ތިނަދުއަށް އަނެއްކާ ވެސް ސްޕެއިން ކޯޗެއް

ތިނަދޫ ޓީމާ ހަވާލުވި ސްޕެއިން ކޯޗު ހުއާން މެނުއެލް މާޓިނޭޒް ސައޭޒް ---

ދިވެހި ޕްރިމިއާ ލީގަށް ނުކުންނަ ގދ. ތިނަދުއަށް އަނެއްކާ ވެސް ސްޕެއިން ކޯޗެއް ގެނެސްފި އެވެ.

މިނިވަން ޗެމްޕިއަންޝިޕްގައި ތިނަދުއާ ކުރިން ހަވާލުވި ސްޕެއިން އަލްވަރޭޒް ސަންޗޭޒްގެ ބަދަލުގައި އެ ޓީމަށް އިރުޝާދު ދިނުމަށް ގެނެސްފައި ވަނީ ސްޕެއިންގެ ހުއާން މެނުއެލް މާޓިނޭޒް ސައޭޒް އެވެ. ތިނަދުއަކީ މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަޕް ޓީމެވެ.

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ބައެއް މެޗުތަކުގައި އަލްވަރޭޒް ތިނަދުއަށް އިރުޝާދު ދިނުމަށް ފަހު އޭނާ އެނބުރި ގައުމަށް ގޮސްފައި ވަނީ އާއިލާއަށް ވަގުތު ދިނުމުގެ ގޮތުންނެވެ. ތިނަދޫގެ އޮފިޝަލެއް 'ސަން ސްޕޯޓްސް'އަށް މައުލޫމާތުދެމުން ބުނީ، އަލްވަރޭޒް އެނބުރި ގެނައުމަށް އެ ޓީމުން ފަހުން ވެސް މަސައްކަތްކުރި ކަމަށެވެ.

ތިނަދުއާ އަލަށް ހަވާލުވި ކޯޗު ހުއާންއަކީ ސްޕެއިންގެ މަޝްހޫރު ކްލަބެއް ކަމަށްވާ އެލްޗޭގެ ޔޫތު އެކަޑަމީގައި މަސައްކަތްކޮށްފައިވާ ކޯޗެކެވެ. ކުޅުންތެރިއެއްގެ ގޮތުގައި ވެސް ހުއާން ވަނީ އެލްޗޭއަށް ކުޅެފަ އެވެ. ކުޅުންތެރިއެއްގެ ގޮތުގައި 1984 އިން ފެށިގެން 1998ގެ ނިޔަލަށް އެ ކްލަބުގެ ޖާޒީގައި އޭނާ ފެނިގެންދިޔަ އެވެ.

ތިނަދުއާ ހަވާލުވުމަށް ފަހު ކޯޗު ހުއާން ވަނީ ތިނަދޫ ސްޕޯޓްސް ކްލަބުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދަށް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ. އަދި ތިނަދޫގެ ކޯޗުކަމުގެ މަގާމަށް އެންމެ އެކަށީގެންވާ ކެނޑިޑޭޓަކީ ހުއާން ކަމަށް އޭނާ އަމިއްލަ އަށް ވެސް ގަބޫލުކުރެ އެވެ.

"ކްލަބުން އަހަރެންނަށް ކުރި އިތުބާރާ މެދު ފަހުރުވެރިވަން. ކްލަބަށާއި ސަޕޯޓަރުން ބޭނުންވާ ކާމިޔާބު ހާސިލުކުރުމަށް އަހަރެން އެހީތެރިކަން ފޯރުކޮށްދޭނަން. އަބްދުﷲއާ ކުރެވުނު ދިގު މަޝްވަރާތަކަށް ފަހު މާޒިޔާ އަދި ނިއު ރޭޑިއަންޓް ފަދަ ޓީމުތަކާ ދެކޮޅަށް ނުކުމެވޭވަރުގެ ވާދަވެރި ޓީމެއް އުފެއްދޭނެ ރޭވުމެއް އެކުލަވާލެވިއްޖެ،" އޭނާ ބުންޏެވެ.

އުމުރުން 39 އަހަރުގެ ކޯޗު ހުއާން ބުނީ، ޕްރިމިއާ ލީގުގައި ކުޅޭ 14 މެޗުގައި ވެސް ވާދަވެރިކަން ދަމަހައްޓާ، ބުރަ މަސައްކަތާ އެކު ލީގުގެ ކުރީ ސަފުގައި އޮންނާނެ ކަމަށް އުންމީދުކުރާ ކަމަށާއި ކްލަބުގެ ރައީސް ކައިރީ ބުނެފައިވާ ފަދައިން ތިނަދޫ ރައްޔިތުން ފަހުރުވެރިވާނެ ފަދަ ޓީމެއް އެކުލަވާލާނެ ކަމަށެވެ. އަދި މިނިވަން ޗެމްޕިއަންޝިޕްގައި ތިނަދޫ ކުޅުނު މެޗުތައް އޮންލައިންކޮށް ބަލާ، ދިރާސާކޮށްފައިވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ކުރިން ތިނަދުއަށް ގެނައި ބިދޭސީ ކުޅުންތެރިންގެ ތެރެއިން ދިވެހި ޕްރިމިއާ ލީގުން ފެނިގެންދާނީ ކިރްގިސްތާނުގެ ގޯލްކީޕަރު ޒަނީބެކޯވް ރުސްލާން އަދި ސްޕެއިންގެ ޕެޗަރޯމަން އެއިޒަގުރޭ އެލައިން އެވެ. ކޯޗު ހުއާންގެ އެދުމުގެ މަތިން ތިނަދުއާ އިތުރަށް ގުޅޭނެ ދެ ކުޅުންތެރިންނަކީ ޕެނަމާގެ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށް ކުޅެފައިވާ ފޯވަޑަކާއި ޑިފެންސިވް މިޑްފީލްޑަރެކެވެ. ތިނަދުއަށް ދިވެހި ކުޅުންތެރިންތަކެއް ގެނައުމަށް މަޝްވަރާކުރަމުންދާ ކަމަށް ވެސް އެ ޓީމުން ބުނެ އެވެ.

ތިނަދޫގެ އިތުރުން މިއަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާނީ މާލޭ ލީގުގެ ޗެމްޕިއަން މާޒިޔާއާއި ނިއު ރޭޑިއަންޓާއި ކްލަބު ގްރީން ސްޓްރީޓްސްއާއި ޓީސީ ސްޕޯޓްސް ކްލަބާއި މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ދ. ކުޑަހުވަދުއާއި އއ. މާޅޮސް އަދި ށ. މިލަންދޫ އެވެ.

comment ކޮމެންޓް