މުހުތާޒަށް ގަވައިދުން ފިޒިއޮތެރަޕީ ނުދޭތީ ހިނގާ އުޅެން ދަތި: އާއިލާ

ކުރީގެ ޕީޖީ މުހުތާޒު މުހުސިން --- ސަންފައިލް ފޮޓޯ

ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް މުހުތާޒު މުހުސިން އަށް ދޭން ޖެހޭ ފިޒިއޮތެރަޕީ ގަވާއިދުން ދިނުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިހުމާލުވެފައިވާ ކަމަށާއި މިހާރު ހިނގާ އުޅުމުގައި ވެސް ދަތިތަކެއް ކުރި ކަމަށް އާއިލާއިން ބުނެފި އެވެ.

ގާނޫނާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރަން އުޅުނުކަން ސާބިތުވެ، މުހުތާޒު ގެންދަވަނީ 17 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

މުހުތާޒުގެ އާއިލާގެ މެމްބަރަކު މިއަދު 'ސަން' އަށް ވިދާޅުވީ މިހާރު މުހުތާޒު އޭޑީކޭގައި އެޑްމިޓްކޮށްފައި ވަނީ މައިބަދައިގެ މައްސަލަ ސީރިއަސްވެގެން ކަމަށެވެ.

އާއިލާން ބުނާ ގޮތުން މުހުތާޒަކީ ޖަލަށް ލުމުގެ ކުރިން ވެސް މައިބަދައިގެ މައްސަލަތަކެއް ހުންނަ ބޭފުޅެކެވެ. އަދި ޖަލަށް ލުމުން އެ މައްސަލަތައް އިތުރަށް ބޮޑުވެފައިވާ ކަމަށް އާއިލާއިން ބުންޏެވެ.

އާއިލާއިން ބުނީ މީގެ ފަސް މަސް ދުވަސްކުރިން މައި ބަދައަށް ބާރުގަދަ އިންޖިކްޝަނެއް ޖެހުމަށް ފަހު 10 ދުވަސް ވަންދެން ކޮންމެ ދުވަހަކު ދެ ގަޑިއިރު ފިސިއޮތެރަޕީ ހެދުމަށް ޑޮކްޓަރުން ލަވާދެއްވި ކަމަށެވެ. އަދި ފިސިއޮތެރަޕީ ގަވާއިދުން ނުހަދައިފި ނަމަ އެ އިންޖިކްޝަންގެ އަސަރެއް ނުކުރާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުންޏެވެ.

ހައިކޯޓުން ކުރި ހުކުމަކާ ހަވާލާދީ އާއިލާއިން ބުނީ މުހުތާޒު ހުންނަ ގޮޅީގައި ގުދުވެގެން އެއްވެސް ކަމެއް ކުރަން ނުޖެހޭ ގޮތަށް އިންތިޒާމުތައް ހަމަޖެހިފައި ހުންނަން ޖެހޭ ކަމަށެވެ. އަދި އެ ހުކުމުގައި ފާހާނާ ފްލެޝް ކުރެވޭ ގޮތަށް ގޮޅީގައި ހަމަ ޖެހިފައި ހުންނަން ޖެހޭނެ ކަމަށް ބުނެފައިވާ ކަމަށް އާއިލާއިން ބުންޏެވެ.

އަދި މައިބަދައިގެ ސީރިއަށް މައްސަލަތަކެއް މުހުތާޒުގެ ހުންނައިރު ފިޒިއޮތެރަޕީއަށް މާލެ ގެންނަ ބައެއް ދުވަސް ދުވަހު " ދެގަޑިއިރުވަންދެން ދޯނީގައި ދުއްވާފައި މި ގެންނަނީ،" ކަމަށް އާއިލާއިން ބުންޏެވެ.

އާއިލާއިން ބުނީ، 10 ދުވަހުން ހަދަން ޖެހޭ ފިޒިއޯތެރަޕީ ހަދައި ނިމުނީ، ދެ މަސްދުވަހުން ކަމަށެވެ. އެހެންކަމުން ޖެހި އިންޖެކްޝަންގެ އެއްވެސް އަސަރެއް ނުކުރާކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ސުވާލު ކުރުމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން ވިދާޅުވީ މުހުތާޒަށް ދޭން ޖެހޭ ޑޮކްޓަރީ ފަރުވާ ގަވާއިދުން ދެމުންދާ ކަމަށެވެ.

މުހުތާޒުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާފައި ވަނީ 2015 ވަނަ އަހަރު ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި މުހުތާޒު މާލެއިން ފުރައިގެން މާމިގިއްޔަށް ގޮސް އެ ރަށު ގާޒީ އަހުމަދު ނިހާނާ ބައްދަލުކޮށް އެ ރަށު ކޯޓު ހުޅުވައިގެންތިބެ ރައީސް ޔާމީން ހައްޔަރުކުރަން ސައްޙަ ނޫން ކޯޓު އަމުރެއް ތައްޔާރުކުރަން މަސައްކަތްކޮށްފައިވާކަން ޝަރީއަތަށް ސާބިތުވުމުންނެވެ.

އެމައްސަލަ މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.

comment ކޮމެންޓް