ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދަން ރިޔާސީ ކޮމިޝަނެއް އުފައްދަވައިފި

ބަންޑާރަ ނައިބް މުހައްމަދު އަނިލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ދައުލަތައް ހިޔާނާތްވެފައިވާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް ކޮމިޝަނެއް ވަނީ އުފައްދާފަ-- ސަން ފޮޓޯ: ފަޔާޒު މޫސާ

ދައުލަތަށް ހިޔާނާތްވެފައިވާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އެ ކޮމިޝަން އުފެއްދެވީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ކަމަށާއި އެކޮމިޝަނަކީ އޮޑިޓާ ޖެނެރަލް އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ފާހަގަކޮށްފައިވާ ހިޔާނާތްތައް އަނބުރާ ހޯދަން އެކުލަވާލި ކޮމިޝަނެއް ކަމަށެވެ.

އެކޮމިޝަންގެ ނަމަކީ ކޮމިޝަން އޮން ސްޓޭޓް އެސެޓް ރިކަވަރީ އެވެ.

ކޮމިޝަންގައި ހިމެނޭ މެމްބަރުންނަކީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުޖުތާޒާއި ގާނޫނީ ވަކީލް ހަދީޖާ ހުސެން އާއި ޑރ. އިބްރާހިމް މަހުފޫޒް އަދި ގާނޫނީ ވަކީލް މުހައްމަދު ސަލީމް (ރޭނިސް ސަލީމް) އެވެ.

"އެ ކޮމިޝަނަށް ލިބިދީފައިވާ ބާރުތަކުގެ ތެރޭގައި އޮޑިޓާ ޖެނަރަލް އޮފީހާއި އެންޓިކަރޮޕްޝަން ކޮމިޝަނުން ނެރުއްވާފައިވާ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ، ދައުލަތަށް ލިބެން ޖެހޭ ފައިސާއާ ބެހޭ މައުލޫމާތާއި ލިޔެކިޔުންތައް ކަމާ ބެހޭ މުއްސަސާތަކުންނާއި އެހެނިހެން ފަރާތްތަކުން ބަލައި ހޯދައި ގެނައުމުގެ ފުރިހަމަ އިހްތިޔާރާއި ބާރާއި އަދި އެކަން ކުރުމަށް ޓަކައި އެ މުއްސަސާތަކަށް އަންގަން ޖެހޭ އެންގުންތައް އެންގުމުގެ ބާރު ލިބިފައިވޭ،" އަނިލް ވިދާޅުވި އެވެ.

ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން އެ ކޮމިޝަނުން ބަލައި، ދައުލަތަށް ލިބެން ޖެހޭ ފައިސާގެ މައްސަލަތައް ބަލައި ދިރާސާކޮށް، އެ މައްސަލަތަކާ ގުޅޭ ގޮތުން އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ ކޮމިޝަން އުފައްދާ ދުވަހުން ފެށިގެން ކޮންމެ މަހަކު އެއް ފަހަރު އެ ކޮމިޝަނުން މައްސަލަތައް ތަންފީޒުކުރަމުންދާ ގޮތުގެ މައުލޫމާތާއި މައްސަލަތައް ކުރިއަށް ގެންދިއުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ދިމާވެފައި ހުރި ހުރަސްތައް ހިމެނޭ ރިޕޯޓެއް ރައިސުލްޖުމްހޫރިއްޔާއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ތިން މަސް ވުމުން ކޮންމެ ތިން މަހުން އެއްފަހަރު އެ ރިޕޯޓް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ބަންޑާރަ ނައިބް ވިދާޅުވި އެވެ.

"އެ ކޮމިޝަނުން ލިބޭ މައުލޫމާތުތައް ރައިސުލްޖުމްހޫރިއްޔާއަށާއި ފިނޭންސް މިނިސްޓްރީ އަށާއި ޕޮލިހަށާއި ބަންޑާރަ ނައިބަށާއި އޮޑިޓާ ޖެނަރަލަށާއި ޕްރޮސިކިއުޓާ ޖެނަރަލަށް ހުށަހެޅުމަށް އަންގަވާފައިވޭ،" އަނިލް ވިދާޅުވި އެވެ.

ބަންޑާރަ ނައިބް ވިދާޅުވީ އެ ކޮމިޝަނުގެ ބޭނުމަކީ އަލުން ކޮރަޕްޝަންގެ މައްސަލަތައް ބަލައި ދިރާސާ ކުރުން ނޫން ކަމަށާއި އެ ކަންކަން ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެ ކޮމިޝަނުގެ މައިގަނޑު މައްސޫލިއްޔަތަކީ ދައުލަތަށް ލިބެން ޖެހޭ އެތައް މިލިއަން ފައިސާއެއް ހޯދުމަށް އަޅަން ޖެހޭ ފިޔަވަޅުތަކެއް އެޅުން ކަމަށް ވެސް ބަންޑާރަ ނައިބް ވިދާޅުވި އެވެ.

އެ ކޮމިޝަނުގެ މުއްދަތަކީ ރައީސް އެހެން ގޮތަކަށް ކަނޑަނާޅުއްވާހާ ހިނދަކު އެއް އަހަރު ދުވަހުގެ މުއްދަތުކަމަށް އަނިލް ވިދާޅުވި އެވެ.

ދައުލަތަށް ލިބެން ޖެހޭ ފައިސާތައް ހޯދުމަށް ޓަކައި ކޮމިޝަން އޮން ސްޓޭޓް އެސެޓް ރިކަވަރީ އިން މުސްތަގިއްލުކަމާ އެކު މަސައްކަތްކުރެއްވުމުގެ ފުރިހަމަ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ކޮމިޝަނަށް ދެއްވާފައި ކަމަށް ބަންޑާރަނައިބު ވިދާޅުވި އެވެ.

comment ކޮމެންޓް