ފުވައްމުލައް ސިޓީގައި ކުރިއަށް ދިޔަ 26 ވަނަ އަންހެނުންގެ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފައިނަލުގައި މިސްކިތްމަގު އެންމެންގެ ގުޅުން ބަލިކޮށް، ޕޮލިސް ކްލަބުން ތަށި ދިފާއުކޮށްފި އެވެ.
ރޭ ކުޅުނު އެ މުބާރާތުގެ ފައިނަލުގައި ވާދަވެރި ކުޅުމަކަށް ފަހު މިސްކިތްމަގު ޓީމުގެ މައްޗަށް ފުލުހުން މޮޅުވީ 3-1 ސެޓުންނެވެ. އެ މުބާރާތުގައި ކުރިން މިސްކިތްމަގާ ދެކޮޅަށް ދެ ފަހަރަކު ފުލުހުން ނުކުތް ނަމަވެސް، އެ މެޗުތައް ކާމިޔާބުކުރީ މިސްކިތްމަގު ޓީމުންނެވެ.
ރޭ ކުޅުނު ފައިނަލް މެޗުގެ ސެޓުތައް ފުލުހުން ގެންދިޔައީ 16-25، 23-25، 25-20 އަދި 19-25 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ފުލުހުންގެ މަރިޔަމް އަޒީފާ އެވެ.
އެ މުބާރާތުގެ ތިންވަނަ ހޯދާފައި ވަނީ ފްރެންޑްސް ކްލަބު ފުނާޑުންނެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ފުލުހުންގެ ހައްވާ ރާޝިދާއާއި އެ ޓީމުގެ މަރިޔަމް އަޒީފާއާއި މިސްކިތްމަގުގެ ހައްވާ ސަހާއާއި ފުލުހުންގެ ހަމްނާ ހުސައިން އަލީ ދީދީއާއި މިސްކިތްމަގުގެ އައިޝަތު މާޖިދާއާއި ފުލުހުންގެ ފާތިމަތު ޖޫޒާން ޒަރީރު އަދި މިސްކިތްމަގުގެ ލިބަރޯ މަރިޔަމް ހަލީމެވެ.
އެ މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ޕޮލިސް ކްލަބުގެ ކޯޗު މައުމޫރު މުހައްމަދު ހޮވުނުއިރު، 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޝާނިޔާ އަހްމަދު ނިޒާމެވެ. އަދި މުބާރާތުގައި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މިސްކިތްމަގުގެ އައިމިނަތު އަރީޝާ އެވެ.