ޓެރަރިޒަމާއި ދީންތަކުގެ މެދުގައި ހަމަނުޖެހުން އުފެއްދުމަށް ހިތްވަރުދޭކަމަށް ބުނެ އިންޑިއާއިން ހައްޔަރަކުރަން ބޭނުންވެގެން އުޅޭ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޒާކިރު ނައިކުގެ ޕާސްޕޯޓު އެންމެފަހުން އެގައުމުން ކެންސަލްކޮށްފިއެވެ.
އިންޑިއާގެ ނެޝެނަލް އިންވެސްޓިގޭޝަންގެ އޮފިޝަލަކު ހާމަކުރިގޮތުގައި ޕާސްޕޯޓު ކެންސަލްކޮށްފައި މިވަނީ ކޯޓަށް ހާޒިރުވުމަށް ތަކުރާރުކޮށް އެންގުމުންވެސް ޑރ. ނައިކް އެކަމަށް އިޖާބަ ނުދެއްވުމުންނެވެ.
ޑރ. ނައިކުގެ މައްޗަށް ކުރެވިފައިވާ ތުހުމަތު ތަކުގެ ތެރޭގައި ޓެރެރިޒަމަށް ހިތްވަރުދޭ ވާހަކަތައް ދެއްކުމާއި އަދި މަނީ ލޯންޑަރިންގެ މައްސަލަތައް ހިމެނެއެވެ.
ޑރ. ނައިކްގެ މަައްސަލަ އެންމެ ފުރަތަމަ ސަމާލުކަމަށް އައީ މިދިޔައަހަރު ބަންގްލަދޭޝްގައި ހިނގި ޓެރެރިސްޓުން ހަމަލާއަކަށް ފަހުއެވެ. ބަންގްލަދޭޝުން ބުނެފައިވާގޮތުގައި އެހަމަލާގައި ބައިވެރިވިމީހުން އެއަމަލު ހިންގައިފައިވަނީ ޑރ. ނައިކް ދެއްވާ ދަރުސުތަކުން ހިތްވަރު ލިބިގެންނެވެ. އެއަށްފަހު އިންޑިއާއިންވެސް ވަނީ އެމައްސަލައިގެ ތެރެއަށް ވަދެ ވަގުތުން ހާއްސަ ތަހުގީގެއް ފައްޓައިފައެވެ. އޭގެ ފަހުން ޒާކިރު ނައިކް އުޅެމުން އައިސްފައިވަނީ އަމިއްލައަށް އަރުވާލެވިގެން މެލޭޝިއާގައެވެ.
ޑރ. ޒާކިރު ނައިކް ވަނީ އޭނާއާ މެދު ކުރެވިފައިވާ ހުރިހާ ތުހުމަތުތައް ދޮގުކުރައްވައިފައެވެ. އަދި މިއީ މުސްލިމަކަށް ވީތީ ޒާތީ ގޮތުން ވަކިއަތަކަށް ޖެހިފައިވާ މައްސަލައެއްކަމަށް ޑރ. ނައިކްވަނީ ވިދާޅުވެފައެވެ.
އިންޑިއާގެ ބޮޑުވަޒީރުކަމަށް ނަރެންދުރަ މޯދީ ވަޑައިގެންނެވުމަށް ފަހު މުސްލިމުންނާމެދު ގެންގުޅެނީ މިއިން ޒަމާނަކުވެސް އިންޑިއާއިން ނުގެންގުޅޭފަދަ ހަރުކަށި ސިޔާސަތެކެވެ. އޭގެ ސަބަބުން އިންޑިއާގައި ދުވަހަކު ވެސް ނުދެކޭ ފަދަ ހަމަނުޖެހުންތަކެއް މުސްލިމުންނާއި ހިންދޫންނާ ދެމެދު ވަނީ އުފެދިފައެވެ. ގެރީގެ މައްސަލައިގައި މޯދީގެ ސަރުކާރުން ފުރިހަމައަށް މަދަދުދޭ ގްރޫޕްތަކުން ދަނީ އެތަކެއް މުސްލިމުންނެއް އެއްވެސް ހަމައެއް ލަމައެއްނެތި މަރަމުންނެވެ.
ޓެރެރިޒަމާއި ދީންތަކުގެ މެދުގައި އޮންނަ އަމާންކަން ނަގާލަން މަސައްކަތް ކުރާ ތުހުމަތުވެސް ވަނީ ޑރ. ޒާކިރު ނައިކުގެ މައްޗަށްކޮށްފައެވެ. އެފަދަ ތުހުމަތުތައް ކުރެވޭއިރު ފާހަގަކޮށްލަން ޖޭހޭ ކަމަކީ ހަރުކަށި ހިންދޫންގެ ލީޑަރުން ވަރަށް ބޮޑަށް ފިތުނައުފެދޭފަދަ ވާހަކަތައް ދައްކަމުންދާކަށެވެ. އެހެން ނަމަވެސް އެއިން އެއްވެސް ކަމަކަމަށް ފިޔަވަޅު އަޅާތަނެއް ނުފެނެއެވެ.
މެލޭޝިއާގައި އަމިއްލައަށް އަރުވާލެވިގެން ޑރ. ނައިކް އުޅުއްވާއިރު އިންޑިއާގެ މަދަދުލިބޭ މެލޭޝިއާގެ ހިންދޫ ޖާމާއަތްތަކުންވެސް ދަނީ ޑރ. ނައިކާ ދެކޮޅަށް މަސައްކަތްކުރަމުންނެވެ.
މެލޭޝިއާގެ ހިންދޫ ޖަމާއަތެއް ކަމަށްވާ ހިންދްރަފްއިން އިން ޒާކިރު ނައިކްއަކީ ޓެރެރިޒަމަށް ހިތްވަރުދޭ ފަރާތެއް ކަމަށްބުނެ ޑރ. ނައިކްގެ މައްސަލަ މެލޭޝިއާގެ ކޯޓަށް ހުށަހަޅާފައިވެއެވެ. މުސްލިމުންގެ އަޣްލަބިއްޔަތު އޮންނަ މޭލޭޝިއާއިން ވަނީ މެލޭ ހިންދޫންގެ ޑިމާންޑް ތަކަށް ބީރުކަންފަތެއް ދީފައެވެ.