ޕީޕީއެމުން ވަކިކުރިކަން އިލެކްޝަނަށް އަންގާފައި އެބައޮތް، އެކަން ކަށަވަރުވެއްޖެ: ވައްޑޭ، ސަައުދު، އަމީތު

އިލެކްޝަން ކޮމިޝަނުން މިއަދު ނުކުމެވަޑައިގެން ސައުދު އާއި ވައްޑޭ އަދި އަމީތު މީޑިއާ އަށް މައުލޫމާތު ދެއްވަނީ --- ފޮޓޯ/ ޓްވިޓާ

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ޕީޕީއެމް އިން ވަކިކޮށްދިނުމަށް އެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ ކަމަށް އެ މެމްބަރުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނަށް މިއަދު ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ލޯޔަރު ވައްޑެ ވިދާޅުވީ އެ ތިންބޭފުޅުން ޕާޓީން ވަކިކޮށްދިނުމަށްއެދި ޕީޕީއެމް އިން އެ ކޮމިޝަނަށް ސިޓީ ފޮނުވާފައި ވަނީ އީމެއިލް މެދުވެރިކޮށް ކަމަށެވެ. އަދި އެކަން އިލެކްޝަން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އެބޭފުޅުންނަށް ކަށަވަރުކޮށްދެއްވި ކަމަށް ވެސް ވައްޑެ ވިދާޅުވިއެވެ.

"މި ތިން މެމްބަރުންނަކީ ވެސް ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ބެއްލެވުމަށްފަހު ފިޔަވަޅު އަޅައި ވަކިކުރުމަށްފަހު އެ ސިޓީ އަޅުނގަޑުމެންނަށް ފޮނުވި ގޮތަށް މިތަނަށް (އިލެކްޝަން ކޮމިޝަނަށް) އީމެއިލް ކޮށްފަ މިއޮތީ ޕީޕީއެމްގެ އީމެއިލް އިން،" ވައްޑެ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ އީމެއިލަށް ޕީޕީއެމް އިން ފޮނުވި ހުރިހާ އެއްޗެއް ލިބިފައިވާއިރު، އެތަކެތި އެންޓްރީ ކޮށް ފޮތެއްގައި ވެސް ލިޔެފައި އެބަހުރި ކަމަށެވެ. އަދި އެ ފޮތް އެތަނުގެ މުވައްޒަފަކު އެބޭފުޅުންނަށް ދެއްކި ކަމަށާއި އެއީ އިލެކްޝަން ކޮމިޝަންގެ ސިސްޓަމުން ފާހަގަވި ރަނގަޅު ކަމެއް ކަމަށް ވައްޑޭ ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވި ގޮތުގައި އެމީހުން އިލެކްޝަން ކޮމިޝަނަށް އަލުން ދާން ޖެހުނީ، ޕީޕީއެމްގެ ފަރާތުން ގާނޫނީ ގޮތުން ނުކުރެވޭނެ އެތައް ކަމެއްކޮށް، ރައްޔިތުންގެ މަޖިލީހުން އަދާކުރަންޖެހޭ ޒިންމާތަކުން ދުރުކޮށް ހުރަސް އަޅަމުންދާތީއެވެ.

ސުޕްރީމް ކޯޓުން ވަނީ ރައްޔިތުން މަޖިލީހުގެ މެމްބަރަކު، އެ މެމްބަރަކު އިންތިހާބުވި ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް މިމަހުގެ 13 ވަނަ ދުވަހު ކަނޑައަޅާފައެވެ.

އެ ހުކުމުގައި ބުނެފައިވާ ގޮތުން، ޕާޓީގެ ޓިކެޓުގައި ވާދަކޮށް އެ ޕާޓީއަކުން ވަކިވާ، ނުވަތަ އެ ޕާޓީއަކުން ވަކިކުރާ ނުވަތަ އެ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވާ މެމްބަރުންގެ ގޮނޑި ގެއްލޭނެއެވެ.

އަދި ޕާޓީން ވަކިވި ކަމަށް ބަލާނީ އިލެކްޝަން ކޮމިޝަނުން އެ މެމްބަރަކު ޕާޓީން ވަކިވިކަން ރައްޔިތުން މަޖިލީހަށް އަންގާ ދުވަހުން ފެށިގެން ކަމަށް ބުނެފައިވެއެވެ.

ނަމަވެސް މިދިޔަ އާދީއްތަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވާ ގޮތުން، ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ގޮތްތަކެއް ކަނޑައަޅައި ސުޕްރީމް ކޯޓުުން ކުރި ހުކުމުގެ ކުރިން ހިނގާފައިވާ ކަމަކާ ގުޅިގެން މެމްބަރުންގެ ގޮނޑި ނުގެއްލޭނެއެވެ.

އެ އަމުރުގައި އަދި ވަނީ، ގޮނޑި ގެއްލޭނެ ގޮތަށް ސުޕްރީމް ކޯޓުން މިމަހުގެ 13 ވަނަ ދުވަހު ކުރި ހުކުމް ކުރުމުގެ ކުރިން މާޒީގައި ހިނގާފައިވާ އެއްވެސް ކަމަކަށް އެ ހުކުމުން ތަންފީޒު ކުރުން ހުއްދަވެފައިނުވާކަން އެ ހުކުމުން ސާފުކޮށް އެނގޭ ކަމަށެވެ.

އިލެކްޝަން ކޮމިޝަނަށް މިއަދު ވަޑައިގަތް މެމްބަރު އަމީތު ވިދާޅުވީ، އިންތިހާބުވި ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭނެ ގޮތަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ކުރިން ތަކުރާރުކޮށް އިލެކްޝަން ކޮމިޝަނަށް ސިޓީތައް ފޮނުވި ނަމަވެސް އެއްވެސް ސިޓީއަކަށް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.

އެގޮތުން، ދަފްތަރުން އުނިކޮށްދިނުމަށާއި ޕާޓީން ވަކިވާ ފޯމުގައި އަމިއްލަ ސޮޔާއި އިނގިލީގެ ނިޝާން ޖެހުމަށްފަހު ވެސް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާނެ ކަމަށް އަމީތު ވިދާޅުވިއެވެ.

މިކަމާ ގުޚޭގޮތުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ އެ ތިން ބޭފުޅުން ހެއްދެވީ އިތުރުފުޅެއް ކަމަށާއި ސިޓީއަކުން ވެސް އަދި އީމެއިލް މެދުވެރިކޮށް ވެސް އެ ތިން ބޭފުޅުން ޕާޓީން ވަކޮށްދިނުމަށް އެދިފައިނުވާނެ ކަމަށެވެ.

comment ކޮމެންޓް