އޭޖީ އަނިލްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދައިފި

އެޓާނީ ޖެނެރަލް މުހައްމަދު އަނިލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެޓާނީ ޖެނެރަލް މުހައްމަދު އަނިލްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދައިފި އެވެ.

މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު "ސަން" އަށް ވިދާޅުވީ އަނިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު މަޖިލީހަށް ވައްދާފައި ވަނީ 24 މެމްބަރުންގެ ސޮޔާ އެކު ކަމަށެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް "ސަން" އަށް ވިދާޅުވީ އަނިލްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި އޭނާ ސޮއިކުރެއްވީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ޚިލާފަށް އަނިލްގެ އަމަލުތައް ހުރެއްވުމުން ކަމަށެވެ.

އާޒިމް ވިދާޅުވީ އެޓާނީ ޖެނެރަލް ކަމުގައި އަނިލް ހުންނަވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ދައުލަތުގެ މަސްލަހަތު އެއްކިބާކޮށް، އޭނާ ހިމާޔަތް ކުރައްވަނީ ވަކި ބޭފުޅެއްގެ މަސްލަހަތު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ކަނޑައެޅުމުގެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދީ ދިވެހި ރައްޔިތުންގެ ފަރާތުން ކަމުގައި އަނިލް ވިދާޅުވި ނަމަވެސް، އޭނާ އަކީ ރައްޔިތުން ތަމްސީލު ކުރުމުގެ އެއްވެސް ހައިސިއްޔަތެއް އޮތް ބޭފުޅެއް ނޫން ކަމަށާއި ރައްޔިތުން ތަމްސީލު ކުރައްވާނީ ރައްޔިތުން އިންތިޚާބުކޮށްފައިވާ މެމްބަރުން ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

މިއީ އިދިކޮޅު ކޯލިޝަނުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ފުރަތަމަ ފަހަރެވެ.

ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރިއަސް، އެ ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ނިންމޭނީ ސުޕްރީމް ކޯޓުން ނިންމުމުން ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

comment ކޮމެންޓް