ފާރިސް މައުމޫން މާފުށީ ޖަލަށް ބަދަލުކޮށްފި

ފާރިސް ފުލުހުންގެ ލޯންޗުގައި އިއްޔެ މާލެ ގެންނަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ރިޝްވަތުގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މާފުށީ ޖަލަށް ބަދަލުކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން މިއަދު "ސަން" އަށް ވިދާޅުވީ ފާރިސް މިހާރު ހުންނެވީ މާފުށީ ޖަލުގައި އެ ސާވިސްގެ ބެލުމުގެ ދަށުގައި ކަމަށެވެ.

ފާރިސް ހައްޔަރުކުރީ މި މަހުގެ 17 ވަނަ ދުވަހު އޭނާ ދިރިއުޅުއްވާ މއ. ސުނޯރޯސް ގައި ހުންނަވަނިކޮށް ކޯޓު އަމުރެއްގެ ދަށުންނެވެ. ހައްޔަރުކުރިފަހުން ބަހައްޓާފައި ހުރީ ދޫނިދޫގައެވެ. ފުލުހުން ވަނީ އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓް ބަލައިފާސްކޮށް އެތަނުން ޕެންޑްރައިވެއް ގެންގޮސްފައެވެ.

ޖެހިގެން އައި ދުވަހުގެ ވަގުތެއްގައި ފުލުހުން ވަނީ އަނެއްކާވެސް ކޯޓު އަމުރެއްގެ ދަށުން އެގެއަށް ވަދެފައެވެ. މިއަދު ގެންދިޔައީ އެގޭގެ ސީސީޓީވީގެ ހާޑު ޑިސްކެވެ.

އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ފާރިސް މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދިން ކަމުގެ ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށެވެ.

ޝަރީއަތް ނިމެންދެން ފާރިސް ބަންދުގައި ބަހައްޓަން އަމުރުކުރިއިރު، އެ މައްސަލައިގެ ތަހުގީގު އަދި ނުނިމެއެވެ.

comment ކޮމެންޓް