ޖަލަށް ޑްރަގް އެތެރެކުރަން އުޅުނު ކަރެކްޝަންސް އޮފިސަރުގެ ބަންދަށް 15 ދުވަސް

ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކ. ހިންމަފުށި އައްސޭރި ޖަލަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް ހައްޔަރުކުރި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހައިފިއެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މިދިޔަ ހުކުރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކަށް ފުލުހުންނާ ކަރެކްޝަންސްއާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އައްސޭރި ޖަލަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި އޮފިސަރަކު އަތުލައިގަނެފައިވާ ކަމަށެވެ. އަދި, އޭނާ ޖަލަށް އެތެރެކުރަން މަސައްކަތްކުރި މަސްތުވާތަކެތި ވެސް އަތުލައިގަނެފައިވާ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

އޭރު ކޮމިޝަނަރު ވިދާޅުވީ އެ އޮފިސަރު ހައްޔަރުކޮށް، ކަރެކްޝަންސްގެ ޚިދުމަތުން ސަސްޕެންޑް ކުރެވިފައިވާ ކަަމަށެވެ.

https://sun.mv/177315

އެ ކަމުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ފުލުހުންގެ މީޑީއާ އޮފިޝަލު މިއަދު "ސަން"އަށް ވިދާޅުވީ، ހައްޔަރުކުރި ކަރެކްޝަންސް އޮފިސަރުގެ ބަންދުގެ މުއްދަތަށް މިދިޔަ ހުކުރު ދުވަހު ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އައިމިނަތު ޔުސްރީން މީގެ ކުރިން ވިދާޅުވީ މިފަދަ ކަންތައްތައް ހުއްޓުވުމުގެ ގޮތުން އެ ސާވިސްއިން މީގެ ކުރިން ވެސް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން އިންޓެލިޖެންސްއިން މޮނިޓާ ކުރުމާ އެފަދަ ކަންކަން ބެލުމަށް ޚާއްސަ ބޯޑެއް ވެސް އެކުލަވާލައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޔުސްރީން ވިދާޅުވީ ޝައްކުވާ ކަމެއް އުޅޭނަމަ އިންޓާނަލް ތަހުގީގު ހިންގައި އަޅަންވާ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި، ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަން ޖެހިއްޖެ ނަމަ ނުވަތަ ފުލުހުންނާ ހަވާލުކުރަން ޖެހޭ ކޭސްއެއް ނަމަ އެކަން ވެސް ކުރާނެ ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް