ހަތަރު މެމްބަރުން ސުޕްރީމް ކޯޓަށް ހުށަހެޅި ގޮނޑީގެ މައްސަލަ ބަލައިގެންފި

ޕީޕީއެމްއިން ވަކިކުރި ހަތަރު މެމްބަރުން -- މަޖިލިސް ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރަކު ސުޕްރީމް ކޯޓަށް ހުށަހެޅި ގޮނޑީގެ މައްސަލަ ކޯޓަށް ބަލައިގަނެ، އެކަން މެމްބަރުންނަށް އަންގައިފި އެވެ.

ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފު މުހައްމަދާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި މަޑުއްވަރީ ދާއިރާގެ މެމްބަރުން މުހައްމަދު އަމީތު އަހުމަދު މަނިކެވެ.

ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ފޮނުއްވެވި ލިޔުމެއްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައި، ފައިސަލާ ކުރަނިވި ހުކުމެއް ކުރަންދެން މަޖިލީހުގެ މެމްބަރުންގެ ގޮތުގައި އެ ދެބޭފުޅުންނަށް ތިއްބެވޭނެ ކަމަށް އަމުރުކޮށް ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލަ ބަލައިގެންފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުން ފޮނުވި ލިޔުމުގައި ބުނެފައި ވަނީ އެ މައްސަލަ ހުށަހަޅާފައި ވަނީ އެ ކޯޓުގެ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ތިން ދުވަހުގެ ތެރޭގައި ރެޖިސްޓްރީ ކުރުމަށް ސުޕްރީމް ކޯޓުން ވަނީ އަންގައިފަ އެވެ.

އެ މެމްބަރުންގެ މެމްބަރު ކަމުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ނެރުނު ހުކުމާ ހަވާލާދީ އެވެ.

comment ކޮމެންޓް