން މާނަތަކެއް އެކުލެވިފައިވެ އެވެ. އެއްވެސް ޝައްކެތް ނެތް ގޮތުގައި، ރައީސް ނާސިރާ ގުޅޭ ގޮތުން އެއްޗެއް އެންމެ ސާފު ބަހުން ވިދާޅުވެވޭނެ އެއް ބޭފުޅަކަށް ވާނީ އަނބިކަނބަލެއްގެ ހައިސިއްޔަތުން ނަސީމާ އެވެ. ފާއިތުވި ދުވަސްތަކުގައި، ރައީސް ނާސިރާ ގުޅޭ ގޮތުން ނަސީމާ އިންޓަވިއުއެއް ދެއްވާފައި ނުވަނީ އެއީ އެ ވާހަކަތައް ދައްކަވަން ދަތިފުޅުވެ، އުނދަގޫފުޅުވާތީ ކަމަށް ނަސީމާ ވިދާޅުވި އެވެ. އެހެން ކަމުން ނަސީމާ ރާއްޖޭގެ މީޑިއާ އަކަށް ރައީސް ނާސިރާ ގުޅޭ ގޮތުން ދެއްވި އެންމެ ފުރަތަމަ އިންޓަވިއު އަޅުގަނޑަށް ދެއްވީތީ ނުހަނު އިޚުލާސްތެރިކަމާ އެކު ޝުކުރުދަންނަވަމެވެ.
- ހަޔާތުގެ ބައިވެރިއެއްގެ ގޮތުގަ ނާސިރަކީ ކޮންކަހަލަ ބޭފުޅެއްތޯ؟
ޖ. ނާސިރު ނަންގަވަން ޖެހޭ ޒިންމާ ނެންގެވި، އަދާކުރައްވަން ޖެހޭ މަސްއޫލިއްޔަތު ފުރިހަމަޔަށް އަދާކުރެއްވި. ވަރަށް ހިތްހެޔޮ އޯގާތެރިބޭފުޅެއް އެއީ...
- ނާސިރުގެ ބޭފުޅުން ތުއްޕުޅު އިރު އެ ބޭފުޅުންގެ ކަންކަން އަމިއްލަފުޅަށް ކުރައްވައި އުޅުއްވާތޯ؟
ޖ. ނާސިރުގެ ބޭފުޅުންގެ ކަންކަމުގެ ތެރެއިން އަމިއްލަފުޅަށް ކުރައްވަން ޖެހޭ ފަދަ ކަމެއް ނަމަ އަމިއްލަފުޅަށް ވެސް ކުރައްވާ.
- އެބޭފުޅުންގެ ކަންކަން ވަކި ގޮތަކަށް ކުރައްވަން އިރުޝާދުދެއްވާތޯ؟
ޖ. ނާސިރަކީ ވަރަށް ބޮޑަށް ކަންކަމުގައި އިޚުތިޔާރު ދެއްވައިގެން ކަންކަން ކުރައްވާ ބޭފުޅެއް. ކަމެއްގައި ލަފައެއް ބޭނުންވެއްޖެ ނަމަ އަބަދުވެސް އެ އެޑްވައިސް ދެއްވާ.
- އެ ބޭފުޅުންނާ އެކު ނާސިރު ކުޅެ ހައްދަވާތޯ މަންމައާތޯ ނުވަތަ ބައްޕައާތޯ ކުދިން ބޮޑަށް ދޯޅީ؟
ޖ. ގޭގަ އުޅުއްވާ އިރު އެ ކުދިންނާ އެކު ވަގުތުހޭދަކުރައްވާ. ކުދީން ދެކެ ވަރަށް ލޯބިފުޅުވާނެ. ބޮޑަށް އެކުދިން އަހާނީ ނާސިރު (ބައްޕަގެ) ބަސް.... (ކުޑަކޮށް ހިނިފުޅުވަޑުވައިލައްވައިފައި)
- ސަރުކާރު ކަންކަމުގައި މަޝްވަރާ ކުރައްވާ ހައްދަވާތޯ؟
ޖ. ސަރުކާރު ހިންގެވުމުގެ ކަންކަމާއި އަމިއްލަފުޅު ދިރިއުޅުއްވުމުގެ ކަންކަން ނާސިރު ގެންގުޅުއްވީ ވަރަށް ބޮޑަށް ވަކީން. ސަރުކާރު ހިންގުމުގެ ކަންކަން އެއްވެސް ވަރަކަށް ގޭތެރޭގައި މަޝްވަރާކުރައްވައެއް ނުހައްދަވާ.
