ތިން ރަށެއްގެ ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ހަވާލުކޮށްފި

ތިންރަށެއްގެ ނަރުދަމާ ނިޒާމު ގާއުމުކުރުމުގެ މަސައްކަތް ހަވާލުކުރުމަށް އެންވަޔަރްމެންޓް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތުގެ ތެރެއިން --- ސަންފޮޓޯ: ފަޔާޒް މޫސާ

ދިވެހި ސަރުކާރުގެ އެކަށީގެންވާ ބޯފެނުގެ ނިޒާމާއި ނަރުދަމާގެ ނިޒާމުގެ ހިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ތިންރަށެއްގެ ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިމަޝްރޫއުގެ އަމަލީ މަސައްކަތް ހަވާލުކުރުމަށް ދައުލަތުގެެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހިމެވެ. އަދި މަސައްކަތް ހަވާލުކުރެވުނު ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޕްރޮޑަކްޓް ޑިރެކްޓަރ ޖޭ.އޭ.ސީ ޕްރަބާސްއެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީގައި ކުރިޔަށްދިޔަ ރަސްމިއްޔާތުގެ ތެރެއިން --- ސަންފޮޓޯ: ފަޔާޒް މޫސާ

މިމަޝްރޫއުގެ ދަށުން ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ ކ. ހިންމަފުށި، ކ. ތުލުސްދޫ އަދި ހދ. ނޮޅިވަރަންފަރުގައެވެ.

މިއީ ދައުލަތުގެ ބަޖެޓުންނާއި، އިސްލާމިކް ޑިވިލޮޕްމެންޓް ބޭންކް (އައިޑީބީ)ގެ ލޯން އެހީއިން ޚަރަދުކޮށްގެން ކުރިޔަށްގެންދިޔުމަށްް ހަމަޖެހިފައިވާ މަޝްރޫއުއެކެވެ.

އަދި މިމަޝްރޫއު ސިއެރާ ކޮންސްޓްރަކްޝަން އާ ހަވާލު ކުރެވުނީ 135،937،197.43 ރުފިޔާއަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގް ވާހަކަދައްކަވަނީ --- ސަންފޮޓޯ: ފަޔާޒް މޫސާ

މި ތިން ރަށުގައި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މިނިޒާމް ހިންގާނެ އިދާރީ އިމާރާތެއް ގާއިމުކުރުންވެސް ހިމެނެއެވެ. އަދި މި ތިންރަށުގައި މި ނިޒާމުތަށް ގާއިމުކޮށް ނިމުމުން މީހުންދިރިއުޅޭ ހުރިހާ ގޭބީސީތަކަށާއި މުއައްސަސާތަކަށް މިހިދުމަތް ފޯރުކޮށްދެވޭނެއެވެ.

comment ކޮމެންޓް