ބޭސްފަރުވާއަށް ބޭރަށް ފޮނުވަން ބުނެ ޖައްސަނީ ސިޔާސީ ސްޓަންޓް: ޝައިނީ

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ -- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކުން ބަލިވެގެން ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ފޮނުވުމަށް ބުނެ ޖައްސަނީ "ސިޔާސީ ސްޓަންޓް" ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިން ބޭރަށް ބޭސްފަރުވާއަށް ނުފޮނުވާ ކަމަށް ބުނެ ބައެއް ސިޔާސީ ފަރާތްތަކުން ދަނީ އެވާހަކަ ދައްކަމުންނެވެ. އަދި ޑޮކްޓަރުން ބޭރަށް ދާން ލަފާ ދެއްވި ނަމަވެސް ފާޅުގައި ސަރުކާރުން އެކަމަށް ދެކޮޅު ހަދާ ހިފަހައްޓާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ރޭ ޓީވީއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޝައިނީ ވިދާޅުވީ ބައެއް ބޭފުޅުން ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވުމަށް އެދި ޖައްސަނީ ސިޔާސީ ސްޓަންޓް ކަމަށެވެ. އަދި ޖަލު ހުކުމަށް ފިލަން ވެގެން ސިޔާސީ މީހުން ކުރާ ކަމެއް ކަމަށް ޝައިނީ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެބަފެނޭ ވަރަށް ރީއްޗަށް މައިބަދައިގެ މައްސަލައެއް ޖެހިގެން މަރުވާ ހިސާބަށް ގޮސް ހުރި މީހާ ގޮސް ގޮނޑި ދުއްވަން ފެށީމާ. އަޅުގަނޑުމެންނަށް އެބަ އެނގޭ ކޮބާތޯ ބަލި ހާލަތު ހުރިވަރަކީ. ރައީސް ނަޝީދު އަދި ވެސް އެއުޅެނީ ގޮސް ފިލައިގެން،" ޝައިނީ ވިދާޅުވި އެވެ.

އެގޮތަށް ކޮންމެ މީހަކަށް ފިލުމުގެ ފުރުސަތު ދޭން ވެއްޖެ ނަމަ މީހުންނަށް އެއީ ހުއްޖަތެއް ކަމަށް ގަބޫލުކުރެވޭނެ ކަމަށް ޝައިނީ ވިދާޅުވި އެވެ. އަދި ވިދާޅުވީ "ގާސިމް އިބްރާހިމް އައިސީޔޫގައި އޮވެފައި ކުއްލިއަކަށް މިއަދު ނުކުމުގެން އެބައުޅޭ" ކަމަށެވެ.

"އެހެންވީމާ މިއީ ސިޔާސީ ސްޓަންޓަކަށް ވީމާ ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް މިހާރު އެނގޭނެ އެއީކީ ހަގީގަތެއް ނޫންކަން. އަސްލު މިއުޅެނީ ބަޔަކު ބަލިވެގެނެއް ނޫން،" ޝައިނީ ވިދާޅުވި އެވެ.

ބޭސްފަރުވާއަށް ގޮސް ފިލައިގެން އުޅޭ ކަމަށް ބުނެ ޝައިނީ ވަނީ ބައެއް ފަރާތްތަކުގެ ނަން ފާހަގަކުރައްވައިފަ އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ދިއްގަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ނާޒިމް އާއި ނޮވެމްބަރު ތިނެއްގައި ބޭރު ބަޔަކާ ގުޅިގެން ރާއްޖެއަށް ހަމަލާދިނުމުގައި ބައިވެރިވި އަބްދުﷲ ލުތުފީގެ ނަން ޝައިނީ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް ހެއްކާ އެއްކޮށް ފެންނަން އެބަހުރި. ގަރީނާތައް އަޅުގަނޑެމެންނަށް ފެންނަން އެބަހުރި މިބޭފުޅުން ދޮގު ހަދާފައި ގޮސް ފުރައިގެން ދާތަން." ޝައިނީ ވިދާޅުވި އެވެ.

އަދި ވިދާޅުވީ ރާއްޖެ އިން ބޭރަށް ދާން ލަފާދީ ޑޮކްޓަރަކު ސިޓީއެއް ދީފާނެ ކަމަށާއި އެކަމަކު އެ ލިޔުން އެކި ޑޮކްޓަރުން މާނަކުރާނީ އެކިގޮތަށް ކަމަށެވެ. ޝައިނީ ވިދާޅުވީ މީހަކަށް "އެވަރުގެ ބޮޑު އަނިޔާއެއް ލިބޭ ކަމަށްވާ ނަމަ" އެ އޮންނަ އުސޫލުގެ ތެރޭން އެޓެންޑް ކުރެވިގެން ދާނެ ކަމަށެވެ.

ޝައިނީ އެ މޭރުމުން ވާހަކަފުޅު ދައްކަވާފައިވާ އިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ ރާއްޖެ އިން ބޭރަށް ބޭސްފަރުވާއަށް ފޮނުމަށް ސަރުކާރުގައި އެދިވަޑައިގެންފަ އެވެ. އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް ރާއްޖެ އިން ބޭރަށް ބޭސްފަރުވާއަށް ފޮނުވުމަށް ތަކުރާރުކޮށް ކަރެކްޝަނަލް ސާވިސްގައި ދަނީ އެދެމުންނެވެ.

comment ކޮމެންޓް