- ކުޑަކުދިންނާ ނާސިރާ ގުޅުން ކިހިނެއްތޯ؟
ޖ. ކުޑަކުދީން ދެކެ ވަރަށް ލޯބިފުޅުވާނެ. އަޅުގަނޑުމެން އާރަށަށް އެހެން އެދާ ދަތުރުތަކުގައި ވެސް ވަރަށް ގިނައިން ކުޑަކުދީން ގެންދަވާނެ އަދި އެ ކުދީންގެ މެދުގައި އެކިކަހަލަ ކުޅިވަރުތައް ބާއްވަވާނެ. ނާސިރު ހުންނަވާނީ ބައްލަވަން. ދެން އިނާމުވެސް ދެއްވާނެ.
- ނާސިރު އޭރު ވިޔަފާރި ކުރެއްވި. އެ ކަމުގަ އެއްވެސް މިންވަރަކަށް ލަފާ އައްސަވާތޯ؟
ޖ. އެފަދަ މުއާމަލާތްތައް އެނގިފައެއް ނެތް. ހޯދާކަށް މަސައްކަތެއް ވެސް ނުކުރަން. ނާސިރުވެސް ހިއްސާއެއް ނުކުރައްވާ.
- މޫންލައިޓް ނޫސް އެއީ ނާސިރުގެ އަމިއްލަފުޅު ވިސްނުންފުޅެއްތޯ ނޫނީ ނަސީމާގެ އިސްނެންގެވުމެއްތޯ؟
ޖ. އޭރު ރާއްޖޭގައި ނޫސްމަޖައްލާ ތަކުގެ ކަންކަން އޮތީ މާ ރަނގަޅު ފެންވަރެއްގައެއް ނޫން. ދުވަހު ނޫހެއްގެ ގޮތުގަ މޫންލައިޓް ނެރުއްވުމަކީ ސީދާ ނާސިރުގެ އަމިއްލަފުޅު އިސްނެންގެވުމެއް އަދި ނިންމެވުމެއް.
- ނޫސްވެރިކަމާއި ދިވެހި އަދަބިއްޔާތުގެ ކަންކަމަށް ނާސިރުގެ ވިސްނުންފުޅު ހުރީ ކިހިނެއްތޯ؟
ޖ. ޚަބަރާއި މައުލޫމާތުގެ ކަންކަމަށް ނާސިރުގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުރޭ. ކޮންމެ ދުވަހަކު ނުކުންނަ ނޫސް އެއްކޮޅުން އަނެއް ކޮޅަށް ވިދާޅުވާނެ. ރޭޑިއޯ ވެސް ގަވައިދުން އަޑުއައްސަވާނެ.
- ފޮތް ރައްކާ ކުރައްވާފަ ބެހެއްޓުން ފަދަ ކަންކަން ކުރައްވާތޯ؟
ޖ. އާދެ، ވަރަށް ގިނަ ވައްތަރުތަކުގެ ފޮތްތައް ރައްކާކުރައްވައިގެން ފޮތް ލައިބްރަރީއެއް ގެންގުޅުއްވާނެ. ވަކީން ޚާއްސަކޮށް އެކި ކަހަލަ ޢިލްމީ ފޮތްތައް ގެންގުޅުއްވާ. އަޅުގަނޑަކީ ވެސް ފޮތް ކިޔަން ޝައުގުވެރިކަން ހުންނަ މީހަކަށް ވާތީ، ނާސިރު ރާއްޖެއިން ބޭރަށް ވަޑައިގެންފަ އެނބުރި ވަޑައިގަންނަވާ އިރު އަޅުގަނޑު ކިޔާހިތްވާ ކަހަލަ ފޮތްތައް ގެނެސްދެއްވާނެ. އަދި ކުޑަކުދީންނަށް ބޭނުންވާ ފޮތާއި ކުޅޭ އެއްޗެހި ވެސް ގެނެސްދެއްވާނެ.
