ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަމާޒުތަކުގެ ތެރެއިން އެއް އަމާޒަކީ ފަނޑިޔާރު ގޭގެ ކަންކަން ނިންމުމުގައި ފަނޑިޔާރުންގެ ދައުރު އިތުރު ކުރުން ކަމަށް، އެ މަނިކުފާނުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރު، މުހުތާޒް މުހުސިން މިއަދު ވިދާޅުވެއްޖެއެވެ.
ކުރިން ޕްރޮސެކިއުޓާ ޖެނެރަލްކަން ވެސް ކުރެއްވި މުހުތާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިގޮތުގައި ފަނޑިޔާރުގެއާ ގުޅުންހުރި ކަންކަން ނިންމުމުގައި ފަނޑިޔާރުންގެ ބައިވެރިވުން އިތުރުކޮށް އަދި ޝަރުއީދާއިރާއަށް ދިމާވެފައިވާ ނިކަމެތި ހާލަތު ރަނގަޅު ކުރުމަކީ ރައީސްގެ އަމާޒެކެވެ.
ހަމައެހެންމެ ނަޒާހަތްތެރި އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ފަނޑިޔާރުގެ ހެއްދެވުމަކީ ވެސް ރައީސްގެ އަމާޒެއް ކަމަށް މުހުތާޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ޝަރުއީ ދާއިރާއަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓުވާނެ ކަމުގެ ވައުދާއެކުއެވެ. އެ މަނިކުފާން މިހާރު ވިދާޅުވަނީ މި ސަރުކާރުން ވެރިކަމާ ހަވާލުވިތާ ފުރަތަމަ ދުވަހުން ފެށިގެން ޝަރީއަތްތައް އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމުގެ މަގު ފަހި ކޮށްދެއްވާފައިވާ ކަމަށެވެ.
ރައީސް މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް މުހުތާޒް މުހުސިން އައްޔަންކުރެއްވީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގައެވެ.
ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގައި މުހުތާޒު އެ މަގާމަށް އައްޔަން ކުރެއްވިއިރު، މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި ޕީޕީއެމް/ޕީއެންސީގެ ރައްޔިތުންގެ މަޖިލީސް ޕްރައިމަރީގައި އޭނާ ވަނީ ދަނގެތީ ދާއިރާގެ ޓިކެޓަށް ވާދަކޮށް ނާކާމިޔާބުވެފައެވެ.