އަންނަ ނޮވެންބަރު 17ގައި މި ސަރުކާރަށް ތިން އަހަރު ވުމުގެ ކުރިން، ޖަލުގެ ބެޑް ކެޕޭސިޓީ 500އަށް އިތުރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ކަރެކްޝަންސްއިން ބުނެފިއެވެ.
ޖަލަށް ގެންދާ ކުށްވެރިން މަދުނުވާއިރު، އެ މީހުން ބައިތިއްބާނެ މިންވަރަށް އެކަށީގެންވާ ޖާގަތައް ނޯންނަ ކަމަށް އެކި ސަރުކާރުތަކުން ބުނެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވަނީ އެ މައްސަލައަށް އިޝާރަތްކުރައްވައި، ވާހަކަދައްކަވާފައެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޖަލަށް ވަންނަ މީހުންގެ އަދަދު މަދެއް ނުވެއެވެ. އެހެންވެ، އެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރަމުން އަންނަކަން ޒަރީރު ފާހަގަކުރެއްވިއެވެ.
މިގޮތުން، މި ދައުރުގެ މިހާތަނަށް ޖަލުގެ ބެޑް ކެޕޭސިޓީއަށް 370އެއްހާ ޖާގަ އިތުރުކޮށްފައިވާ ކަމަށާއި ޖާގަ އިތުރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވާހަކަދައްކަވަނީ --- ފޮޓޯ/ ޕީއެސްއެމް
ޒަރީރު ފާހަގަކުރެއްވި ގޮތުގައި، މިހާރު މަސައްކަތް ކުރަނީ ސަރުކާރަށް ތިން އަހަރު ވުމުގެ ކުރިން ޖަލުގެ ބެޑް ކެޕޭސިޓީ 500އަށް އިތުރުކުރުމަށެވެ.
500 ބެޑް ކެޕޭސިޓީ އިތުރުކުރުމުގެ ޓާގެޓަށް ވާސިލުވުމަށްޓަކައި އަޅުގަނޑުމެން މަސައްކަތްތައް އެބަކުރަން. އެނގިވަޑައިގަންނަވާނެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅާއެކީގަ އަދި އަޅުގަނޑުމެންގެ މިނިސްޓަރުގެވެސް ވަރަށް ބޮޑު އިނިޝިއޭޓިވްއާ އެކީގައި އަޅުގަނޑުމެން ކުރަމުން އަންނަ މަސައްކަތެއް މިއީކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު
އިތުރަށް ވާހަކަދައްކަވަމުން ޒަރީރު ވިދާޅުވީ، ގައިދީން ވަކިކޮށްގެން ޖަލުތަކުގައި ގެންގުޅުމުގެ ޖާގައެއް ވެސް ނެތް ކަމަށެވެ. އެހެންވެ، އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުން ވެސް މިހާރު ބައިތިއްބަން ޖެހެނީ އެއް ތަނެއްގައިކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި، ދިގު މުއްދަތަކަށް ޖަލު ހުކުމް ތަންފީޒު ކުރާ ގައިދީންނަށް ޚާއްސަ ޔުނިޓެއް ގާއިމުކުރުމުގެ މަސައްކަތް ކުރާކަން ޒަރީރު ވަނީ ހާމަކުރައްވާފައެވެ.
ޒަރީރު އެ ފަދައިން ވިދާޅުވިއިރު، ރާއްޖޭގެ އެކި ތަންތަނުގައި ޖަލުތައް ހުރުމުން ޖަލުތައް ބެލެހެއްޓުމަށް ދަތިވާތީއާއި ޚަރަދު ބޮޑުވާތީ، ސެކިއުރިޓީ ލެވެލްތައް ވަކިކޮށްފައިވާ މަރުކަޒީ އެއް ޖަލު ހެދުމުގެ ވިސްނުން މި ސަރުކާރުން ގެންގުޅޭކަން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ޖަނަވަރީ 17، 2024ގައި ހާމަކުރައްވާފައެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މާފުށީ ޖަލާއި މާލޭ ޖަލާއި އައްސޭރި ޖަލުގައި މިހާރު ތިބި މީހުންގެ އަދަދު 1200އަށް ވުރެ އިތުރެވެ. އޭގެ ތެރެއިން މާލޭ ޖަލުގައި ތިބި މީހުން އެހެން ޖަލުތަކަށް ބަދަލުކޮށް، އެ ޖަލު މިހާރު ވަނީ ބަންދުކޮށްފައެވެ.
މާލޭ ޖަލު ބަދަލު ކުރަން ނިންމީ އެ ޖަލާ އިންވެގެން އިމާރާތް ކޮށްފައިވާ ދަރުމަވަންތަ ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް އޭގެ ސަބަބުން ނުރަނގަޅު އަސަރު ކުރާތީއެވެ.