- އަޅުގަނޑަށް މައުލޫމާތު ލިބިފަ އޮންނަ ގޮތުން ނާސިރަކީ ސައިންސާއި ހިސާބުގެ އިލްމުގެ ފޮތްތަކަށް ވަރަށް ޚާއްސަ ޝައުގެއް ހުންނަ ބޭފުޅެއް. އެއީ ތެދެއްތޯ؟
ޖ. އާދެ. ސައިންސާ ގުޅޭ އެކި ކަހަލަ ފޮތްތައް އަދި ހިސާބުގެ ފޮތްތައް ވަރަށް ގިނައިން ވިދާޅުވެހައްދަވާނެ. ނާސިރަކީ ހިސާބުގެ އިލްމަށް ވަރަށް މޮޅު ބޭފުޅެއް.
- ރަސްމީ މަސައްކަތުގެ ކަންކަން ވަރަށް ގާތުން ބައްލަވައިހައްދަވާތޯ ވަރަށް ވިޝަނަރީ ބޭފުޅެއްތޯ؟
ޖ. ވަރަށް ބޮޑަށް ބައްލަވާނެ. އަނެއްކާ ކަންކަން މީހުންނަށް ދޫކޮށްލައްވާފަ އަޅައިނުލައްވައެއް ވެސް ނުހުންނަވާނެ. އޭގެ ބަދަލުގަ އެކަމެއް ކުރިޔަށް ދާ މިންވަރު ވެސް ވަރަށް ގާތުން ބައްލަވާނެ. ކޮންމެ ދުވަހަކު ގޮތަށް މާލެ ވަށާ ބުރެއް ޖައްސަވާނެ. މި ބުރުގައި ގިނައިން ވަޑައިގަންނަވާނީ ވެސް ގިނިކަންޏާ. ދެން އެ ވަޑައިގެން އެކި ތަންތަނުން އެ ފެނިވަޑައިގަންނަވާ ކަންކަން ނޯޓުކުރައްވައިގެން އެނބުރިވަޑައިގަންނަވާނީ. މިހެން ވަޑައިގަންނަވާ އިރު ނުވެ ހުރި ކަންކަން ވެސް ބައްލަވާނެ. އެއްދުވަހަކު އަޅުގަނޑާ އެކު ހުޅުލޭގެ އުތުރު ފަރާތު އަތިރި ކައިރީގަ ހުންނަވާފަ ފަރުކޮޅުފުށްޓާ ދިމާއަށް (މިހާރު ހުޅުމާލެ އޮތް ސަރަހައްދު) އިޝާރާތް ކުރައްވާފަ ވިދާޅުވި ނަސީމާއޭ މިއޮތް ފަޅު އެއްކޮށް ހިއްކައިލެވިއްޖެ ނަމަ މާލެއަށް ވުރެ ވެސް މާބޮޑު ތަނެއް އޮންނާނޭ މިތާ ރައްޔިތުން ދިރިއުޅެން. އެހުންނަނީ ދުރަށް ވިސްނާވަޑައިގަންނަވާ މިންވަރު އެހެންނޫންތޯ!
- ހޮބީގެ ގޮތުން ކޮން ކަހަލަ ކަންކަމެއްތޯ ކުރައްވަނީ؟
ޖ. ވަރަށް ގިނަ ވައްތަރުތަކުގެ ކުޅިވަރު ނާސިރު ކުޅުއްވާ. ބެޑްމިންޓަން ޑާޓް އަދި ކެރަމް ފަދަ ކުޅިވަރުތައް އޭގެ ތެރޭގައި ހިމެނޭ.
- އަޅުގަނޑު އަޑު އަހާ ގޮތުގަ ނާސިރު މަސްދަތުރުވެސް ވަޑައިގެން އުޅުއްވާ. އެއީ ތެދެއްތޯ؟
ޖ. (ކުޑަކޮށް ހިނިފުޅުވަޑުވާލައްވާފައި).. އާދެ. އެއީ ދެން ހަމަ މަޖާ ދެއްތޯ. ހަވީރުކޮކޮޅު ލޯންޗުގަ މަހަށް ވަޑައިގަންނަވަނީ. އެހެން ވަޑައިގަންނަވާ އިރު ލޯންޗް ދުއްވަވާނީ ވެސް ސީދާ ނާސިރު އަމިއްލަފުޅަށް. އިންޖީނަށް ކަމެއް ދިމާވިޔަސް އަމިއްލަފުޅަށް ހައްލުކުރައްވަން އެނގިވަޑައިގަންނަވާނެ. މަހަށް ވަޑައިގަންނަވަން ބޭނުންފުޅުވާ މަސްވެރިކަމުގެ ސާމާނުގެ ތެރެއިން ބުޅި ފަދަ އެއްޗެހި ވެސް ތައްޔާރުކުރައްވަނީ ނާސިރާ ނތ. އަހުމަދު ދީދީއާ ދެބޭފުޅުން. ތިންބުޅި އެއްކޮށްފަ ހުންނަ ގޮތަށް ބުޅި ހައްދަވައިގެން ވެސް ގެންގުޅުއްވާނެ. މި ދަތުރުތަކުގަ އަބްދުލް ހަންނާން ހަލީމް، އަހުމަދު އާދަމް ވެސް ވަޑައިގަންނަވާ.
- އެހެން ވަޑައިގަންނަވާ އިރު މަސްވެރިކަން ކާމިޔާބުކަމާ އެކު ކުރައްވާތޯ؟
ޖ. އާދެ އާދެ... ނާސިރަކީ މަސްވެރިކަމަށް ވެސް ވަރަށް މޮޅު ބޭފުޅެކޭ އިނގޭތޯ... ދެން އެ ބޭނޭ މަސް ފުރަތަމަ ގެންދާނީ ވެލާނާގެއަށް. ދެން އެ ދުވަހަކު އެދިޔަ ބައެއްގެ މެދުގައި ބައްސަވައިލައްވާނީ. ރޭގަނޑު މަހަށް ވަޑައިގަންނަވާ އިރު ބާކީ ޅަހުއްތު ވެސް ގެންދަވާނެ.
- ނަސީމާ އެއިން އެއްވެސް ދަތުރެއްގަ ނާސިރު އަރިހު މަހަށް ވަޑައިގަތިންތޯ؟
ޖ. (ހިނިފުޅުވަޑުވައިލައްވައިފަ)..... އާދެ އަޅުގަނޑު ވެސް ބައެއް ދުވަސްދުވަހު ދަން. ވަރަށް މަޖާ ކަމެއް އެއީ. އަދި ބައްލަވާ ކަނޑުމަސް ބާނާ ކަހަލަ އޮއިވާލި ކަނދުފައްޗެއް ވެސް މާލެ އާއި ގާދޫ އާ ދެމެދު ސަރަހައްދެއްގައި އެޅުއްވި. އެއީ ވެސް ދެން ހަމަ ފޮތްތައް ބައްލަވައިގެން އެކަން ދަސްކުރައްވައިގެން ކުރެއްވި ކަމެއްހެން އަޅުގަނޑަށް ހީވަނީ. އޭރު އަދި ރަސްމީ ސިފައެއްގައި ރާއްޖޭގައި އޮއިވާލި ކަނދުފަތި އަޅާކަށް ނުފަށާނެ.
