ސިޔާސީ ޕާޓީތަކުން އަޚުލާގީ ގޮތުން ދަށުދަރަޖައިގެ ހަރަކާތްތައް ހިންގާނަމަ ކޮމިޝަނުގެ އެއްބާރުލުމެއް ނުލިބޭނެ: ޝަކީލް

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަކީލް -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ސަރުކާރު ޖަވާބުދާރީކުރަން ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކަކީ އަޚުލާގީ ގޮތުން ދަށުދަރަޖައިގެ ކަންކަމާއި، ކުށްތަކަށް އަރައިގަތުން ކަމުގައިވާނަމަ، އެފަދަ ކަންކަމަށް އިލެކްޝަންސް ކޮމިޝަނުގެ އެއްބާރުލުން ނުލިބޭނެ ކަމަށް އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

މި މަހުގެ އެއްވަނަ ދުވަހު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ދައުލަތުގެ މީޑިއާއަށް ދެއްވި ފުރަތަމަ އިންޓަވިއުގައި ޝަކީލް ވިދާޅުވީ، ސިޔާސީ ހަރަކާތްތައް ހިންގަން ވާނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށެވެ.

ޝަކީލް ވިދާޅުވީ ސިޔާސީ ޕާޓީތަކުން ހިންގިޔަސް އަޚުލާގީ ގޮތުން ދަށުދަރަޖައިގެ ކަންކަމާއި ކުށްތަކަށް އަރައިގަތުމަކީ އެއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، އެއީ އަނެކުންގެ ހައްގުތަކަށް އަރައިގަތުން ކަމަށެވެ.

https://sun.mv/224034

"ސިޔާސީ ޕާޓީތަކުން ހިންގިޔަސް އަޚުލާގީ ގޮތުން ދަށުދަރަޖައިގެ ކަންކަމާއި ކުށްތަކަށް އަރައިގަތުން ކަހަލަ ކަންކަމަށް ކޮމިޝަނުގެ އެއްބާރުލުމެއް ނުލިބޭނެ،" ޝަކީލް ވިދާޅުވިއެވެ.

ނަމަވެސް ގާނޫނީ އިމުގެ ތެރެއިން ހިންގާ ހަރަކާތްތަކަށް ކޮމިޝަނުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

އިންތިޚާބުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝަކީލް ވިދާޅުވީ، ކައިރިކައިރީގައި އިންތިޚާބުތައް ބޭއްވުމަކީ ދައުލަތަށް ވަރަށް ޚަރަދު ބޮޑު ކަމެއް ކަމަށެވެ. އޭގެ ބަދަލުގައި އިންތިޚާބުތައް އެއްކޮށް ބާއްވައިފި ނަމަ ރައްޔިތުންގެ ފައިސާއިން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ސަލާމަތް ކުރެވޭނެ ކަމަށާއި، އެ ފައިސާ ރައްޔިތުންނަށް ފައިދާހުރި އެހެން ކަންކަމަށް ބޭނުންކުރެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިލެކްޓްރޮނިކް ވޯޓިންއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝަކީލް ވިދާޅުވީ، ރާއްޖޭގެ މުޖުތަމައު އަދި އެފަދަ ނިޒާމަކަށް ތައްޔާރު ނޫން ކަމަށެވެ. އެފަދަ ވޯޓެއް ނެގުމުގެ ކުރިން ރައްޔިތުން އެކަމަށް ވަރަށް ބޮޑަށް ހޭލުންތެރިކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަނަކީ ވަކި ފަރާތަކަށް ބުރަނުވާ، މިނިވަން މުއައްސަސާއެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.

ޝަކީލް އަކީ މީގެ ކުރިން ވެސް އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމާއި ޑިރެކްޓަރު ޖެނެރަލްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި، ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އޭނާ ވަނީ ފުރުއްވާފައެވެ.

ކޮމިޝަންގެ ރައީސްކަމަށް އައްޔަންކުރުމާ ހަމައަށް އޭނާ ހުންނެވީ ވެރިކަންކުރާ ޕީއެންސީގެ ރަޖިސްޓްރާގެ މަގާމުގައެވެ.

comment ކޮމެންޓް