އެފްއޭއެމްގެ އެކްސްކޯއަށް އަލީ އުމަރު އައްޔަންކޮށްފި

އަލީ އުމަރު-- ސަން ފައިލް ފޮޓޯ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީއަށް ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއާ އަދި އެ އިދާރާގެ ކުރީގެ ނައިބު ރައީސް އަލީ އުމަރު މިއަދު އައްޔަންކޮށްފިއެވެ.

އަލީ އުމަރު އެ މަގާމަށް ހަމަޖައްސާފއިވަނީ މި މަހުގެ 22 ވަނަ ދުވަހު ބޭއްވި އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

އަލީ އުމަރު އެކްސްކޯގެ މެމްބަރު ކަމަށް އައްޔަން ކޮށްފައިވާއިރު އެފްއޭއެމްގެ އެކްސްކޯ ބައްދަލުވުންތަކަށް ހާޒިރީ ދަށް ކަމަށް ބުނެ އެ ކޮމިޓީގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރަކުވަނީ މަގާމުން ވަކިކޮށްފައެވެ.

އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަމުން ވަކިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އަދި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދުއެވެ.

އެފްއޭއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި އެފްއޭއެމުން ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދާއިރު އެ މަސައްކަތުގައި އެކްސްކޯގެ އެންމެހައި މެމްބަރުންގެ ބައިވެރިވުމާއި އެއްބާރުލުން ލިބުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި އެކްސްކޯގެ ހުރިހާ މެމްބަރުންނަށްވެސް އަސާސީ ގަވާއިދުގެ މަތިން ވަރަށް ގިނަ މަސްއޫލިއްޔަތުތަކެއް ހަވާލުކުރެވިފައިވާއިރު އެ ކަންތައްތައްތައް ޒިންމާދާރު ކަމާއެކު ކުރުމަށް މިއަދު ވަކިކުރި ތިން މެމްބަރުންނަށް، މަގާމުން ވަކިކުރުމުގެ ކުރީން ނަސޭހަތްތެރިވެފައިވާ ކަމަށެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ނަސޭހަތް ދެވުނުކަމުގައި ވީނަމަވެސް އެކްސްކޯގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގައި ތިން މެމްބަރުންވެސް ފަރުވާކުޑަކުރައްވާފައިވާ ކަމަށާއި އަދި އެންމެ އެކަށިގެންވާ އެއްބާރުލުން ލިބިފައިނުވާކަމަށެވެ.

އަލީ އުމަރުވަނީ މީގެ ކުރިންވެސް އެފްއޭއެމްގެ ހިންގާ ކޮމިީޓީގައި މަސައްކަތް ކޮށްފައެވެ. އެގޮތުން މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ޠާރިޤު (ޓޮމް) އެފްއޭއެމްގެ ަރައީސަކަށް ހުންނެވިއިރު އޭނާ ވަނީ އެ އިދާރާގެ ނައިބުރައީސްކަންވެސް ކުރައްވާފައެވެ.

މީގެ އިތުރުން އަލީ އުމަރު ވަނީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގައިވެސް މަސައްކަތް ކުރައްވާފައެވެ.

comment ކޮމެންޓް