އާބަންކޯއިން ހިންމަފުށީގައި ޖަލެއް ޤާއިމުކޮށްފި

އާބަންކޯ އިން ގާއިމް ކުރި ޖަލު --- ފޮޓޯ/ އާބަންކޯ

މާލެ ޖަލު ހުސް ކުރުމަށް އެހީތެރިވުމުގެ ގޮތުން، އާބަންކޯއިން ކ. ހިންމަފުށީގައި ޖަލެއް ގާއިމު ކޮށްފިއެވެ.

އާބަންކޯގެ ފަރާތުން ކ. ހިންމަފުށީގައި ގާއިމް ކުރި ޖަލަކީ އެކުންފުނީގެ ކޮމިއުނިޓީ ރެޕިޑް ރެސްޕޮންސް (ސީއާރްއާރް) ޓީމުގެ ފަރާތުން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ. މިއީ ރައީސް އޮފީހުގެ އެދުމުގެ މަތިން ހިންމަފުށީގައި ވީރާނާވެފައިވާ ބާ އިމާރާތެއް ތަރައްޤީކޮށް އާބަންކޯއިން ޤާއިމްކޮށްފައިވާ ޖަލެކެވެ.

އާބަންކޯއިން ހިންމަފުށީގައި ޖަލެއް ގާއިމްކުރީ މާލެ ޖަލު ހުރި ސަރަހައްދުގައި ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް ހަދައި ދަރިވަރުންނަށް ކިޔަވައިދޭން ފަށަންވާއިރަށް ޖަލު އެ ސަރަހައްދުން ބަދަލުކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

އާބަންކޯއިން ގާއިމްކުރި ޖަލަކީ ހަތަރު ބްލޮކް ހިމެނޭ ގޮތަށް އިމާރަތްކޮށްފައިވާ ޖަލެކެވެ. މި ކޮންމެ ބްލޮކެއްގައި ގާތްގަނޑަކަށް 16 ގައިދީން ބެހެއްޓޭނެއެވެ. އަދި، ގައިދީން ބޭނުންކުރުމަށް 12 ފާހަނައިގެ ފާހަނަ ބަރިއެއް އެ ތަނުގައި އެ ކުންފުނިން ވަނީ އިމާރަތް ކޮށްފައެވެ.

މައި އިމާރާތުގެ ސްޓަރްކްޗަރ އާއި، ކަރަންޓުގެ މަސައްކަތާއި، ރިނޮވޭޝަންއަށް ބޭނުންވާ ހުރިހާ ކަމެއް ކޮށް، އެ ޖަލުގެ މަސައްކަތްތައް ނިންމާލުމަށް ފަހު އެ ކުންފުނީގެ ފަރާތުން މިހާރު ވާނީ އެތަން ކަރެކްޝަންސްއާ ހަވާލުކޮށްފައެވެ.

އާބަންކޯގެ މައިގަނޑު މަސައްކަތުގެ ތެރޭގައި ހުޅުމާލެ ތަރައްގީކުރުމާއި، ހުޅުމާލެއަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުން ހިމެނުނުކަމުގައިވީ ނަމަވެސް އެ ކުންފުނީގެ ބިޔޯންޑް ހުޅުމާލެ ޕްލޭންގެ ދަށުން ކުންފުނިން އަންނަނީ އާންމު މުޖުތަމައަށް ބޭނުންވާ އެހެނިހެން ކަންކަން ވެސް ކޮމިއުނިޓީ ރެސްޕޮންސް ޓީމުގެ ދަށުން ކުރަމުންނެވެ. އެގޮތުން ހިންމަފުށީ ޖަލުގެ މަސައްކަތަކީ ވެސް އެ ޕްލޭންގެ ދަށުން ކުރެވުނު މަސައްކަތެކެވެ.

comment ކޮމެންޓް