ޑިމޮކްރެޓްސްގެ ވައުދު: ހިންމަފުށި، ހުރާ، ތުލުސްދޫ ގްރޭޓާ މާލޭގައި ހިމަނާނަން

ޑިމޮކްރެޓްސްގެ މާލޭ ތަސައްވުރު އިއުލާނު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވާހަކަދައްކަވަނީ --- ފޮޓޯ/ ދަ ޑިމޮކްރެޓްސް

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، އިލްޔާސް ލަބީބުގެ ވެރިކަމެއްގައި ކ. ހިންމަފުށި، ހުރާ، ތުލުސްދޫ މާލެ ސަރަހައްދުގެ ތެރޭގައި ހިމެނުމަށް ވައުދުވެވަޑައިގެންފިއެވެ.

ރޭ އެ ޕާޓީން މާލޭ ސަރަހައްދަށް ގެންގުޅޭ ތަސައްވުރު އިއުލާނުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެކަން އިއުލާނުކުރެއްވީ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއެވެ.

އޭނާ ވިދާޅުވީ، ގާނޫނު އަސާސީ ބަދަލުކޮށްގެން ނަމަވެސް، އެ ބަދަލު އެ ޕާޓީގެ ސަރުކާރެއްގައި ގެންނާނެ ކަމަށެވެ.

"ގްރޭޓާ މާލެއޭ ކިޔާފައި ހިންމަފުށި، ހުރާ، ތުލުސްދޫ ގާނޫނުގެ ތެރެއިން، ނޫނީ ގާނޫނު އަސާސީއަށް ގެންނަ ބަދަލަކާ އެއްކޮށް، އަޅުގަނޑުމެން މި ކަނޑައަޅަނީ މާލޭ ސަރަހައްދުގެ ގޮތުގައި،" އާޒިމް ވިދާޅުވިއެވެ.

އެއާއެކު، އެ ރަށްތައް މާލެއާ ފެރީއިން ގުޅާލާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ބަދަލާއެކު، މާލޭ ރައްޔިތުންނަށް އެ ރަށްތަކުން ގޯއްޗަށް އެދެވޭނެ ކަމަށެވެ. އަދި އެ ރަށްށަށުގެ ރަށްވެހިންނަށް، މާލޭގައި ހިންގާ ބޯހިޔާވަހި ކަމުގެ މަޝްރޫއުތަކަށް ކުރިމަތިލެވޭނެ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކެންޑިޑޭޓް އިލްޔާސް ވިދާޅުވީ، ބައެއް މީހުންގެ ނަޒަރުގައި މާލެ ސަރަހައްދު ލިމިޓުވެފައި އޮންނަން ޖެހޭ ކަމަށް ގަބޫލުކުރި ނަމަވެސް، އެ ޕާޓީގެ ވިސްނުން މުޅިން ތަފާތު ކަމަށެވެ.

"ޑިމޮކްރެޓުން ދެކޭ ގޮތުގައި މި މާލެ، ގްރޭޓާ މާލެއެއްގެ ގޮތުގައި ވާންޖެހެނީ މި ސަރަހައްދުގެ ރަށްތަކާ އެކީގައި. މިރަށުގެ މަންފާ، މި ރަށުގައި ލިބެން ހުންނަ ޚިދުމަތްތައް، މިރަށުގެ ބެނެފިޓްސްތައް މި ސަރަހައްދުގެ ރައްޔިތުންނަށް ނުލިބެންވީ އެއްވެސް ސަބަބެއް ނެތް"

"ހަމައެއާއެކީ، މާލޭގެ ރައްޔިތުންނަށް މި ސަރަހައްދުގައި ހިނގާ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު، ޖާގަ އޮންނަންޖެހޭ" އޭނާ ވިދާޅުވިއެވެ.

ޑިމޮކްރެޓުންގެ މާލޭ ސިޔާސަތު ރޭ އާންމުކޮށްފައިވަނީ، ރައީސް މުހައްމަަދު ނަޝީދުގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ "ވެށިފަހި މާލެ" ޕްރޮޖެކްޓުގެ ދެވަނަ ބައިގެ ގޮތުގައެވެ.

އެގޮތުން އެ ޕާޓީން ހުށަހަޅަނީ، މާލޭގައި އެންމެ ބޮޑަށް ތޮއްޖެހިފައިވާ 10 ބްލޮކަށް ރަޖިސްޓާކޮށްފައި ތިބި މީހުން، މާލޭގެ ދެކުނުގައި ހުހަށް އޮތް ފަސް ބްލޮކުގައި އިމާރާތްކުރާ ކޮންޑޯތަކަކަށް ބަދަލުކުރުމަށެެވެ. އެއާއެކު، ހުސްވާ ބިމުގައި އަނެއްކާވެސް ކޮންޑޯތައް ހަދައި، ދެން އެންމެ ތޮއްޖެހިފައިވާ ސަރަހައްދުތަކުގައި ތިބި މީހުން ބަދަލުކުރުމަށެވެ.

އެގޮތަށް، ފަސް އަހަރުގެ ދައުރު ނިމޭއިރު 25،000 ޔުނިޓު ދޫކުރެވޭނެ ކަމަށް އެ ޕާޓީން ބުނެއެވެ.

މީގެ އިތުރުން، މާލޭގެ މަގުތައް ފުޅާކޮށް، އަލުން ހެދުމަށާއި، އެންމެ ނިކަމެތި މީހުންނަށް ހާއްސަކޮށްގެން ކައުންސިލް ހައުސިން ގާއިމުކުރުމަށް ހިމަނާފައިވެއެވެ. އަދި، އަލަށް އާބާދުވާ ކޮންޑޯތަކުގައި، މުސްކުޅިން ބަލަހައްޓާނެ މަރުކަޒުތަކާއި، ޑޭކެއާ ސެންޓަރުތަކުގެ އިތުރުން ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ގާއިމުކުރުމަށް އެ ތަސައްވުރުގައި ވެއެވެ.

comment ކޮމެންޓް