- ނާސިރުގެ އޭރުގެ ސިއްހީ ހާލުކޮޅު ކިހިނެއްތޯ؟
ޖ. ނާސިރަށް ދިމާވި ސިއްހީ މައްސަލައަކާ ގުޅިގެން ވަރަށް ކުރީން ވަނީ އެއް ކިޑްނީ ނަގާފަ. ނާސިރަކީ ސިއްހީ ކަން ކަމުގެ މައުލޫމާތު ވެސް ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެއް.
- ނަސީމާ އަކީ ޕްރޮފެޝަނަލް ނަރުހެއް. ނާސިރުގެ ސިއްހީ ކަންކަން ބެލެހެއްޓުމުގަ ނަސީމާގެ ދައުރަކީ ކޮބާތޯ؟
ޖ. އެކަމުގެ އަޅުގަނޑު އަދާކޮށްދޭން ޖެހޭ ޒިންމާ އަދާކުރުމުގެ ފުރިހަމަ ފުރުސަތު ދެއްވާފަ އޮވޭ. އަދި އެގޮތް ބޭނުންފުޅުވެސް ވޭ.
- ގޭތެރޭގެ ކަންކަން ނިންމެވުމުގަ ނަސީމާގެ ބަސް ކިހާ ވަރަކަށް އައްސަވާތޯ؟
ޖ. ގޭތެރޭގެ ކަންކަން ނާސިރު ގެންގުޅުއްވީ ވަރަށް ވެސް އޯގަނައިޒްކޮށް ހަރުދަނާ އުސޫލުތަކެއްގެ ތެރޭގަ. ވަކި ގޮތަކަށް ވަކި ކަމެއްގެ އެޑްވައިސް އެއް ނާސިރަށް އަޅުގަނޑު އަރުވަން ޖެހޭނެ ފުރުސަތެއް ވެސް ނުދެއްވާ. އެއަށްވުރެ ރަނގަޅަށް ކަންކަން ގެންދެވީ.
- ސިންގަޕޫރަށް ވަޑައިގެންނެވި ފަހުން ރާއްޖެ އަށް ވަޑައެއް ނުގަންނަވާ. އަދި ރާއްޖޭގެ މީހުންނާ ވެސް ވަރަށް އެކަހެރިކޮށް އުޅުއްވީ. އޭގެ ސަބަބަކީ ކޮބައި ކަމަށްތޯ ހީފުޅުވަނީ؟
ޖ. ދެން ނާސިރަށް ކުރެއްވުނީ ވަރަށް ހިތި ތަޖުރިބާއެއް ދެއްތޯ. ވަރަށް ދެރަކޮށް ފަހުން ނާސިރާ މެދު ކަންކަން ކުރެވިގެން ދިޔައީ. އަޅުގަނޑަށް ހީވަނީ އެއީހެން އޭގެ ސަބަކަކީ. އެހެން ނަމަވެސް އެއިން ކަމަކާ މެދު ދުވަހަކު ވެސް އެއްވެސް މީހަކަށް ބަރުބަހެއް ވިދާޅުވި އަޑެއް ނާހަން. އަބަދުވެސް ވިދާޅުވާނެ ތިމަންނާ ކުރެއްވި ކަމަކާ ކުރެއްވި ޚިދުމަތެއް ދިވެހި ރައްޔިތުން ދަންނާނޭ. ނުވަތަ އެކަންކަން އެނގޭނޭ ދުވަހެއް އަންނާނެ ނޫންހޭ. ނާސިރު ދުނިޔޭގަ ހުންނަވަނިކޮށް، ނާސިރުގެ ޚިދުމަތްތަކުގެ އަގު ވަޒަން ކުރެވި، މި ހަގީގަތްތައް ލިޔެވި ޝާއިއުވެގެން ނުކުމެ، ނާސިރަށް ފެނިވަޑައިގެންނެވި ނަމަ ވަރަށް އުފާފުޅުވީސް.