ފާރިސް ބަންދުގައި ހުރުމުން ޖަވާބުދާރީވާން އިތުރު ފުރުސަތެއް ދީފި

މިއަދުގެ އަޑުއެހުން ނިންމާލުމަށްފަހު ފާރިސް ކޯޓުން ނުކުމެވަޑައިގަންނަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފާރިސް މައުމޫން ބަންދުގައި ހުރުމުގެ ސަބަބުން ވަކީލުންނާ ބައްދަލު ކުުރުމަށް އެކަށީގެންވާ ވަގުތު ލިބިފައި ނުވާތީ ދައުވާއަށް ޖަވާބުދާރީ ވުމަށް އިތުރު ފުރުސަތެއް ދީފި އެވެ.

މިއަދު ކުރިމިނަލް ކޯޓުގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ފާރިސްގެ ވަކީލު މައުމޫން ހަމީދު ވިދާޅުވީ، ފާރިސް ޖަލު ބަންދުގައި ހުރުމުގެ ސަބަބުން ފާރިސްގެ ފަރާތުން ދައުވާއަށް ޖަވާބުދާރީ ވުމަށް ތައްޔާރުވެވިފައި ނުވާ ކަމަށެވެ.

އެހެން ކަމުން ޖަވާބުދާރީ ވުމަށް އިތުރު ފުރުސަތެއް ދިނުމަށް ފާރިސްގެ ފަރާތުން އެދިލެއްވުމުން ގާޒީ ވަނީ އެ ފުުރުސަތު ދީފަ އެވެ.

ގާޒީ ވަނީ ފާރިސް އަށް ވަކީލުންނާ ބައްދަލު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ފުލުހުންނަށް އަންގާނެ ކަމަށް ވިދާޅުވެފަ އެވެ.

ފާރިސްގެ މައްޗަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާއާ ގުޅިގެން މިމަހުގެ 17 ވަނަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ފާރިސް ވަނީ އެ ދައުވާއަށް އިންކާރު ކުރައްވާފަ އެވެ. ނަމަވެސް ދައުވާއަށް ޖަވާބުދާރީވުމަށް އިންކާރު ކުރައްވާފަ އެވެ. ސަބަބެއްގެ ގޮތުގައި މައުމޫން ހަމީދު ފާހަގަ ކުރެއްވީ، ދިފާއުގައި ވާހަކަ ދެއްކުމަށް ބޭނުންވާ މައުލޫމާތު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފައި ނުވާތީ ކަމަށެވެ. އަަދި ދައުވާއަށް ޖަވާބުދާރީވެ ދައުވާއާ މެދު ވާހަކަ ދެއްކެވޭނީ އެ މައުލޫމާތުތައް ފޯރުކޮށްދިނުމުން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އެހެން ނަމަވެސް ޕީޖީގެ ފަރާތުން ވަނީ ސީޑީ އަކާއި ސިޓީއެއް ފާރިސް އަށް ފޮނުވާފައި ކަމަށާއި، ނަަމަވެސް އެ ފޮނުވި އިރު ފާރިސް ހުރީ ބަންދުގައި ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.

އަދި ފާރިސް ފޮނުވާފައިވާ ސިޓީގައި އެ މައްސަލައާއި ގުޅިގެން ހުރި ގިނަ މައުލޫމާތުތަކަކީ ހިއްސާ ކުރެވެން ނެތް މައުލޫމާތު ތަކެއްކަމަށް ފާހަގަ ކުރައްވާފައިވާ ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.

ފާރިސް ބަންދުކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ގާޒީ ވިދާޅުވީ، ފާރިސް ބަންދުކޮށްފައިވަނީ މިއަދުގެ ޝަރީއަތާ ގުޅޭ މައްސަލައާ ގުޅިގެން ނޫން ކަމަށާއި، އެހެން ކަމުން އެކަމާ މެދު ގޮތެއް ނިންމެވެން ނެތް ކަމަށެވެ.

ބަންދާ މެދު ހިތްހަމަނުޖެހޭނަމަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް މި މަހުގެ 31 ވަނަ ދުވަހަަށް ވަނީ ތާވަލުކޮށްފަ އެވެ. ގާޒީ ވިދާޅުވީ އެ އަޑުއެހުމުގައި ޖަވާބުދާރީ ވުމަށް ފުރުސަތު ދޭނެ ކަމަށާއި، ނަމަވެސް އެއީ ޖަވާބުދާރީ ވުމަށް ދެވޭނެ ފަހު ފުރުސަތު ކަމަށެވެ.

ފާރިސްގެ ޝަރީއަތުގެ އަޑުއެހުން ނިންމާލުމަށްފަހު މައުމޫން ކުރިމިނަލް ކޯޓުން ނުކުމެވެޑައިގަންނަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފާރިސްގެ މައްޗަށް ޝަޚުސު އޮޅުވާލުމުގެ ދައުވާ އުފުލާފައި ވަނީ، ފާރިސް ޕީޕީއެމުން ވަކިކޮށްފައިވަނިކޮށް މިއަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު މޫކައި ސުއިޓްސްގައި ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ޕީޕީއެމްގެ ހުއްދަ ނެތި އެ ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުންކޮށްފައިވާ ކަމަށް ބުނެ އެވެ.

އެ ކުށަކީ ޖިނާއަތުގެ ފަސްވަނަ ދަރަޖައިގެ ކުށެކެވެ. އެ ދައުވާ ފާރިސްގެ މައްޗަށް ސާބިތުވެއްޖެނަމަ އަންނާނެ ހުކުމަކީ ނުވަ މަހާއި 18 ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

މިއަދުގެ އަޑުއެހުމަށް ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ވެސް ވަޑައިގެންނެވި އެވެ.

comment ކޮމެންޓް