ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައިދިނުމަށް ހަތަރު މެމްބަރުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފި

ޕީޕީއެމްއިން ވަކިކުރި ހަތަރު މެމްބަރުން -- މަޖިލިސް ފައިލް ފޮޓޯ

މަޖިލީހުގެ ގޮނޑި ހުސްވި ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ކަނޑައެޅި ހަތަރު މެމްބަރުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

އެ ހަތަރު މެމްބަރުންނަކީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަށްފަހު މީޑިއާތަކާ ވާހަކަ ދައްކަވަމުން މަޖިލީހުގެ ގޮނޑި ލޯޔަރު ވައްޑޭ ވިދާޅުވީ މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކީ އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިއުލާން ކުރެއްވުމުން އެ ނިންމުން ބާތިލްކޮށްދިނުމުގެ އަމުރަކަށް އެދި ހުށަހެޅި ދުސްތޫރީ މައްސަލައެއް ކަމަށެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރުކަމުން ވަކިވި ކަމަށް ކަނޑައަޅާފައިވާ އަމީތު ވިދާާޅުވީ މިހާތަނަށް އަދި ރާއްޖޭގެ އެއްވެސް މިނިވަން މުއައްސަސާއަކުން ކައުންސިލެއްގެ ގޮނޑިވެސް މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ކަމަށް ނިންމައި އިއުލާން ކޮށްފައިނުވާ ކަމަށާއި މީގެ ކުރިން ވެސް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވެފައިވާ ކަމަށް ނިންމާފައިވަނީ ސުޕްރީމް ކޯޓުން ކަމަށެވެ.

"ގޮނޑި ގެއްލުނުކަން އިއުލާންކުރުން އެއީ އިލެކްޝަން ކޮމިޝަނުގެ ޒިންމާއެއް ނޫން. އިލެކްޝަނަށް ގާނޫނީ ގޮތުން މަތިކޮށްފައި އޮތީ ރާއްޖޭގައި ބޭއްވޭ ހުރިހާ އިލެކްޝަން ތަކެއް ބޭއްވުމާއި އެކަންކަމަށް ކުރަންޖެހޭ މަސަތްކަތް ކުރުން،" މަޖިލީހުގެ ގޮނޑި ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވިއެވެ.

ވިލިނގިލި ދާއިރާގެ މެމްބަރުކަމުގެ ގޮނޑި ހުސްވި ކަމަށް ކަނޑައަޅާފައިވާ ސައުދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ކަންތައްތައް ކުރަނީ ހިތުހުރިގޮތަކަށް ކަމަށެވެ.

"މިހާރު މިއޮތީ ސުޕްރީމް ކޯޓަކީ ނެތްތަނެއް ކަމަށް ބަލާފައި އިލެކްޝަން ކޮމިޝަނުން ހިތުހުރިހާ ގޮތަކަށް ކަންތައްތަކެއް ކުރައްވާފައި. މި ކަމުގެ ސަބަބަނުން އެތައް ރައްޔިތުންގެ ހައްގުތަކެއް އެބަ ގެއްލޭ،" މަޖިލީހުގެ ގޮނޑި ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބުނެފައި ވަނީ މެމްބަރެއްގެ ގޮނޑިއެއް ގެއްލިއްޖެކަމާ މެދު ޚިލާފެއް އުފެދިއްޖެނަމަ އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.

ގާނޫނު އަސާސީގެ 78 ވަނަ މާއްދާގައި ބުނެފައި ވަނީ ހުސްވާ މަޖިލިސް ގޮނޑިއަށް އެ ގޮނޑި ހުސްވި ތާރީޚުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެމްބަރަކު އިންތިޚާބު ކުރަންވާނެ ކަމަށެވެ. އަދި ގޮނޑި ހުސްވި ތާރީޚުން ފެށިގެން ކުރިއަށް އޮތް މަޖިލިސް އިންތިޚާބާ ދެމެދު އޮތީ ހަ މަސް ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ކަމުގައިވާނަމަ އިންތިޚާބު ބާއްވައިގެން ނުވާނެ ކަމަށް ވެސް އެ މާއްދާގައިވެއެވެ.

comment ކޮމެންޓް