ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދެކަނބަލުންގެ ޝަރަފުގައި ރަސްމީ ޖާފަތެއް ބާއްވަވައިފި‏

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ބޭއްވި ރަސްމީ ވާހަކަފުޅުތަކުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފް‏ގެ ދެކަނބަލުންގެ ޝަރަފުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރަސްމީ ޖާފަތެއް ބާއްވަވައިފިއެވެ.

ރާއްޖޭގެ މިނިވަން ކަމަށް 52 އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބާގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން އުޅުއްވާ ޕާކިސްތާނުގެ ބޮޑު ވަޒީރު، ނަވަޒް ޝަރީފާއި އެމަނިކުފާނުގެ އަނބިކަނބަލުން ކުލްސޫމް ނަވާޒް ޝަރީފްގެ ޝަރަފުގައި ބޭއްވި ރަސްމީ ޖާފަތް ބޭއްވީ ކުރުނބާ މޯލްޑިވްސް ރިސޯޓުގައެވެ.

އެ ޖާފަތުގައި ރާއްޖޭގެ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ޙުސައިނާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދާއި، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދުގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުގެ އަރިހުގައި މިދަތުރުފުޅުގައި ރާއްޖެ ވަޑައިގެންނެވި ވަފްދުގެ ބޭފުޅުންވެސް އެ ޖާފަތުގައި ‏ބައިވެރިވެވަޑައިގެންނެވިއެވެ.

ބޮޑުވަޒީރު، ނަވާޒް ޝަރީފްގެ ދަތުރުފުޅުގައި މިއަދު ރާއްޖެއާ ޕާކިސްތާނާ ދެމެދު ހަ އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވާއިރު، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ ޕާކިސްތާނަކީ ރާއްޖޭގެ ވަރަށް ގާތް އަޚެއް ކަމަށާއި އެގައުމަކީ ރާއްޖެއަށް ދެގޮތެއް ނުވާ މަދަދުގާރެއް ކަމަށެވެ.

comment ކޮމެންޓް