ކަނޑިއަކުން ޖެހި ކަންގަނާއަށް އަނިޔާވެއްޖެ

ހުނަރުވެރި އެކްޓަރު ކަންގަނާ ރަނައުތުގެ ކުރިއަށް އޮތް ފިލްމު 'މަނީކަރްނިކާ: ދަ ކުއީން އޮފް ޖާންސީ'ގެ ޝޫޓިންގައި ކަންގަނާއަށް އަނިޔާވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން އެބަދެއެވެ.

ކަންގަނާއަށް އަނިޔާވެފައި ވަނީ، އެކްޝަން މަންޒަރެއް ޝޫޓު ކުރުމުގެ ތެރޭގައި ކަނޑިއަކުން ޖެހިގެންނެވެ. ކަނޑިން ޖެހި ކަންގަނާގެ ނިތްކުރި ވަނީ ޒަޚަމްވެފައެވެ.

ކަންގަނާ ވަނީ ވަގުތުން އެޕޯލޯ ހޮސްޕިޓަލަށް ގެންގޮސް، ހޮސްޕިޓަލުގެ އައިސީސީޔޫގައި ފަރުވާ ދީފައެވެ. ކަންގަނާގެ ހާލު ސީރިއަސް ނޫން ނަމަވެސް، ޑޮކްޓަރުން ވަނީ ކުޑަކޮށް ފުންކޮށް ކަނޑައިގެން ދިޔަ ނަމަ، ކަށިގަނޑަށް ގެއްލުންވީސް ކަމަށް ބުނެފައެވެ.

ކަންގަނާ އަދިވެސް އޮތީ ހޮސްޕިޓަލުގައެވެ. އަދި ދެތިން ދުވަސް ވަންދެން ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދޭނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ޚަބަރުތައް ބުނެއެވެ.

ބޮޑީ ޑަބަލް އެއް ބޭނުން ނުކޮށް އަމިއްލައަށް ކަނޑި ހިފައިގެން ޝޫޓު ކުރަން ބޭނުންވީ ކަންގަނާއެވެ. އަދި ޝޫޓު ކުރުމުގެ ކުރިން ވަރަށް ގިނަ ފަހަރު ޕްރެކްޓިސް ކުރި ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ކަމާލް ޖެއިން ވަނީ ބުނެފައެވެ. ކަންގަނާއަށް އަނިޔާވީ ޓައިމިން ދިމާނުވުމުންނެވެ.

ކަންގަނާގެ ނިތްކުރީގައި ލަކުނު އިންނާނެ ކަމަށް ޑޮކްޓަރުން ބުނި ނަމަވެސް، ސާޖަރީ ހަދައިގެން ނުވަތަ މޭކަޕް ކޮށްގެން ލަކުނު ފިލުވާކަށް ކަންގަނާ ބޭނުމެއް ނުވިއެވެ. އެހެންކަމުން ފިލްމުގައި ކަންގަނާ ފެނިގެން ދާނީ އެ ލަކުނާ ވެސް އެކުއެވެ. ފިލްމުގައި އޭނާ އަދާކުރަނީ ހަނގުރާމަވެރިއެއްގެ ރޯލު ކަމުން، ލަކުނު އިނުމުން ކެރެކްޓަރު އިތުރަށް ފުރިހަމަ ވާނެ ކަމަށް އޭނާ ގަބޫލުކުރެއެވެ.

'މަނީކަރްނިކާ: ދަ ކުއީން އޮފް ޖާންސީ' ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޭޕްރީލް މަހު އެވެ.

comment ކޮމެންޓް